ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލްކުރައްވާ، މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް: އަދާލަތުން ދެކޭ ގޮތުގައި އަންނަ އަހަރަށް ލަފާކުރި ބަޖެޓުގެ ސަބަބުން އިގްތިސާދީ މައްސަލަތައް އިތުރަށް ގޯސްވާނެ. --ފޮޓޯ/ނިޝާން އަލީ/މިހާރު
20 ނޮވެމްބަރ 2017 - 12:23
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓަކީ މާލެ އާއި އަތޮޅުތަކާ މެދު ވަރަށް ބޮޑަށް ތަފާތުކޮށްފައިވާ އަދި މިހާރު ހުރި އިގްތިސާދީ ބޮޑެތި މައްސަލަތައް ވެސް އިންތިހާ އަށް ގޯސްވާނެ ބަޖެޓެއް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
ބަޖެޓު ދިރާސާކުރުމަށް ފަހު އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނީ އެއީ އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ދަރަނީގެ މައްސަލަ އާއި އިންވެސްޓަރުންގެ އިތުބާރު ނެތުމާއި ވިޔަފާރިތަކާއި ބޭންކްތަކުން ލޯނު ހޯދަން އާއްމުންނަށް ދަތިވެފައިވާ މައްސަލަތައް ފަދަ އެތައް ކަމެއް ގޯސްވެ، އިގްތިސާދަށް އިންތިހާ އަށް ގެއްލުންވާނެ ބަޖެޓެއް ކަމަށެވެ. އަދި އެ ބަޖެޓުގެ ސަބަބުން 2018 ވަނަ އަހަރުގެ ރިކަރަންޓު ޚަރަދާއި ބަޖެޓު ޑެފިސިޓު އެތައް ގުނައެއް ބޮޑުވެ، އިގްތިސާދަށް ނުރައްކާ ފޯރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"ބަޖެޓުގައިވާ ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު މި ބަޖެޓަކީ މާލެ އާއި އަތޮޅުތަކާ ދެމެދު ވަރަށް ބޮޑަށް ތަފާތު ކުރެވިފައިވާ ބޭއިންސާފު ބަޖެޓެކެވެ. އަދި އަތޮޅުތަކުގެ އެކި ރަށްތަކުގެ މެދުގައި ވެސް ބަޖެޓުގައި ވަރަށް ބޮޑަށް ތަފާތު ކުރެވިފައިވެ އެވެ،" އަދާލަތުން ބުންޏެވެ.
އެ ޕާޓީން ބުނީ އަތޮޅުތަކުގެ ތަރައްގީ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް އެކަށީގެންވާ ގޮތެއްގައ މި ސަރުކާރުން ތަންފީޒުކުރުމަކީ ވެސް ނާދިރު ކަމެއް ކަމަށެވެ.
"ދެހާސްސަތާރަ ވަނަ އަހަރު ކަން ހިނގަމުންދާ ގޮތަށް ބަލާއިރު އަދި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ސަރުކާރުގެ ނާގާބިލުކަމަށް ބަލާއިރު 2018 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ ވަރަށް ނާދިރު ކަމެކެވެ،" ބަޔާނުގައި ވެ އެވެ.
އަދާލަތުން ބުނިގޮތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވީ ނަމަވެސް އެ އަދަދަށް އާމްދަނީ ހޯދުމުގެ ގާބިލްކަމެއް ސަރުކާރުގައި ނެތެވެ. ސަބަބަކީ، ބަޖެޓް ތަންފީޒުކުރަން ސަރުކާރުގެ ނުކުޅެދުންތެރިކަން ހުރި މިންވަރުންނާއި ކޮރަޕްޝަނާއި ފަސާދަ އަށަގަނެފައި އޮތް މިންވަރުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ބަޖެޓު ޑެފިސިޓްގެ ގޮތުގައި އަރާނީ 2.5 ބިލިއަން ރުފިޔާ ކަމަށް ސަރުކާރުން އަންދާކޮށްފައި ވިޔަސް، އަދާލަތު ޕާޓީން ދެކޭގޮތުގައި، އެ އަދަދު އެއަށް ވުރެ މާ ބޮޑަށް އިތުރުވާނެ އެވެ.
އެ ޕާޓީން ބުނީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 25.6 ބިލިއަން ރުފިޔާގައި ކަމަށެވެ. އެކަމަކު ހަތަރު އަހަރުގެ ތެރޭގައި ދަރަނި ބޮޑުވެ އަންނަ އަހަރުގެ ނިޔަލަށް މި އަދަދު 49.1 ބިލިއަން ރުފިޔާ އަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"މިއީ 2013 ވަނަ އަހަރު މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނި ހުރި މިންވަރަށް ވުރެ 23.5 ބިލިއަން ރުފިޔާ ނުވަތަ %92 އިތުރު އަދަދެކެވެ،" ބަޔާނުގައިވެ އެވެ.
ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ސަރުކާރަށް ދީފައިވާ މުހިންމު ލަފާތަކަށް ރިއާޔަތްނުކޮށް، ސަރުކާރުން 2018 ވަނަ އަހަރަށް ހުށަހަޅާފައިވާ އަމާޒެއް ނެތް ބަޖެޓާ މެދު ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށް ވެސް އަދާލަތުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރީފް
21 November 2017
ޢަދާލަތު ޕާޓީން ކޮން ދިރާސާއެއް ހެދޭނީ ދެފުއް ދެގޮތް ޕާޓީެއް ތީ. މަގޭ މެމްބަރުކަންވެސް މަ އަނބުރާ ނަގައިފިން. ކިޔާ އެއްޗަކާ ޢަމަލަކާ ދިމައެއްނުވޭ.
ހަލިމަތު
21 November 2017
ކިތަންމެ ބޮޑު ބަޖެޓެއް ހެދިޔަސް ރައްޔިތުން ޖީބަށް ލުއި ވަންޏާ ނިމުނީ. ބަޖެޓުގެ ވާހަކަ ދައްކަނީ ހަމަ ކިރިޔާ އެ ކިޔަން އިގޭ ބަޔަކު. ރިޒާވްގަ ހުންނަ ބައިވެސް ބޭނުން ކުރަން ޖެހޭ ފަހަރު އަންނާނެ. އެންމެ ރިސޯޓެއް ވިއްކާލީމަވެސް އެކަން ހަމަޖެހޭނެ.
އަލްޖިބްރާ
20 November 2017
ތިބަޖެޓަކީވެސް ވަކިބަޔަކު ބޭނުންވެގެން ހިލާ ހިލުންގަޑެއް ! ތިޔަކަމަކުން ދިވެހިންނަށް ކުރާނެ ފައިދާއެއް ނޯންނާނެ ! ކަންތައްތައް ކުރާގޮތްވެސް މިއޮށްދަނީ ފެންނަމުން ! ޤައުމު ދަރާވިކި ހުސްވާއިރުވެސް ތިޔަމަޖްލީހުގެ އަޣްލަބިއްޔަތު ( ޕިންކީން ) އޮތް މީހުން އެމީހުނަށް ލިބޭބައިވަރު ގިނަވީމާ އެތިބެނީ އަގައިގާ މަލަން އަޅައިގެން ! އާޚިރު ނަތީޖާ ވަރަށް ހިތިވާނެ !
ހހހހ
20 November 2017
ފަސާދަ ހިނގާނެތާ.މެންބަރުންނަކީވެސް ބިޑްކޮށްގެން ގަންނައެއްޗަކަށްވީމަ. ދީނީވީމަ ފައިސާގަ ހިފަން ނުކެރިގެން ވަތުކިބައާ ފައިސާ ހަވާލުވާން ޖާމިނު ކޮށްފަ މިދަނީ ރާއްޖޭންބޭރަށް
ބަޖެޓް
20 November 2017
ވަރަށް ރަގަޅު ވާހަކައެއް އަދާލަތުން ތިޔަ ބުނީ. އަދި ގަވަރުނަރު ވެސް ވިދާޅުވަނީ ހަމަ ތިޔަހެން. ގައުމު އެކީއެކަށް އޮޔާ ނުދަނީސް ދިވެހިން ހޭއަރަން ވެއްޖެ، އިނގޭތޯ!!!
ޙައވާނިކެ ތަރައްގީ
20 November 2017
ކުނޫޒުގަ ބަހުސްކުރާ ބަޖެޓުންލިބޭނެ... އެބަޖެޓުގަ ހިމަނާލާ އަނާރާ ބޭނުންވާ ކަންކަން... އެބަޖެޓުން ތަރައްގީވާނެ ދާއިރާ... ކިތައް އަހަރު ބަޖެޓަށް ވޯޓުދިނިން؟ ތިޔައީވެސް ދީނީ އިލްމު އުގެނިގެން އިން ބޭކަބަލެތިއީ.. ދެންތިބި ތިން އަންހެނުންގެ ވާހަކަ ނެތިންދައްކަން.. ރަގަޅުވި ބަޖެޓެއް ރަގަޅު ސަރުކާރެއް ރަގަޅު ވެރިޔެއް އަދާލަތަށް އާއިތަ؟ ޕާޓީ އުފެދުނީއްސުރެ... މިއަށ ޖަވާބު ދިނުމުން ދެން ތިވެގެން އުޅޭގޮތް... ވަރަށް ސާފު..
އަޙްމަދުބޭ
20 November 2017
ކުރިން އަނާރާއަކީ ހަމަ ފެވަރިޓް މިހާރު ވަރަށް ފޫހިވޭ ސިޔާސީ ދާއިރާއަށް ނިކުތީމައިކަންނޭގެ ކުރިން ވަރަށް ބަލަން އަނާރާގެ ޕްރޮގްރާމެއް އަޔަސް މިހާރު ކުރިންހުރި މާތްގޮތް މޫނުމަތިން ނުފެނޭ
ފިޔޯއް
20 November 2017
ރާއްޖޭގެ ބަޖަޓުން މާލެ ނޫން ސަރަހައްދުތަކަށް 20 ޕަސެންޓް ކަމުގައި ވަނީނަމަ ވޯޓްވެސް ހައްޤުވާނީ 20 ޕަސެންޓް ނޯންތޯ؟
ޖަމީލުބ
20 November 2017
ކޮމެންޓު ކުރާ ކިތައް ކުދިންތޯ އެޕާޓީން ނެރުނު ބަޔާން ކިއުއްވީ؟
52896
20 November 2017
ކުރުކޮށް ފޮނިކޮށް. ކޮންމެ އަހަރަކުވެސް ގާތްގަޑަކަށް 4-5 ބިލިއަން ތަރައްގީ ބަޖެޓެއް ފާސްކުރޭ. އެއީ ރިކަރެންޓް ހަރަދު ނުހިމަނާ. އެ ތަރައްގީ ބަޖެޓުން 4 ބިލިއަން ޖެހިއްޔާ 3 ބިލިއަން ދާނީ މާލެއަށް. އަނެއް 1 ބިލިއަން އަނެއް 20 އަތޮޅަށް އެސްޓީއޯ ރޭޓުން ބަހާލާނެ. މާލޭ މީހެއްގެ ބޮލަކަށް 50 ހާސް މަގުން ސަރުކާރުްން ތަރައްގީ ކުރަން ހޭދަކުރޭ. ރާއްޖެތެރޭ ބޮލަކަށް 3 ހާސް. އެކަމަކު ޓެކްސް ދައްކަނި މާލެއަސް ރާއްޖެތެރެއަސް އެއްވަރަކަށް. އަދި ތަރައްގީގެ ގޮތުން އެންމެ ނިކަމެތީވެސް ރާއްޖެތެރެ. ޕީއެސްއައިޕީ ބަލާފަ މިނޫސްވެރިން ކަންނެތް ކަމުން އެއްޗެއް ލިޔާކަށް ނުކިިިިިިިިިިިިިެރޭ