ހދ. ކުޅުދުއްފުށީ ކުޅިން ނުވަ ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މި މަހު ބާރަ ވަނަ ދުވަހު ފަށާނެ އެވެ. އަދި ރަށުގެ ގިނަ ރައްޔިތުން އެކަމަށް ތާއީދު ވެސް ކުރެ އެވެ. ކުޅުދުއްފުށިން ފުރައިގެން 20 މިނެޓުން ދެވޭ ހިސާބުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އޮތް ނަމަވެސް ކުޅުދުއްފުށީ ރައްޔިތުން ބޭނުންވަނީ އަމިއްލަ ރަށުގައި އެއާޕޯޓެއް ހެދުމަށެވެ.
ތިމާވެށި ހިމާޔަތްކުރަން ވަކާލާތު ކުރާ ޖަމިއްޔާތަކާއި އީޕީއޭގެ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓުން ވެސް އެނގޭ ގޮތުގައި ކުޅި ހިއްކައިފި ނަމަ ގުދުރަތީ ގޮތުން ރަށަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. އޭގެ ތެރޭގައި، މިހާރު ވެސް ފެންބޮޑުވާ މި ރަށުގައި ފެން ބޮޑުވުން އިތުރުވުން ހިމެނެ އެވެ.
ކުޅުދުއްފުށީ މަށިކުޅި އަކީ ރާއްޖޭގެ އުތުރުގައި އޮންނަ މިފަދަ އެންމެ ބޮޑު އަދި ދިރުންތައް އެންމެ ގިނަ ކުޅި އެވެ. އެތަނުގައި ތަފާތު އަށް ބާވަތެއްގެ ޓްރޫ މެންގްރޫވް (ކަނޑޫފަލުގައި ހެދޭ ގަސް) ހުންނައިރު، މިއީ ރާއްޖޭން ވަރަށް ނުފެންނަ ބާވަތްތަކެވެ. އޭގެ އިތުރުން އަހަރުގެ އެކި ދުވަސްވަރު އެ ކުޅިއަށް އެކި ވައްތަރުގެ ދޫނި ވެސް ހިޖުރަކުރެ އެވެ.
ގުދުރަތީ އެ ހިތްގައިމުކަން އެހެން އޮތް ނަމަވެސް ކުޅުދުއްފުށީ ރައްޔިތުން ބޭނުންވަނީ ކުޅި ހިއްކައިގެން ނަމަވެސް އެއާޕޯޓް އަޅާށެވެ.