ހަވީރު މައްސަލާގައި އަނިލް ދެއްކެވި ވާހަކަ އަށް ކޯޓުން ގޮންޖަހައިފި

ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުން ކުރި އަށް އޮތް ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާ ކުރެވޭނެ ގޮތެއް ނެތް ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވި ވިދާޅުވުމަށް ސިވިލް ކޯޓުން މިއަދު ގޮންޖަހައި އެ ވާހަކަތައް ދޮގުކޮށްފި އެވެ.


ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުން ކުރި އަށް އޮތް ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްްކަތް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނީ ހަވީރު ނޫސް ހިންގައިގެން ލިބެންޖެހޭ ފައިދާގެ މިންވަރު ކަނޑައަޅަން އެ ނޫހުގެ ތިން ހިއްސާދާރަކު ހުށަހެޅި މައްސަލައިގަ އެވެ. ކޯޓުން އަންގާފައިވަނީ އެހެން މީޑިއާއެއްގައި އެ މުވައްޒަފުން އުޅޭ ނަމަ އެކަމަށް ސަރުކާރުން ފިޔަވަޅު ވެސް އަޅަންޖެހޭނެ ކަމަށެވެ.

ހޯމް މިނިސްޓްރީ ހިންގުމާ ވެސް ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު އަނިލް ރޭ ވިދާޅުވެފައިވަނީ ކޯޓުން އެގޮތަށް އެންގިޔަސް ގާނޫނީ ގޮތުން އެ މުވައްޒަފުން އެހެން ތަނެއްގައި ވަޒީފާ އަދާ ކުރުން މަނާ ނުކުރެވޭނެ ކަމަށެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ އަނިލްގެ އެ ވާހަކައަކީ ބާތިލް ވާހަކައެއް ކަމަށް ކަނޑައަޅާ ކަމަށާއި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމް ބާތިލު ނުކުރާހާ ހިނދަކު އެ ހުކުމަށް އަމަލު ކުރަން އަމުރުކުރާ ކަމަށެވެ.

ކޯޓުގެ ނިންމުމާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ބުނެފައިވަނީ އެ ނިންމުމާ މެދު ހައިިރާންވާ ކަމަށާއި ބަޔަކު ވަޒީފާ އަދާ ކުރާ ކުރުން ހުއްޓުވުމުގެ ބާރު އެ ކޮމިޝަނަށް ނެތް ކަމަށެވެ.

ހަވީރު ނޫހުގެ ހިއްސާދާރުންގެ ދެމެދުގައި އުފެދުނު މައްސަލައަކާ ގުޅިގެން މިިދިޔަ އޭޕްރީލް މަހުން ފެށިގެން ހަވީރު ނޫހާއި އޮންލައިންގެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ އެ ނޫހުގެ ގިނަ މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ އެހެން މީޑިއާއެއްގަ އެވެ.