ދެ އަހަރުގެ ތެރޭގައި އައިޖީއެމްއެޗުން 95،855 އެމްއާރުއައި ހެދި ކަމަށް ހެލްތު މިނިސްޓްރީން އާއްމުކުރީ ތަފާސްހިސާބުގެ އޮޅުމަކުން ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ވެއަަތުގެ ދިޔަ ދެ އަހަރުގެ ތެރޭގައި އައިޖީއެމްގައި ހަދާފައިވަނީ 9،500 އެމްއާރުއައި އެވެ.
މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތައް އާއްމުކުރުމަށް މިދިޔަ އަންގާރަ ދުވަހު ހެލްތު މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން އައިޖީއެމްއެޗުގައި 2015 ވަނަ އަހަރު އެމްއައިއާރްގެ ޚިދުމަތް ދޭން ފެށި ފަހުން މިހާތަނަށް ވަނީ، 95،855 އެމްއާރުއައި ހަދައިފަ އެވެ. މިއީ، ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއްކަން އެ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ނާޒިމް ފާހަގަކުރެއްވި އެވެ.
މި އަދަދު އާއްމު ވުމާއެކު ސޯޝަލް މީޑީއާގައި ވަނީ އެ މިނިސްޓްރީ އާއި ސަރުކާރާށް ފާޑުކިއުން އޮއްސާލައިފަ އެވެ. ދެ އަހަރުގެ ތެރޭގައި 95،000 އެމްއާރުއައި ހެދިނަމަ، އެއީ އެންމެ މެޝިނަކުން ދުވާލަކަށް ގާތްގަނޑަކަށް 4،000 އެމްއާރުއައި ކަމަށާއި އެންމެ މެޝިނަކުން އެ ވަރަށް އެމްއާރުއައި ހަދަނީ ކިހިނެއްތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ.
އައިޖީއެމްއެޗުގައި ހުރީ ދުނިޔޭގައި ހުރި، އެންމެ އަވަހަށް އެމްއާރުއައި ހެދޭ މެޝިން ކަމަށް ބުނެ ވެސް ބައެެއް މީހުން ދަނީ ހަޖޫ ޖަހަމުންނެވެ.
މި ފާޑުކިއުންތަކާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ، ހެލްތު މިނިސްޓްރީ އަށް އެ އަދަދު އާއްމުކުރެވިފައި ވަނީ އޮޅުމަކުން ކަމަށް ބެލެވޭ ކަމަށެވެ. އެ ހޮސްޕިޓަލުން އެވްރެޖް ގޮތެއްގައި ދުވާލަކަށް ހަދަނީ، 20-25 އެމްއާރުއައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަފުތާއަކު ހަތް ދުވަހު، ހެނދުނު 8 އިން ރޭގަނޑު 11 އަށް އެމްއާރުއައިގެ ޚިދުމަތް ދޭނެ. އެވްރެޖްކޮށް 15-20 މިނިޓް ހޭދަވާއިރު، އަޅުގަނޑުމެން ދުވާލަކަށް ހަދަނީ 20-25 އާ ދެމެދު. އަޅުގަނޑުމެން ފޯރުކޮށްދިން ފިގާގައި އޮޅުމަކުން 95،000 ކަމަށް ޖެހިފައި އެ އޮތީ ބެލެވެނީ،" އޮފިޝަލް ވިދާޅުވި އެވެ.