އިރުގެ ހަކަތައާ ގުޅޭ ގޮތުން ރާއްޖޭން ކުދި ގައުމުތަކަށް ނަމޫނާ ދައްކާނެ: ތޯރިގް

އިރުގެ ހަކަތައާ ގުޅޭ ގޮތުން ދުނިޔޭގެ ކުދި އެހެން ގައުމުތަކަށް ރާއްޖޭން ނަމޫނާ ދައްކާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ އިރުގެ ހަކަތައިގެ މައުލޫމާތު ހިމެނޭ "ސޯލާ ރިސޯސް އޯވަވިއު 2017" އިފްތިތާހު ކޮށްދެއްވުމަށް ފަހު "މިހާރު"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިރުގެ ހަކަތައާ ގުޅޭ މައުލޫމާތުތައް ރައްކާކޮށްފައި ހުރީ ރާއްޖެ ހިމަނައިގެން ވަރަށް މަދު ކުދި ގައުމެއްގައި ކަމަށެވެ. އެހެންވެ ރާއްޖޭގެ އިރުގެ ހަކަތައާ ގުޅޭ މައުލޫމާތުތަކަކީ، އެހެން ގައުމުތަކުން ވެސް ނަމޫނާއަކަށް ބަލާނެ ކަމެއް ކަމަށް ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓުގެ 30 ޕަސެންޓަކީ އިރުގެ އަލިން އުފައްދާ ހަކަތަ އަށް ހަދަން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ކުދި އެހެން ގައުމުތަކަށް ވެސް އެކަމުގެ ގޮންޖެހުންތައް ބޮޑު ކަން ފާހަގަކުރެއްވި އެވެ.

"ކުދި ގައުމުތަކުން ވެސް އިރުގެ ހަކަތަ އިން ބޮޑު ކާމިޔާބީއެއް ހޯދަން މަސައްކަތް ކުރޭ. ސްމޯލް އައިލެންޑް ސްޓޭޓްގެ ޗެއާގެ ހައިސިއްޔަތުން އެ ގައުމުތަކަށް ވެސް އެހީވުމަށް މަސައްކަތް ކުރާނަން. މޫސުމަށް އަންނަ ބަދަލުތަކުން ގައުމުތަކަށް ލިބޭ ގެއްލުން ކުޑަ ކުރުމާއި ތެޔޮ ބޭނުންކުރާ ވަރު ކުޑަ ކުރެވިގެންދާނެ،" ތޯރިގު ވިދާޅުވި އެވެ.

އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް (ވ-3)، އިރުގެ ހަކަތައިގެ މައުލޫމާތު ލިބޭ "ސޯލާ ރިސޯސް އޯވަވިއު 2017" ފޮތް މިއަދު ނެރެދެއްވަނީ. -- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ

އޭނާ ވިދާޅުވީ ކުދި ގައުމުތަކުގެ ތެރެއިން، އިރުގެ ހަކަތަ ނުވަތަ ތިމާވެއްޓާ ގުޅޭ ގޮތުން އެކި ޕްރޮގްރާމްތައް ބޭއްވުމުގައި ވެސް ރާއްޖެ އަކީ މަތީ ފަންތީގައި ހިމެނޭ ގައުމެއް ކަމަށެވެ.

ސޯލާ ރިސޯސް އޯވަވިއު ފޮތަކީ، ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ހުރި މިންވަރު ދެނެގަތުމަށް ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުން އެއްކުރި މައުލޫމާތުގެ މައްޗަށް އެކުލެވޭ ފޮތެކެވެ. އެ މައުލޫމަތުތައް ނަގާފައި ވަނީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ސޯލާ މެޝަރިން ސްޓޭޝަންތަކުންނެެވެ.

އެ ފޮތުގައި ގްރައުންޑް މެޝަމަންޓުތައް ބޭނުންކޮށްގެން 1999 އިން 2016 އާ ދެމެދުގެ މައުލޫމާތުތައް ހިމެނެ އެވެ. މި އަހަރު ނިމުމުން، މިދިޔަ އަހަރުގެ މައުލޫމާތުތަކާ އެކީ، ދެ އަހަރުގެ ގްރައުންޑް މެޝަމަންޓު ބޭނުންކޮށްގެން މައުލޫމާތުތައް އެއްކޮށްލާނެ ކަމަށް ބުންޏެވެ.