ހުކުރު މިސްކިތުގެ ޕާކްގައި ކެފޭ ހަދަން އިދިކޮޅު ޕާޓީތަކުން ދެކޮޅު ހަދައިފި

މާލޭ ހުކުރު މިސްކިތުގެ ޕާކްގައި ކެފޭއެއް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކުން މިއަދު ގޮވާލައިފި އެވެ.


ސިޔާސީ ޕާޓީތަކުގެ ދެކޮޅު ހެދުން އައިއިރު، ހުކުރު މިސްކިތް ހިމެނޭ ސަރަހައްދުން ބައެއް، ބަގީޗާއެއްގެ ގޮތުގައި ތަރައްގީކޮށް އެތަނުގައި ކެފެޓޭރިއާއެއް ހަދަން ހައުސިން މިނިސްޓްރީން ކުރި އިއުލާން މިއަދު ވަނީ ބާތިލްކޮށްފަ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އިއުލާން ބާތިލް ކުރީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަން އިތުރަށް ދިރާސާ ކުރުމަށެވެ. ނަމަވެސް އެ ތަނުގައި ކެފޭއެއް ނޭޅުމަކަށް އަދި ނުނިންމަ އެވެ.

އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގެ އާސާރީ ތަރިކަ ނައްތާލުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ހާއްސަކޮށް މިސްކިތްތަކަށް އިހާނެތިކޮށް ހިތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ދިވެހި އުންމަތުގެ މިނިވަންކަމަށްޓަކައި ލެޔާއި ދަލުން ޖިހާދު ކުރެއްވި ބަތޮލުންގެ ގަބުރުތަކަށް ރައީސް ޔާމީންގެ ފަސްގަނޑުން ޖާގަ ނެތް ކަމަށާއި ރައީސް ޔާމީންގެ ވެރިކަން ލިޔެވިގެން ދާނީ ދިވެހި ވަންތަކަމަށާއި ދިވެހި ގައުމިއްޔަތަށް ހިޔާނާތްތެރިވި ވެރިކަމެއްގެ ގޮތުގައި ކަމަށް އެ ޕާޓީން ބުންޏެވެ.

ޖުމްހޫރީ ޕާޓީން ބުނީ އާސާރީ ތަންތަނަކީ ސަރުކާރުން ހިމާޔަތް ކުރަން ޖެހޭ ތަންތަން ކަމަށާއި އެތަންތަން ހަލާކުކޮށްގެން ނުވާނެ ކަމަށެވެ. ހުކުރު މިސްކިތަކީ 300 އަހަރަށް ވުރެ ގިނަ ދުވަސްވީ މިސްކިތަކަށް ވާއިރު، އެ ސަރަހައްދުގައި ކެފޭއެއް ހެދުމަށް ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް އެ ޕާޓީން ބުންޏެވެ.

އަދާލަތު ޕާޓީގެ ޓުވީޓު.

ހުކުރު މިސްކިތް ހިމެނޭ ސަރަހައްދުގައި ކެފޭއެއް ހަދަން ނިންމުމުން ތާރީހަށް ލޯބިކުރާ މީހުން އެކަން ސިފަ ކުރީ ރާއްޖޭގެ ތާރީހީ ބިނާތަކާއި ތާރީހީ ތަންތަން ނައްތާލަން ސަރުކާރުން ކުރާ ކަމެއްގެ ގޮތުގަ އެވެ.

ހުކުރު މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ތަނަކަށް ވާއިރު އެ ތަނުގައި ކެފޭއެއް ހަދައިފި ނަމަ އެތަން އެ ލިސްޓުން އުނިވާނެ ކަމަށް ވެސް އެ ދާއިރާގެ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ޓުވީޓު.

ހައުސިން މިނިސްޓްރީން ތަރައްގީ ކުރަން ނިންމީ މުލިއާގޭ ކުރިމަތީގައި ކުރިން ވެސް ބަގީޗާއެއްގެ ގޮތުގައި އޮތް ސަރަހައްދެވެ. މާލޭގައި މިހާރު ހުރި އެންމެ ތާރީހީ ބިނާތަކުގެ ތެރޭގައި މާލޭ ހުކުރު މިސްކިތް ހިމެނެ އެވެ. އެއީ ރާއްޖޭގެ ތާރީހު ރަމްޒުކޮށްދޭ ބިނާއެކެވެ. ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު ތަރައްގީ ކުރާނީ އެ ސަރަހައްދުގައި ހުރި އާސާރީ އެއްވެސް އެއްޗަކަށް ގެއްލުން ނުލިބޭ ގޮތަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.