ރިޔާސީ އިންތިހާބަށް ނެރެން އެންމެ އެކަށީގެންވާ އިދިކޮޅު ކެންޑިޑޭޓެއް ބެލުމަށް ރާއްޖެ ޓީވީން ނެގި ޕޯލްގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ވާދަ ކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަލިވުމުން، ދެ ޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައި ހޫނު ޒުވާބެއް އުފެދިއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކާ ދޭތެރޭ ޚިޔާލު ތަފާތުވުން ބޮޑުވެފައި ވަނިކޮށް، ރާއްޖެ ޓީވީން ނެގި ޕޯލުން ދައްކަނީ، ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، ނެރެން ޖެހެނީ ގާސިމް ކަމަށެވެ. މި ޕޯލްގައި ނަޝީދަށް ވޯޓު ލިބިފައިވަނީ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަށް ވުރެ ވެސް މަދުންނެވެ.
ދިހަ ހާހަށް ވުރެ ގިނަ މީހުން ވޯޓުލީ ޕޯލްގައި، ގާސިމަށް 43 ޕަސެންޓް ލިބިފައިވެ އެވެ. ޝައިޚް އިމްރާނަށް 30 ޕަސެންޓް ލިބުނު އިރު، ނަޝީދަށް ތާއީދުކޮށް ވޯޓު ދިނީ 25 ޕަސެންޓް މީހުންނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވޯޓު ދިނީ އެންމެ ދެ ޕަސެންޓް މީހުންނެވެ.
މި ނަތީޖާއެކު، ސޯޝަލް މީޑިއާ ކެކިގަތް އިރު، އެމްޑީޕީގެ އެކްޓިވިސްޓުންގެ ފާޑުކިއުން މި ޕޯލަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެ މީހުން ދެކޭ ގޮތުގައި، ސޯޝަލް މީޑިއާގައި 10،000 މީހުން ދޭ ވޯޓަކުން ތާއީދު އޮތް މިންވަރެއް ނޭނގޭނެ އެވެ.
ޕޯލް ހުޅުވައިލުމާ އެކު ވޯޓު ދޭން ޖުމްހޫރީ ޕާޓީން ވަކި ބަޔަކު ކަނޑައަޅައި ފައިސާ ހޭދަކޮށް، "އޮޅުވާލައިގެން" ކުރި ހޯދިއަސް ރައީސް ޔާމީން ބަލިކުރެވޭނީ ނަޝީދަށް ކަމަށް އެ މީހުން ބުނެ އެވެ. ގާސިމަށް ވޯޓު ދޭން 1،500 އަށް ވުރެ ގިނަ ޕްރީޕެއިޑް ކާޑު ގަނެ، ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށް ވެސް އެމްޑީޕީގެ އެކްޓިވިސްޓުން ތުހުމަތު ކުރެ އެވެ.
އެ ޕޯލާއެކު، ޖުމްހޫރީ ޕާޓީގައި ބަޣާވާތުގެ ޓީމުން "ކުޅިގަނޑެއް ކުޅެމުންދާ" ކަމަށް ވެސް އެމްޑީޕީގެ އެކްޓިވިސްޓުން ބުނެފައިވެ އެވެ.
"ތިއީ ބަޣާވާތް ކުރި ބައިގަނޑު، ގައުމު ހިންގުން ހަވާލުކުރަން އެކަށީގެންވާ ބައެއް ނޫން. ގާސިމަށް ބުނާނީ ނޯ އޭ،" އެމްޑީޕީގެ އެކްޓިވިސްޓަކު ލިޔެފައިވެ އެވެ.
މި ވާހަކަތަކަށް ރައްދު ދިން، ޖޭޕީ އަށް ތާއީދުކުރާ މީހުން ބުނެފައިވާ ގޮތުގައި، އިންތިހާބަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ ގާސިމްކަން، ވޭތުވެދިޔަ ރިޔާސީ އިންތިހާބުތަކުން ވަނީ ސާފު ކޮށްދީފަ އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެން ގޮވައިގެން އުޅެވޭނެ ގާބިލްކަން ހުރީ ވެސް ގާސިމްގެ ކަމަށް ޖޭޕީގެ ސަޕޯޓަރުން ދެކެ އެވެ.
މި ޕޯލުން ނުކުތް ނަތީޖާ އިން އެއް ބަޔަކު ރުޅިގަނޑު ބޭލީ، ޖުމްހޫރީ ޕާޓީއާ ވަރަށް ފަހުން ގުޅިވަޑައިގަތް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށެވެ. ސިޔާސީ ގޮތުން އެކަހެރިވެގެން ހުންނެވުމަށް ފަހު ޖޭޕީއާ ގުޅިވަޑައިގަތީ ކޯލިޝަން ބައިބައި ކުރައްވަން ކަމަށް އޭނާ އަށް ތުހުމަތު ކުރެ އެވެ.
މި ޕޯލާ ހެދި ބޮޑު ބަހުސެއް އުފެދިފައިވާ އިރު، ދެ ޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައި ހިނގާ ހޫނު ޒުވާބު ވެސް ފިންޏެއް ނުވެ އެވެ.