ސިޔާސީ ވާދައިގެ ނަތީޖާއަކީ ދާހިލީ ހަނގުރާމައަކަށް ވެގެން ނުވާނެ: ރައީސް

ސިޔާސީ ވާދައިގެ ނަތީޖާއެއްގެ ގޮތުން ގައުމުގައި ދާހިލީ ހަނގުރާމައަކަށް ދާން ބޭނުންފުޅުނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ގައުމު ބިނާ ކުރުމުގެ މަސައްކަތުން އެކަކު ވެސް ބާކީވެގެން ނުވާނެ ކަމަށެވެ. ސިޔާސީ ހިޔާލު ތަފާތުވުންތަކަކީ ގައުމު ހަނގުރާމައަކަށް ވިޔަ ނުދީ، ގުޅިގެން އެންމެން މަސައްކަތް ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ސިޔާސީ ހިޔާލު ތަފާތުވުންތަކަކީ ގައުމު ހަނގުރާމައަކަށް ވިޔަ ނުދީ ގައުމުގެ ތަރައްގީގެ މަސައްކަތުގައި އެންމެން ބައިވެރިވާންވާނެ. ތަފާތު ވިސްނުންތަކުގައި ގައުމީ އިންތައް ކަނޑައެޅެން ވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަމާޒަކީ ރާއްޖެއަކީ އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ ގައުމަކަށް ވުމެވެ. އަދި ރާއްޖެ އަށް ލިބޭ ފައިސާ އިން ދަރަނި އަދާކުރުމާ އެކު އެތައް މަސައްކަތްތަކެއް އަދިވެސް ކުރަން އެބަ ހުރި ކަމަށް ވިދާޅުވި އެވެ.

ތިނެއް ނޮވެމްބަރު 1988، އިން މިސާލު ނަންގަވަމުން ރައީސް ވިދާޅުވީ މުޅި ދައުލަތުގެ ހިމާޔަތުގައި އުފައްދާފައި ހުރި އެންމެ އިސް މުއައްސަސާތަކަކީ ބޭރުގެ ފަރާތްތަކަށް އަތް ނުލެވޭ ތަންތަނަށް ހަދަން މަސައްކަތް ކުރުން މުހިންމު ކަމަށެވެ. އަދި މިއަދު ދުނިޔޭގެ ގައުމުތަކުގައި އަޅުވެތި ކުރުމުގެ ހިލިހިލާތައް އަޅުވަނީ ހަމައެކަނި ޓެރަރިޒަމްގެ ހަމަލާތަކުން ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

"މިއަދުގެ ދުނިޔޭގައި އެއް ގައުމެއް، އަނެއް ގައުމެއްގެ މައްޗަށް އަޅުވެތިކަމުގެ ދާތައް ފަތުރަނީ އިގްތިސާދީ އެކިއެކި ދަންތުރައިގެ ތެރެއިންނާއި ފިކުރީ ހަނގުރާމައިގެ ތެރެއިން. މިއަދު ދުނިޔޭގެ ގައުމެއް އަޅުވެތި ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ އިގްތިސާދީ ގޮތުން ގައުމެއް ބަލިކަށިކޮށްގެން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިގްތިސާދީ މިނިވަންކަން ގާއިމްކުރަން ސަރުކާރުން ކުރާ މަސައްކަތުގައި އެންމެ މުހިންމު ބައިވެރިއަކީ އަމިއްލަ ވިޔަފާރިތަކުގެ ސިނާއަތެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފަހުން އެންމެ ފުރަތަމަ މަސައްކަތަކަށް ވީ އިގްތިސާދު ކޮޅަށް ޖެހުން ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ގައުމުގެ މިނިވަންކަމާއި ދައުލަތް ބިނާ ކުރުމުގައި ވިސްނަން ޖެހޭ އަނެއް ކަމަކީ ގައުމަށާއި ދިވެހިންގެ ސަގާފަތާ ބީރައްޓެހި ފިކުރީ ހަނގުރާމަތަކަށް ފާރަވެރިވުން ކަމަށް ރައީސް ވިދާޅުވި އެވެ.

ފިކުރީ ހަނގުރާމަތަކުގެ ވިސްނުންތައް ފެތުރުމަށް ގައުމުގައި ކުރެވޭ މަސައްކަތަށް ސަމާލުވެ ތިބުމަށް ދިވެހި ރައްޔިތުންގެ ކިބައިން ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސް

"އެގައުމެއްގެ ސަގާފަތާއި ބީރައްޓެރި ފިކުރުތައް އެ ގައުމެއްގައި ފަތުރައިގެން ބޭރުގެ ބަޔަކު ފިކުރާވާ މީހުންނަށް ވެރިކަމަށް އައުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުފަހިކޮށްދީފައި އެބަހުރި. އެތައް ގަރުނެއްގެ ތާރީހެއް ލިބިފައިވާ ގައުމުތައް ސުންނާފަތިކޮށް ނެތިކޮށްފައި އެބަހުރި،" ރައީސް ވިދާޅުވި އެވެ.

ދިވެހި ދައުލަތުން އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނުދިނުމުގެ ސިޔާސަތު ދަމަހައްޓާ ހިނދަކު، އެއާ ދެކޮޅަށް މަސައްކަތް ކުރާނެ ބަޔަކު ތިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމުތަކުގެ އިމާރާތްތަކާ ދެކޮޅަށް ދެވޭ ހަމަލާތައް ހަމަ ލޮލަށް ފެނުނަސް، ދައުލަތުގެ މުއައްސަސާތަކާ ދެކޮޅަށް ދޭ ހަމަލާތައް އަބަދު ނުފެންނާނެ ކަމަށެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކަށް ކޮންމެ ދުވަހަކުހެން ހަމަލާތައް އަންނަމުންދާ ކަމަށާއި އެހެންވެ ދިވެހި ދުސްތޫރީ އޮނިގަނޑު ވަރުގަދަ ކުރުމަކީ މުހިންމު ކަމެއް ރައީސް ވިދާޅުވި އެވެ.

ދުސްތޫރީ އޮނިގަނޑުގައި ފުރިހަމަ ނުވާ ކަންތައްތަކާއި މުއައްސަސާތަކުގައި ހުރި ބަލިކަށިކަމާއި އިޖުތިމާއީ ފޭރާމުގައި ހުރި ބާތަކުގެ ނާޖައިޒު ފައިދާ ނަގައިގެން ގައުމިއްޔަތު އިތުރަށް ބަލިކަށި ކުރަން ޖާގަ ނުދެއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.