ރައީސް ޔާމީން އުޅުއްވަނީ ގާސިމް ނެތިކޮށްލަން: ޝާހިދު

ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނެތިކޮށްލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ފަރާތްތަކުން ގާސިމްގެ ރަށް، އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެއް މިންވަރަށް ގާސިމާ ދާތެރޭ ވެސް މި ސަރުކާރުން އަނިޔާވެރިވެއްޖެ ކަމަށެވެ.

މިހާރު ޖަރުމަންގައި ހުންނެވި ގާސިމަށް ރިޝްވަތުގެ މައްސަލަ ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ބޭސްފަރުވާ އަށް އޭނާ ސިންގަޕޫރަށް ފޮނުވި ނަމަވެސް، ފަހުން ޖަރުމަނަށް ވަޑައިގެންފައި ވަނީ ސަރުކާރުގެ އެއްވެސް ހުއްދައެއް ނެތި ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

"...ގާސިމް ނެތިކޮށްލުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފައި. ބޭނުން ވަނީ ހަމައެކަނި ގާސިމްގެ ނެތިކޮށްލުމެއް ނޫން. އެ މަނިކުފާން ކުރައްވާފައިވާ މަސައްކަތްތައް ނެތިކޮށްލުން. "[ގާސިމް] އުފައްދާފައިވާ ތަކެތި ނެތިކޮށްލުން. ގާސިމްގެ މުޅި އުންމީދުތައް ނެތިކޮށްލުން،" ގިނަ އަދަދެއްގެ ބަޔަކު ދިޔަ ޖަލްސާގައި ޝާހިދު ރޭ ވިދާޅުވި އެވެ.

ގާސިމަށް ތައުރީފު ކުރައްވަމުން ޝާހިދު ވިދާޅުވީ، އެއީ ރާއްޖޭގެ ޒުވާނުންގެ އުންމީދާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ބޭފުޅެއް ކަމަށެވެ. އަދި ގާސިމަކީ ކުރިއަށް ދާނެ މަގުތައް ހޯއްދަވައި ދެއްވާ ބޭފުޅެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުން ރޭ މާމިގިލީގައި ބޭއްވި ޖަލްސާގެ ތެރެއިން.

"މި ސަރުކާރުން ގާސިމާ ދޭތެރޭ އެ އަމަލު ކުރައްވާ ގޮތުން އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ހަމައެކަނި އެ މަނިކުފާން ނެތިކޮށްލުމަށް ކުރާ މަސައްކަތެއް ނޫން. އެ ނެތިކޮށްލަނީ ދިވެހި ޒުވާނުންގެ އުންމީދު. އަދި ޒުވާނުން އުންމީދު ކުރަމުން ދާން އޮތް އެއް ހަރުފަތް،" ޝާހިދު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި އޭނާ ވިދާޅުވިގޮތުގައި، މި ސަރުކާރު މިހާރު އޮތީ ބަލިވެ، ރޫޅެން ފަށައިފަ އެވެ. އަދި ގުޅިފައިވާ ޕާޓީތަކުން މި އަހަރުގެ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މިދާ މިސްރާބުގައި ކުރިއަށް ދާންވީ. ނަސްރު ލިބޭނެ. ފަހަތަ ލިބޭނެ. ކާމިޔާބީއާ ހަމައަށް ވާސިލުވުމަކަށް މާ ގިނަ ދުވަހެއް ދެން ނެތް،" ޝާހިދު ވިދާޅުވި އެވެ.