ބޯޓު ކެޕްޓަނުންނާއި ފަޅުވެރިން އަދި މެކޭނިކުން ތަމްރީނުކުރަން ތިން އިންސްޓިޓިއުޓަކަށް ހުއްދަދީފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ ކަނޑުމަތީގައި ހިތާމަވެރި ހާދިސާތައް ގިނައިން ހިނގަނީ އުޅަނދުތަކުގައި މަަސައްކަތް ކުރާ ކެޕްޓަނުންނާއި ފަޅުވެރިންނަަށް އެކަށީގެންވާ ތަމްރީނު ނުލިބޭތީ ކަމަށެވެ. އެމީހުން ތަމްރީނުކުރާނެ އިތުރު އިންސްޓިޓިއުޝަންތައް އެޕްރޫވްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ އިންސްޓިޓިއުޝަންތަކުގައި ކިޔަވައިދޭނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލައި އެޕްރޫވް ކޮށްފައިވާ މުގައްރިރެއް ކަމަށާއި އަދި ކިޔަވައިދޭ އިންސްޓްރަކްޓަރުންނަކީ ވެސް އެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކޮށްފައިވާ މީހުން ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
"ތަމްރީނު ދޭ އިންސްޓިޓިއުޝަންތަކަކީ މޮބައިލް ކޮށް ތަމްރީނުދޭ ތަންތަން ކަމުގައިވީ ނަމަވެސް މި ތަންތަން ހިނގަމުންދާނީ ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން އެ ތަންތަން އޮޑިޓް ކުރެވިގެންނެވެ،" އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ލޯކަލް މެރިޓައިމް ޓްރެއިނިން ދޭ އިންސްޓިޓިއުޝަންތަކަކީ މޮބައިލް ޓްރެއިނިންގެ އުސޫލުން ދޭ ތަމްރީނުތަކަކަށް ވުމުން ތަމްރީނު ދޭން ރަށްރަށް އަދި ރިސޯޓުތަކުގައި ވެސް ޕްރޮގްރާމްތައް ހިންގުމުގެ ފުރުސަތު ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ރަށުގައި ނުވަތަ ރިސޯޓުތަކުގައި ތިބެގެން ތަމްރީނު ހޯދަން ފުރުސަތު ލިބިގެންދާނެ ކަން ވެސް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރި އެވެ.
ކަނޑުމަތީގެ ސަލާމަތާބެހޭ ގަވާއިދު މިހާރު ވަނީ އިސްލާހުކޮށްފަ އެވެ. އޭގައި ބުނާގޮތުން އަންނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން އުޅަނދުތަކުގައި މަސައްކަތް ކުރާނީ ލައިސަންސް ލިބިފައިވާ މީހުންނެވެ.