ރޮހިންޖާ ފަންޑަށް 18 މިލިއަނަށްވުރެ ގިނަ ރުފިޔާ، ހަފުތާއެއްގެ ތެރޭގައި ފައިސާ ފޮނުވަނީ

ރޮހިންޖާގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އިސްލާމިކް މިނިސްޓްރީން ހިންގި ހަރަކާތްތަކުން ލިބުނު 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަނގްލަދޭޝްގެ ރެޑްކްރެސެންޓާ ހަވާލު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިިރު މިއަދު ވިދާޅުވެއްޖެ އެވެ.


ރޮހިންޖާ ފަންޑާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޒިޔާދު ވިދާޅުވީ އެ ފަންޑަށް ފައިސާ ހޯދުމަށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެގޮތުން މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ އެކީ ބޭއްވި ފުޓްބޯޅަ މުބާރާތާއި ސަރުކާރުގެ އެކި ކުންފުނިތަކުން ވެސް ފަންޑަށް އެހީދީފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އަމިއްލަ ފަރާތްތަކުން ދީފައިވާ އެހީއާއެކު މިހާރުު 18.1 މިލިއަން ރުފިޔާ ލިބިފައިވާ ކަން ފާހަގަކުރެއްވި އެވެ.

"އެހީ ދޭނެ ކަމަށް ބުނެފައި، ނުލިބި މިހާރު އެބަހުރި ފަސް ލައްކައެއްހާ ރުފިޔާ. އެކަމަކު ފަންޑަށް ފައިސާ ހޯދުމުގެ މަސައްކަތްތައް މިހާރު ވަނީ ހުއްޓާލާފައި. އެހެންވެ ރާއްޖޭގެ އެމްބަސީގެ އެހީއާއެކު ހަފުތާއެއްގެ ތެރޭގައި ބަނގްލަދޭޝް ރެޑްކެރެސެންޓަށް އެ ފައިސާތައް ހަވާލުކުރެވޭނެ،" އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލިބުނު ފައިސާތައް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީއާއެކު ޑޮލަރަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރޮހިންޖާ އަށް އެހީވުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން އެކުލަވާލި ކޮމެޓީގެ މެމްބަރު އަދި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭން ދޭ ފައިސާގެ އެހީ، ދެމެހެއްޓެނިވި ކަންކަމަށް ހަރަދު ކުރުމަށް ހިިތްވަރު ދިނުމަށް ދަންނަވާނެ ކަމަށެވެ.

މިދިޔަ އޮގަސްޓް 25 ވަނަ ދުވަހު ހަމަނުޖެހުންތައް ހިންގަން ފެށުމުން މިޔަންމާގެ ރޮހިންޖާ ސްޓޭޓް ދޫކޮށް އެތައް ބަޔަކު ހިޖުރަކުރި އެވެ. އަދި އެ ހަމަނުޖެހުންތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. އިއްޔެ އދ. ގައި ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ އެ ހަމަލާތައް ކުށްވެރިކޮށްފަ އެވެ.