އިނގިރޭސި ވިލާތުގެ ކުންފުންޏަކަށް މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަން!

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ހަރަކާތްތައް އިންތިޒާމު ކުރުމަށް، އިނގިރޭސި ވިލާތުގެ ކުންފުންޏަކާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.


މިނިވަން 50 ފާހަގަކުރަން ބޭއްވި ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތަށް ބޭނުންވާ ތަކެތި ހޯދަން ހޯމް މިނިސްޓްރީން ހަވާލު ކުރީ އިނގިރޭސި ވިލާތުގެ "ދަ ޕްރޮޖެކްޝަން ސްޓޫޑިއޯ"އާ އެވެ.

އެކަމަކު، އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރުމަށް 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ (ނުވަ ލައްކަ ޑޮލަރު) ދިނީ މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް، ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަނާޅާ ކަމަށް، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ އާންމު ކުރެއްވި ރިޕޯޓުގައި ވެ އެވެ. އަދި ކޮރަޕްޝަނާއި ފަސާދަ އަށް މަގުފަހިވާ ގޮތަށް އޭގެ ތެރެއިން ތިން މިލިިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރި ކަމަށް ރިޕޯޓުގައި ވެ އެވެ.

ހޯމް މިނިސްޓްރީގެ 2015 ގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އިނގިރޭސި ވިލާތުގެ ކުންފުންޏާ ހަވާލުކުރީ ލައިޓް، ސައުންޑް، ޕްރޮޖެކްޝަން، ވީޑިއޯ، މެޕިން ލޭޒާ އަދި ފޮގްސް ކުއްޔަށް ގެނެސް، ދަނޑުގައި ތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތެވެ.

އެކަމަކު، އެ މަސައްކަތް ހޯމް މިނިސްޓްރީން ހަވާލުކުރީ ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީގައިވާ ގޮތަށް އެއްވެސް ފަރާތެއްގެ ކޯޓޭޝަނެއް ނުހޯދައި ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އޮޑިޓްގައި ބުނެފައ ވަނީ، އެ މަސައްކަތް އިނގިރޭސި ވިލާތުގެ ކުންފުންނާ ހަވާލުކުރީ ވާދަވެރި މާހައުލެއްގެ ތެރެއިން، ދައުލަތަށް އެންމެ ފައިދާ ހުރި، އެންމެ ރަނގަޅު ގޮތުގައި ކަން ޔަގީން ކުރެވެން ނެތް ކަމަށެވެ. އަދި ގަވައިދާ ހިލާފަށް މަސައްކަތުގެ 90 ޕަސަންޓު އެޑްވާންސް ފައިސާގެ ގޮތުގައި ކުންފުންޏަށް ދީފައި ވެ އެވެ.

ފިނޭންސްގެ ސިޓީން، ޚަރަދު ކުރުމުގެ ހުއްދަ ދިން ނަމަވެސް، އަގު ހެޔޮކުރެވެން އޮތް ނަމަ، އެކަން ކުރުމަށާއި އެޑްވާންސް ފައިސާ ދޭން ޖެހޭނަމަ، ވީހާވެސް ކުޑައަދަދެއް ދިނުމަށް އެންގިއިރު، އެ އަގާއި އެޑްވާންސް ފައިސާ ކުޑަ ކުރުމަށް ހޯމް މިނިސްޓްރީން މަސައްކަތް ކުރިކަން ލިޔެކިޔުމުން އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ވެ އެވެ. މި މަސައްކަތުގެ އެޑްވާންސް ޕޭމަންޓް ހެދި ފަހުން، ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމޭނީ އިތުރަށް ފައިސާ ލިބުމުން ކަމަށް ބުނެ ހޯމް މިނިސްޓްރީ އަށް އެންގި ކަމަށް ރިޕޯޓުގައި ވެ އެވެ.

އެހެންވެ، އެއްބަސްވުމުގައިވާ އަގުގެ އިތުރުން ދެ މިިލިއަނަށް ވުރެ ގިނަ ރުފިޔާ އިނގިރޭސި ވިލާތުގެ ކުންފުންޏަށް ދެއްކި ކަމަށާއި މިއީ އެ ކުންފުނިން ގަސްދުގައި އޮޅުވާލައިގެން ހޯދި ފައިސާ ކަމާއި ހޯމް މިނިސްޓްރީން މި ފައިސާ ދައްކާފައި ވަނީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެ އެވެ.

މީގެ އިތުރުން އަލިފާން އަރުވައިދޭ ނިޒާމަށް ބޭނުންވާ ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ފޮނުވީ، މިތަކެތި ކުއްޔަށް ހިފުމަށް މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް އިއުލާން ކުރުމެއް ނެތި ކަމަށް ވެސް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި ގަވައިދާ އެއްގޮތަށް އެއްބަސްވުން އެކުލަވާލާފައި ނުވާއިރު، ކުއްޔަށް ހިފުމުގެ އަގާއި އެޑްވާންސް ފައިސާގެ ގޮތުގައި ދިން ކަމާއި މިތަކެތި ލިބުނު ކަން އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތް ކަމަށް ރިޕޯޓުގައި ވެ އެވެ.

ހަމައެއާއެކު، ގަލޮޅު ދަނޑުގައި ޖުލައި 27، 2015 ގައި ބާއްވަން އުޅުނު ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު ޖުލައި 31، 2015 އަށް ފަސްވުމާ ގުޅިގެން، ކުއްޔަށް ގެންދިޔަ ތަކެތީގެ ޚަރަދަށް އިތުރަށް ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހުނު ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.

އެހެންކަމުން އެ މަސައްކަތަށް 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާއިރު، މި މަސައްކަތާ ގުޅޭ ކަންކަން ހިންގުމުގައި އަމަލުކޮށްފައިވާ ގޮތުން ދައުލަތުން އެތައް ފައިސާއެއް އިސްރާފުވެ، ކޮރަޕްޝަނާއި ފަސާދަ އަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައިވެ އެވެ.

އެހެންވެ، އޮޑިޓަ ޖެނެރަލް ޒިޔަތު ހޯމް މިނިސްޓްރީ އަށް ލަފާ ދެއްވީ މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް ހާމަކަން ބޮޑު، ހަމަހަމަ އުސޫލަކުން މިކަންކަން ކުރި ކަމަށް ނުބެލެވޭތީ އެކަން އިތުރަށް ބެލުމަށް ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމަށެވެ.