މާލޭ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ފަސްޓް ލޭޑީ ބައްދަލުކުރައްވައި، ދަތިތައް އޮޅުން ފިލުއްވައިފި

މާލޭ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް އިއްޔެ ބައްދަލު ކުރައްވައިފި އެވެ.


މުލީއާގޭގައި ބޭއްވި މި ބައްދަލުވުމުގައި، މާލޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން ހެން ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި މަޖީދިއްޔާ އާއި އަމީނިއްޔާ އާއި ހިރިޔާ އާއި ކަލާފާނާއި އިމާދުއްދީނާއި ތާޖުއްދީންގެ އިތުރުން އިސްކަންދަރާއި ސީއެޗްއެސްއީގެ ޕްރިންސިޕަލުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ފަސްޓް ލޭޑީ ފާތުން މާލޭގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ އިއްޔެ ބައްދަލު ކުރައްވަނީ

ފަސްޓް ލޭޑީގެ އޮފީހުން ބުނިގޮތުގައި އެކަމަނާ ޕްރިންސިޕަލުންނާ މި ބައްދަލުކުރެއްވީ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭއިރު، ސްކޫލުތަކަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުއްވުމުގެ ގޮތުންނެވެ. މި ބައްދަލުވުމުގައި ޕްރިންސިޕަލުން ވަނީ، ސްކޫލުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިތަކަމާއި ވަސީލަތްތައް ނެތުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ފަސްޓް ލޭޑީއާ ހިއްސާ ކުރައްވައިފަ އެވެ. އަދި އެ ދަތިތައް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެކަމަނާ ދެއްވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އާ އަހަރުގެ ކިޔެވެން ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، އެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެ އެވެ.

ފަސްޓްލޭޑީ ފާތުން މާލޭގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ މުލިއާގޭގައި އިއްޔެ ބައްދަލު ކުރައްވަނީ

އެކަމަކު ވަރަށް ފަހުން ވަނީ ރަށްރަށުގެ ސްކޫލުތަކަށް 30 ޕްރިންސިޕަލުންނާއި 400އަށް ވުރެ ގިނަ ޓީޗަރުން ހޯދުމަށް އިއުލާނުކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެހާ ގިނަ ޓީޗަރުން ހޯދަން އިއުލާންކޮށްފައިވަނީ ވީހާވެސް ގިނަ ދިވެހިންނަށް އެ ފުރުސަތު ދިނުމަށް ކަމަށެވެ.