ޕީޕީއެމްގެ އިސްލާހީ އެޖެންޑާ އިއުލާންކުރައްވައި މީޑިއާތަކަށް މައުމޫން ބަޔާނެއް ދެއްވަނީ: ޕާޓީގެ ހިންގަން އެމަނިކުފާނު ވަނީ އެޖެންޑާއެއް އެކުލަވާލާފައި. -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
05 ޖުލައި 2016 - 11:22
ތިން ދުވަސް ތެރޭގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވައިދޭން އެދި ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފޮނުއްވި ސިޓީ އަށް އެ މަނިކުފާނު އިޖާބައެއް ނުދެއްވި އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލް ތަމްސީލްކުރައްވާ 33 މެމްބަރުންގެ ތެރެއިން 26 މެމްބަރަކު ސޮއިކުރައްވައި މައުމޫނަށް ފޮނުއްވި ސިޓީގައި ކައުންސިލް ބާއްވައިދޭން އެދިވަޑައިގަތީ ޕާޓީ ހިންގުން ހުއްޓުވާލައްވައި އިސްލާހީ އެޖެންޑާއެއް އިއުލާން ކުރެއްވި ސަބަބު އޮޅުންފިއްލެވުމަށެވެ. ސިޓީގައިވާ ގޮތުން، ކައުންސިލަކީ ޕާޓީގެ އެންމެ ބާރު ގަދަ ގުނަވަނަށްވެފައި މެމްބަރުންނާ މަޝްވަރާކުރުމެއް ނެތި ޕާޓީގެ ނިންމުންތައް މައުމޫނަކަށް ނުނިންމެވޭނެ އެވެ.
އެކަމަކު ތިން ދުވަސް ހަމަވިއިރު ވެސް މައުމޫން ކައުންސިލް ބައްދަލުވުމެއް ބާއްވަވާފައެއް ނުވެ އެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ ކައުންސިލް މެމްބަރުން އެދިވަޑައިގަތް ގޮތަށް ބައްދަލުވުމެއް ބާއްވަން މައުމޫން ވިސްނުންފުޅު ނުގެން ގުޅުއްވާ ކަމަށެވެ. އެ މަނިކުފާނު މިހާރު އިސްކަން ދެއްވަނީ އިއުލާން ކުރައްވާފައިވާ އިސްލާހީ އެޖެންޑާގެ ތެރެއިން ޕާޓީގެ ކަންކަން ހަމަ މަގަށް އަޅުވަން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް ކުރިއަށް ދަނީ: ތިން ދުވަސް ތެރޭ ކައުންސިލް ބާއްވައިދޭން އެ ގްރޫޕުން އެދިފައިވީ ނަމަވެސް މައުމޫން އިޖާބައެއް ނުދެއްވި.
- ޕާޓީގެ އޮނިގަނޑާއި ހިންގުން ހަރުދަނާކޮށް، ޕާޓީގެ އެތެރޭގެ ނިޒާމްތައް އިސްލާހުކުރުން. - ޕާޓީގެ މައިގަނޑު އުސޫލްތަކަށް ރުޖޫއަވުން. - ޕާޓީގެ އިންތިހާބީ މަގާމްތަކުގައި ތިބޭ ފަރާތްތައް އާއްމު މެމްބަރުންނަށް ޖަވާބުދާރީކުރުވުން. - ޕާޓީގެ ޓިކެޓްގައި އިންތިހާބުވެފައިވާ ފަރާތްތަކުގެ ގައުމީ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން ކަށަވަރުކުރުން.
- ގައުމީ ޖަލްސާ އަކީ ދެފުށްފެންނަ ގޮތަށް، ޕާޓީގެ ސައްހަ ގޮފިތައް ތަމްސީލްކުރާ އާއްމު މެމްބަރުންގެ އަޑު އުފުލޭ ޖަލްސާއަކަށް ހެދުން.
ކައުންސިލް ބައްދަލުވުމެއް ނުބާއްވައިފި ނަމަ، މައްސަލަ އަށް ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތް ފަށަން ރައީސް އަބްދުﷲ ޔާމީނާ އެކު މިދިޔަ ހަފުތާގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރުން ވަނީ މަޝްވަރާކޮށްފަ އެވެ.
މެމްބަރުން އެދިވަޑައިގެންނެވި ގޮތަށް ކައުންސިލް ނުބޭއްވެވިއިރު، މައުމޫން ފަޅީގައި ތިއްބެވި ޕީޕީއެމްގެ ބޭފުޅުންނާއި ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުންގެ މެދުގައި ބޮޑު މައްސަލަގަނޑެއް ވަނީ ފެށިފަ އެވެ. އެ ގޮތުން، އެއް ބަޔަކު އަނެއް ބައެއްގެ މައްސަލަތައް ބަލައިދޭން އެދި ސުލޫކީ ކޮމެޓީ އަށް އަންނަނީ މައްސަލަތައް ހުށަހަޅަމުންނެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދޭތެރޭ އުފެދުނު ހިޔާލު ތަފާތުވުންތައް ބޮޑުވެ، ޕާޓީ ދެ ފަޅި އަށް ފަޅައިގެން މި ދިޔައީ އިއުލާން ނުކޮށް ރަށްތައް ދޫކުރުމުގެ އިސްލާހަށް ވޯޓު ނުދެއްވަން އެ މަނިކުފާނު އެދިވަޑައިގެންފައި ވަނިކޮށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން އެ އިސްލާހު ފާސް ކުރެއްވުމުންނެވެ. އިސްލާހަށް ވޯޓު ނުދޭން މައުމޫން އެދިވަޑައިގަތުމުން ބައެއް މެމްބަރުން ވަނީ ފާޅުގައި އެ މަނިކުފާނަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިގުބޯ
05 July 2016
ފަހުތަޅާލުން ގަނޑުގެ ފެށުން. ނިމޭއިރު އަހަރުން އިރާދަކިރެވިއްޔާ މޮޅުވާނީ.
ޢަބްދުﷲނާފިޒު
05 July 2016
އަދުރޭއަށާ ނިހާނަށް މިހާރު ހުންނާނީ ރަނގަޅު ފިލާވަޅެއް ލިބި ތިމާމެންގެ ފެންވަރު ކޮންމެވެސް ވަރަކަށް އިހުސާސުކުރެވިފަ، ދެންވެސް ސައިޒް އޮޅިގެން ނޫޅޭނެކަމަށް އުއްމީދުކުރަން.
ދަންޑެހެލު
05 July 2016
ކޮން އިސްލާހީ އެޖެންޑާއެއް؟ ތީ ފެށުނު އިރުވެސް ފެއިލްވެފަ އޮތް ޕާޓީއެއް.
އަރުތަ
05 July 2016
ރައީސް މައުމޫނު ތި އެޅުއްވީ ވަރަށް ހަރުދަނާ ފިޔަވަޅެއް
އޭބީ
05 July 2016
ހަތަރެސްކަން ހަމަވީ
ސަލީފް
05 July 2016
ޕާރޓީ ކޮރަޕްޓު ކަމުން ޖަލްސާ އަކަށްވެސް ތަނެއް ނުދޭ! ޕަކާސް