ފްލެޓް ވިއްކުން މަޑުޖައްސާލިކަން އެޗްޑީސީން އިއުލާންކޮށްފި

މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރި ފްލެޓްތައް ވިއްކުން މެދުކަނޑާލިކަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު އިއުލާންކޮށްފި އެވެ.


އެޗްޑީސީން މިއަދު މެންދުރެއްހާއިރު އެ އިއުލާން ނެރުނީ، ފްލެޓް ގަތުމަށް ފޯމު ހުށަހަޅަން ގިނަ ބަޔަކު، ދެ ދުވަސް ކުރިން ކިޔޫ ހަދައިގެން ތިއްބައި އެކަން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ޓްވީޓަކުން ކެންސަލް ކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އެޗުޑީސީގެ އިއުލާންގައި ވެސް އޮތީ މުއިއްޒު ކުރެއްވި ޓްވީޓްގައި ހިމެނޭ ވާހަކަތަކެވެ. އެޗުޑީސީގެ ކަންކަން ބެލެހެއްޓެވުމުގެ އެންމެ އިސް ފަރާތަކީ ހައުސިން މިނިސްޓަރެވެ.

ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރި 264 ފްލެޓްގެ ތެރެއިން، 105 ފްލެޓް ވިއްކުމުގެ ފޯމް ހޯދަން ގިނަ ބަޔަކު ކިޔޫ ހެދުމުން މިނިސްޓަރު ރޭ 11 ޖަހާކަންހާއިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފްލެޓް ގަތުމަށް "ރައްޔިތުން ކިޔޫ ހަދަން ޖެހުމަކީ ސަރުކާރުން ގަބޫލުކުރާ ކަމަކަށް" ނުވާ ކަމަށެވެ.

އަދި ފަސޭހަ ގޮތެއް ހަމަޖެއްސުމަށް، ފްލެޓްތައް ވިއްކުން މަޑުޖައްސާލާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު އެޗުޑީސީން ނެރުނު އިއުލާނެއް މިނިސްޓަރުގެ ޓްވީޓަކުން ކެންސަލްވާނެތޯ ބައެއް މީހުން ސުވާލު އުފެއްދި އެވެ. އެހެންކަމުން އެޗުޑީސީއަށް ވެސް އޮންނާނީ ކުރީގެ އިއުލާން ކެންސަލްކޮށް، ނުވަތަ ފްލެޓް ވިއްކުން މަޑުޖައްސާލިކަން އިއުލާންކުރުން ކަމަށް، ކިއޫގައި ތިބި ބައެއް މީހުން ބުނެފައިވެ އެވެ.

އެޗްޑީސީގެ އިއުލާނެއްގައި ބުނެފައި ވަނީ "ފްލެޓް ގަތުމަށް ގިނަ ބަޔަކު ކިޔޫ ހަދަމުންދާތީ، ކިޔޫގައި ނުޖެހި، ލުއި ފަސޭހަ ގޮތެއް ހަމަޖެހެންދެން ފްލެޓްތައް ވިއްކުން މެދުކަނޑާލައިފައިވާ" ކަމަށެވެ.

ފްލެޓް ވިއްކުމުގެ ފޯމް ދޫކުރުން އަލުން ފަށާނެ އިރެއް ކަމާ ބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެ އެވެ. އެޗްޑީސީން ބުނިގޮތުގައި ފޯމު ދޫކުރާނީ 100،000ރ.ގެ ބޭންކް ގެރެންޓީ ގެންދާ ފަރާތްތަކަށެވެ. ފްލެޓެއް ވިއްކުމަށް ނިންމާފައިވަނީ ދެ މިލިއަން ރުފިޔާ އަށެވެ. އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"ގެ ފްލެޓްތައް 268 މީހަކަށް ގުރުއަތުން ލިބިފައިވާއިރު ފްލެޓްތައް ލިބެނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ މީހުންނަށެވެ. ވިއްކާލަން އިއުލާންކުރީ ފައިސާ ނުދެއްކު މީހުންނަށް ލިބުނު ފްލެޓްތަކެވެ.