މިދިޔަ މަހުގެ އިމްޕޯޓާއި އެކްސްޕޯޓް އިތުރުވެ، ލިބުނު އާމްދަނީ ވެސް އިތުރުވެއްްޖެ

މިދިޔަ މަހު ރާއްޖެ އެތެރެކުރި އަދި ރާއްޖެއިން ބޭރުކުރި މުދަލުގެ މިންވަރު އިތުރުވެ، ލިބުނު އާމްދަނީ ވެސް މައްޗަށް ހިނގައްޖެ އެވެ.


ކަސްޓަމްސްއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 3.7 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެ ކޮށްފައިވެ އެވެ. އެއީ ޑިސެމްބަރު، 2016 އަށް ވުރެ 10 ޕަސެންޓް އިތުރު އަދަދެކެވެ.

މުދަލުގެ އަގުގެ ގޮތުން ބަލާ ނަމަ، ރާއްޖެ އެތެރެކުރި މުދަލުގެ އެންމެ ބޮޑު ޕަސެންޓެއް ގެނައީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ސިންގަޕޫރުންނެވެ. އެއީ 14 ޕަސެންޓްގެ މުދަލެވެ. މީގެ އިތުރުން އިންޑިއާ އާާއި ޗައިނާ އަދި މެލޭޝިއާ އިން ވެސް އެތެރެކުރި މުދަލުގެ 10 ޕަސެންޓް ހިއްސާ ކުރެ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި އެ މަހު 286 މިލިއަން ރުފިޔާ ލިބިފައިވާއިރު ޑިސެމްބަރު، 2016 ގެ އަދަދަކީ 265 މިލިއަން ރުފިޔާ އެވެ. އެހެންވެ، މިއީ އަށް ޕަސެންޓްގެ ކުރިއެރުމެވެ.

އެތެރެކުރި މުދަލާއި ލިބުނު ޑިއުޓީގެ މިންވަރު އިތުރުވުމުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއިން ބޭރުކުރި މަހުގެ ބާވަތްތަކުގެ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެ މަހު 391 މިލިއަން ރުފިޔާގެ މަސް ރާއްޖެއިން އެކްސްޕޯޓް ކުރިއިރު، މިއީ ޑިސެމްބަރު، 2016 އާ އަޅާ ބަލާއިރު 96 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު ޕަސެންޓެއް އެކްސްޕޯޓްކުރީ ތައިލެންޑަށެވެ. އެއީ 61 ޕަސެންޓެވެ. އެމެރިކާ އަށް 8.3 ޕަސެންޓް އެކްސްޕޯޓް ކުރިއިރު ޖަރުމަނަށް 6.1 ޕަސެންޓް އަދި ފްރާންސަށް 5.1 ޕަސެންޓް އެކްސްޕޯޓް ކުރި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.