ހދ. ކުޅުދުއްފުށީގައި އެއާޕޯޓް ހެދުމަށްޓަކައި އެ ރަށުން ހިއްކަން ނިންމާފައިވާ ސަރަހައްދު ހިއްކައި ނިންމައިފި އެވެ.
އެމްޓީސީސީގެ އާ ކޮންނަބޯޓު، މަހާ ޖައްރާފު ބޭނުންކޮށްގެން، ހިއްކާފައިވަނީ މޫދުން ހަ ހެކްޓަރު އަދި އެ ރަށުގެ ކުޅިން ނުވަ ހެކްޓަރާ އެކު ޖުމްލަ 15 ހެކްޓަރުގެ ބިމެވެ.
"މިހާރު އެވަނީ އެމްޓީސީސީއާ ހަވާލުކުރި މަސައްކަތްތައް ނިމިފަ. އެއާޕޯޓް އަޅަން ހިއްކަން ޖެހޭ ސަރައްދު އެވަނީ ހިއްކައިފަ،" އެމްޓީސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ބިން ހިއްކައި ނިމުމާއެކު، ރަންވޭގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށް އެމްޓީސީސީން ކުރިން ބުނެފައި ވެ އެވެ. ނަމަވެސް އެމްޓީސީސީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ މައުލޫމާތު ހިއްސާ ކުރާނީ އަންނަ ހަފުތާގައި ކަމަށް ވެސް ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ އެ ރަށު ރައްޔިތުންގެ ބޮޑު އުންމީދަކަށް ވާއިރު ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވީ އެއާޕޯޓް އެޅުމަށް ބަޔަކާ ހަވާލު ނުކޮށް ބިން ހިއްކާތީ ކަންބޮޑުވާ ކަމަށެވެ. އަދި އެ މަސައްކަތް ސަރުކާރުން ބުނެފައިވާ ސްޕީޑަށް ވުރެ ދަށް ވަމުން ދާތީ ވެސް ކަންބޮޑުވާ ކަމަށް ހާޝިމް ވިދާޅުވި އެވެ.
ސަރުކާރުން ބުނާ ގޮތުގައި އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި އެއާޕޯޓުގެ މަސައްކަތް ނިމޭނެ އެވެ. ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ 12 ވަރަކަށް ހެކްޓަރުގެ ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް ރާއްޖޭގެ 13 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށް، އެ ކަން ހުއްޓާލަން ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ. އަދި އެ މައްސަލަ މިހާރު ވެސް އޮތީ ކޯޓުގަ އެވެ.