ސަފީރުންނާ ގުޅުން ބަދަހިވުމުން ރާއްޖެއަށް ފައިދާކުރާނެ: އެމްޑީޕީ

އިންތިހާބުކޮށްފައިވާ ކައުންސިލަރުންނާއި ބޭރުގެ ސަފީރުންނާ ދެމެދު ގުޅުން ބަދަހިވުމަކީ މުހިއްމު ކަމެއް ކަމަށާއި އޭގެ ފައިދާ ރާއްޖެއަށާއި ދިވެހިންނަށް ލިބޭނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.


ގއ. އަތޮޅު ކައުންސިލްގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކުރުމުން، އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ބޭރުގެ ފަރާތްތަކާ ބައްދަލުކުރުމުން ރަށްރަށުގެ ތަރައްގީގެ ކަންކަން އެ ބޭފުޅުންނަށް ކައިރިން އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ އެ ގުޅުންތައް ބަދަހިކުރަން ފުރުސަތު ދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަން އެމްޑީޕީން ފާހަގަކުރި އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ ހޯމަދުވަހު ވަނީ، ހާއްސަ ހުއްދައަކާ އެކުގައި ނޫނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރުން މަނާކޮށްފަ އެވެ. ގއ. އަތޮޅު ކައުންސިލްގެ ތިން ކައުންސިލަރުން ތިން މަސް ދުވަހަށް ސަސްޕެންޑު ކުރީ، އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކުރެއްވުމަކީ، އެ ނިންމުމާ ހިލާފުވީ ކަމަށް ބަލައިފަ އެވެ. އެކަމަކު މިޝްރާއާ އެކު ބައްދަލުވުން ބޭއްވީ އެލްޖީއޭ އިން އެގޮތަށް އެންގުމުގެ ކުރިން ކަމަށް، ކައުންސިލުން ބުނެ އެވެ.

އެމްޑީޕީން ބުނީ އެ ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ ސަރުކާރަށް ރައްޔިތުންގެ ތާއީދު ގެއްލުމުން މުޅި ނިޒާމު މުށުތެރެއަށް ލާން ކުރާ ހުދުމުހުތާރު ކަމެއް ކަމަށް ދެކޭ ކަމަށެވެ. އެހެންވެ ކައުންސިލަރުންގެ ގާނޫނީ ޒިންމާ އަދާކުރަން ޖާގަ ދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.

"ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތާ އެކު އިންތިހާބުވެފައިވާ ކައުންސިލަރުންގެ ހުރިހާ ކަމެއް ގަދަ ބާރުން ހިފެހެއްޓުމުގެ އެއްވެސް ގާނޫނީ ބާރެއް އެލްޖީއޭއަކަށް ލިބިދީފައިނުވާކަން ފާހަގަކުރަމެވެ. އެހެންކަމުން އެލްޖީއޭ އިން މިހާރު އެ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލަމެވެ. އެ އޮތޯރިޓީގެ މިފަދަ ނިންމުންތަކުން ހާމަވަނީ ގާނޫނު އަސާސީގައި ބަޔާންކުރާ ފަދަ ލާމަރުކަޒީ ނިޒާމެއް ބިނާކުރުމުގެ ނިޔަތެއް ވެސް ނެތް ކަމެވެ،" ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ގޮވާލީ ގއ. އަތޮޅު ކައުންސިލްގެ ހުރިހާ ކައުންސިލަރުންގެ ސަސްޕެންޝަން އުވާލުމަށެވެ.

އެލްޖީއޭގެ ނިންމުމާ މެދު އެމެރިކާ އާއި އިނގިރޭސި ސަފީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.