ރައީސް ޔާމީން ހިންނަވަރުގައި ވާހަކަފުޅު ދައްކަވަނީ: ވޯޓުލާން ދާން ޖެހޭނީ ސިކުނޑި ހިފައިގެން ކަމަށް ވިދާޅުވި. --ފޮޓޯ: ރައީސް އޮފީސް
25 ޑިސެމްބަރ 2017 - 12:50
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލާއިރު ރައްޔިތުން ތިން ކަމަކަށް ވިސްނަން އެދިވަޑައިގެން، ވެރިއަކު ހޮވަން ފަސޭހަ ތިން ގޮތެއް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެދެއްވައިފި އެވެ.
އުތުރުގެ ތިން އަތޮޅަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ޅ. ހިންނަވަރަށް ވަޑައިގެން ބޯފެނުގެ ނިޒާމް އިފްތިތާހުކޮށްދެއްވުމަށް ފަހު، ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އަނެއްކާވެސް ސިޔާސީ މޫސުމް ފެށިފައިވާއިރު، މި މޫސުމުގައި ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ. ރާއްޖޭގައި ގާބިލް، ސިޔާސީ ލީޑަރުންތަކެއް ތިއްބެވި ނަމަވެސް އެއް މައްސަލައެއްގައި މި ބޭފުޅުން ދައްކަވާ ވާހަކަފުޅުތައް ހާސްބައި ތަފާތު ކަމަށް ވިދާޅުވި އެވެ. އެހެންވެ މީގެ ތެރެއިން ރަނގަޅަށް ވާހަކަފުޅު ދައްކަވަނީ ކޮން ބޭފުޅެއްތޯ ދެނެގަންނަން ރައްޔިތުންނަށް އެހާ ފަސޭހަ ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަމަކު ވެސް އިންތިހާބުގައި ވޯޓުލާން ވޯޓު ފޮށި ކައިރިއަށް ދާއިރު ރައްޔިތުން ބުއްދީގެ ބޭނުން ކުރަން ޖެހޭނެ ކަމަށް ވިދާޅުވެ، ތިން ފޯމިއުލާއެއް ރައީސް ޔާމީން ވިދާޅުވެދެއްވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ވޯޓު ކަރުދާހުގައި ވެސް އިހްތިޔާރީ ސުވާލުތަކެއް އޮންނައިރު، އޭގެ ތެރެއިން ރަނގަޅު ޖަވާބު އިހްތިޔާރުކުރަން ފަސޭހަ، ކުރު މަގުތަކެއް ހުންނާނެ ކަމަށެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު، ރާއްޖޭގައި ދައްކާ ވާހަކަތަކާއި ވާހަކަ ދައްކާ މީހުންގެ މާޒީއަށް ބަލާފައި އެ ބޭފުޅަކު ދައްކާ ވާހަކައިގެ ސަބަބުން ދީނީ އަގީދާގެ މަތީގައި ތިބެވިދާނެތޯ ވިސްނަން ޖެހޭ ކަމަށެވެ.
"މިއީ، ވަރަށް ފަސޭހަ ސުވާލެއް. އިސްލާމީ މުޖުތަމައެއްގައި އިސްލާމީ އަގީދާގެ މަތީގައި ދެމިތިބެން ބޭނުންވާ ކަމަށް ވަންޏާ ފުރަތަމަ ސުވާލުން ފޭލްވާނެ ލީޑަރުން އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ކަން ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވި އެވެ.
އެފަދަ ބޭފުޅުންގެ ނަން ވޯޓު ކަރުދާހުގައި އޮވެއްޖެ ނަމަ ރަސްގެލުމުން، އިހްތިޔާރީ ޖަވާބުތައް މަދުވާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.
ހިންނަވަރުގައި ގާއިމްކުރި ސާފު ބޯފެނުގެ ނިޒާމް، ރައީސް ޔާމީން އިފްތިތާހުކޮށްދެއްވަނީ. --ފޮޓޯ/ރައީސް އޮފީސް
ދެ ވަނަ ފޯމިއުލާއަކީ، ރައީސް ވިދާޅުވި ގޮތުގައި، މި މޫސުމުގައި ސިޔާސީ ލީޑަރުން ދައްކަވާ ވާހަކަތާ މެދު ވިސްނެވުމެވެ. އެގޮތަށް ވިސްނާއިރު، ރައީސް ޔާމީން ވެސް ޖައްވަށް ވަޑައިގަންނަވާ ވާހަކަ ދައްކަވައިފި ނަމަ ސިކުނޑީގެ އުނިކަމެއް ހުރި ކަމަށް ރައްޔިތުން ވިސްނަންވާނެ ކަމަށް ވިދާޅުވި އެވެ.
"މިއަދު މި ދައްކަނީ މިފަދަ [ހިންނަވަރު ފަދަ] ބޮޑެތި ރަށްރަށުގައި ފެނާއި ނަރުދަމާ ކަހަލަ ނިޒާމްތައް ނެތިގެން އުޅޭ ވާހަކަ. ގުދުރަތީ ބޮޑެތި ކާރިސާތަކުން ރައްކާތެރިކަމާއި ހިމާޔަތް ނެތިގެން އުޅޭ ވާހަކަ. މިއީ ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަމަށް ވާއިރު، ރައީސް ޔާމީން ވެސް ސްޕޭސްއަށް ދާ ވާހަކަ ދައްކާ ކަމަށް ވަންޏާ އެ ހިސާބުން ގަބޫލުކުރަންވާނެ މިއުޅެނީ އަދި އެހެން ދުނިޔެއަކުން އައިސް އުޅޭ އޭލިއަނެއް ކަމަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ބުއްދި އަށް ގަބޫލުނުކުރެވޭ ވާހަކަ ދައްކަވާ ލީޑަރެއް ނަމަ، ވޯޓު ފޮއްޓާ ހަމައަށް ވަޑައިގަތުމުގެ ކުރިން ވެސް އެ ނަމެއްގައި ނުބައި ފާހަގަލާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ތިން ވަނަ ކަމަކަށް އޮންނާނީ އޭނާ އެ ދައްކާ ވާހަކައަކީ އަމަލީ ގޮތުން އެކަމެއް ތަންފީޒު ކުރެވޭ ވަރުގެ ތަޖުރިބާއަކާއި އިލްމަކާއި ހުނަރުވެރިކަމެއް ހުރި މީހެއްތޯ ބަލާލުން. ހަމަ ވަރަށް ސާދާ ތިން ކަމެއް މި ދަންނަވާލީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ތިން ކަމުގެ ތެރެއިން އެންމެ ކަމަކުން ފޭލްވެއްޖެ ވެރިއަކީ ވެސް ރައްޔިތުންނާ ގުޅޭނެ ވެރިއެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯޓް ފޯރ ޖަސްޓިސް
26 December 2017
އަޅުގަނޑުގެ ވޯޓް ޑރ. މުނައްވަރަށް
ދިގު ހަސަންފުޅު
26 December 2017
ތާކުންތާކު ނުޖެހޭ ގަމާރުން ދައްކާ ބީދައިން ދައްކާފައި އޮތް 3 ފޯމިއުލަރ. މަގޭ ވާ ސަލާމް
ޔަޤީން
26 December 2017
ކޮމެންޓްތަކަށް ބަލާލުމުން ރައްޔިތުން 2018 ގެ ވޯޓްގައި ޔއޤ ފެއިލްކުރާނެކަން 100% މަށަށް މިހާރު ޔަޤީން.
ތަކުރާރޭ
26 December 2017
ތިއެއްވެސް ޓެސްޓަކުން ފާސްނުވާނެ މީހެއްގެ ދުލުން ތިޔަވާހަކަތައް މި އަޑު އިވުނީ. ނުހައްގުން މީހުން ހިފާ ހައްޔަރުކޮށް އަނިޔާކުރާނެތޯ އިސްލާމްދީނަށް ލޯބިކުރާމީހަކު؟ ފުރަތަމަވެސް އައުޓް! ބާޒާރުގެ އަގުތަކަށްވުރެ 2 ގުނަ ބޮޑުކޮށް މަޝްރޫޢުތައް ހިންގާ 72 ފަޅުރައް އެމީހެއްގެ ލޯމަތިން ގެއްލުވާލާނެތޯ ހެވެއް ފައިދާ ކޮށްދެއްވޭނެ ވެރިއަކު؟ ދެވަނަސުވާލުން އައުޓް! ތަޖްރިބާޔާ އަމަލީގޮތުން އޮތް ރެކޯޑްސް އޮތީ މަތީގަ ބުނެވުނު ގޮތަށް ކަމަށް ވާތީ، އެ ތަޖްރިބާޔަށް އިތުބާރު ކުރެވޭކަށް ނެއް! ތިންވަނަ ސުވާލުންވެސް އައުޓް.
ހެހެ
26 December 2017
ހަމަ 100% ގެ ތެދުވާހަކައެއް ތިބުނީ!
ޙައްގު ބަސް
26 December 2017
މިފަހަރު ޔާމީނަކަށް ވޯޓެއްނުދޭނަން ސަބަބަކީ އެންމެފުރަތަމަ ރަޢިއްޔަތުންނަށް ވިއްކާ ކާޑު އަގުބޮޑުކޮށްލީ ދެންމަސްވެރިންނަށް ވީވަޢުދު ނުފުއްދޭ ދަޑުވެރިންނަށް ވީވަޢުދު ނުފުއްދޭ ވަސްސަލާމް
ކަންޖޫސް
26 December 2017
މި ރައީސް ދައްކާ ވާހަކަތަކަށް ކޮމެންޓް ކުރަން މިހާރު ފޫހި ވެއްޖެ.
ކަންފަތް ސާފުނުކުރާ ހަޑިގިއްލާ
26 December 2017
ދުވަހކުވެސް ދެނެއްވޯޓެއްނުދޭނަން ތިޖޫރީ އިންތާވަޅުކޮންނާނެ ކަމަކައް ހިޔެއްނުކުރަން.
އާދަން
26 December 2017
މިތާގައި ރީދޫކުދިން ކޮމެންޓްކުރިއަކަސް ވެރިކަން ނުލިބޭނެ. ބޮޑުބައްޔަކުން ރައީސް ޔާމީން އަތުން ބަލިވި ނަޝީދު ނޫން އެހެން މީހަކު ނުލިބޭތާ ކުރިމަތި ލައްވާނެ ފެންފޯއް ރުކެއްވެސް މިހާރަކު ޕާތީއަކުނެތް.
ކަނު
26 December 2017
ބައްލަވާ، ފުރަތަމަ ބުރުން ޔާމީނަށް ލިބުނީ %25 ލޮލް. އެވަރުވެސް ވީ ތުއްތޮންބެ ދިން އެއްޗަކުން. ނަޝީދު އެކަނި ހޯދީ %45 - ވެރިކަމަށް އާދެވުނީ ގާސިމް ގެ އިޙތެރި ކަމާއެކު ބާކީ ވޯޓުކޮޅުން. އެވެސް މިހާރު ނެތް. ދެން މިދިޔަ ލޯކަލް ކައުންސިލް އިނތިހާބަށް ބަލާލީމާ ރާއްޗަށް އިނގޭ ރައްޔިތުން ރުޅިއައިސް ތިބި މިންވަރު.. އެވަރުންވެސް ބޮޑުބައްޔެކޯ!!! ލޮލް! މަ ހިތަށް އަރާ ޕީޕީ ކުދިން ވިސްނަނީ ކޯއްޗަކުން ބާއޭ!!
ޑޯން
26 December 2017
ބެޔަސް ނުބެޔަސް 10ހާސް ކޮބާ ؟
ޙަސަން
26 December 2017
ފޯމިއުލާއޭ....ކޮންތާކު ވިއްކަން ހުރީ ތި ފޯމިއުލާ އެއް ....
އަދީބު
26 December 2017
ރާއްޖެއިން ތެޔޮ ނަގާނަމޭ ވިދާޅުވި ބޭފުޅަކު އެވަނީ ފެއިލްވެފައި.