ކުޅުދުއްފުށީ ހޮސްޕިޓަލް: އެތަން ހިންގަން އުފެއްދި ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ބޮޑެތި މައްސަލަތަކެއް ވަނީ އުފެދިފައި.-- ފޮޓޯ: ކުޅުދުއްފުށީ.ކޮމް
16 ޖެނުއަރީ 2018 - 14:16
ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އުފެއްދި ކުންފުނި، ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައި)ގެ ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުކުރަން ހެލްތު މިނިސްޓްރީން ދިން 10 ދުވަހުގެ މުއްދަތު މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ހަމަވެއްޖެ އެވެ.
އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ އެންއައިއައިއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. މައްސަލަ ޖެހިގެން އުޅެނީ އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ފައިޒަލް ޚާން އާއި އަލީ އުސައިދާ ދެމެދެވެ.
ހޮސްޕިޓަލް ހިންގުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތު އެއް ބޭފުޅަކު ގެންދަވަނީ އަނެއް ބޭފުޅެއްގެ އިސްތަށިފުޅުގައި އަޅުވަމުންނެވެ. ކޮރަޕްޝަންގެ މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ.
ހެލްތު މިނިސްޓްރީން ބުނެފައި ވަނީ، 10 ދުވަހުގެ ތެރޭގައި މައްސަލަތައް ހައްލު ނުވެއްޖެ ނަމަ، އެއްބަސްވުން އުވާލާނީތޯ ނުވަތަ ދެން ހޮސްޕިޓަލުގެ ޚިދުމަތްތައް ކުރިއަށް ދާނެ ގޮތެއް ކަނޑައަޅާނެ ކަމަށެވެ. ހެލްތު މިނިސްޓްރީގެ ނިންމުން އަދި އާއްމެއް ނުކުރެ އެވެ.
އެންއައިއައިގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހެލްތު މިނިސްޓްރީގެ ނިންމުން އެ ކުންފުންޏަށް އަދި އަންގާފައި ނުވާ ކަމަށެވެ. ދިމާވި މައްސަލަތައް މިހާރު ހައްލުކޮށް، ލިޔުމުން މިނިސްޓްރީ އަށް ފޮނުވާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ މިހެން ވިދާޅުވިއަސް ދިވެހި ހިއްސާދާރު، އުސައިދު ވިދާޅުވެފައި ވަނީ، އެއްވެސް މައްސަލައެއް އަދި ހައްލު ނުވާ ކަމަށެވެ. ކުންފުނީގެ ވަކި ބަޔަކު ބޭއްވި ބައްދަލުވުމަކަށް ފަހު، މިނިސްޓްރީ އަށް ލިއުމެއް ފޮނުވިއަސް އެއީ ސައްހަ ލިއުމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލަތަކުގައި، ހޮސްޕިޓަލުގެ ފެންވަރު ދަށްވެ ޚިދުމަތް ހުއްޓޭ ހިސާބަށް ދިއުމުން، ހެލްތު މިނިސްޓްރީން ވަނީ އެ ހޮސްޕިޓަލް ހިންގަން ހަވާލުވެފަ އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ހެލްތު މިނިސްޓްރީން ހޮސްޕިޓަލާ ހަވާލުވެ އަށް މެޑިކަލް އޮފިސަރުންނާއި 15 ސްޕެޝަލިސްޓު ޑޮކްޓަރުން ވަނީ ހަމަޖައްސައިފަ އެވެ. ހެލްތު މިނިސްޓްރީން ހޮސްޕިޓަލާ ހަވާލުވެ އަށް މެޑިކަލް އޮފިސަރުންނާއި 15 ސްޕެޝަލިސްޓު ޑޮކްޓަރުން ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ މައްސަލަ ހައްލު ނުވެއްޖެ ނަމަ ދެން އޮންނާނެ ގޮތަކީ އެއްބަސްވުން ބާތިލްކުރުން ކަމަށާއި "ނިމްސް ދިއުމަކީ، ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ހަދަން ހުރި ހުރިހާ ދޮރުތަކެއް ބަންދުވުމެއް ނޫން" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާދިމާކުރާތީ
16 January 2018
ރަށުގެ ކުންފުނިތަކަށް ތިޔަ އެންއައިއައި ވަނީ ދަރާފައި. އޮކްސިޖަން ސަޕްލަޔަރަށް، ކުއްޔަށްހިފި ގެތަކަށް، ކޮންޓެކްޓަރުންނާއި ސަޕްލަޔަރުންނަށް ލައްކައިން ފައިސާ ނުދީ އެބަހުރި. މިހާރުވެސް ލެބްގެ ބައެއް ޚިދުމަތްތައް މެދުކެނޑިފައި.