މަސްވެރިކަމަށް ނުކުމެ އުޅުނު ގއ. ކަނޑުހުޅުދޫ ދޯންޏެއް މިއަދު ބިންދައިގެން ހިނގައްޖެ އެވެ.
"ރަންދުވެލި 105" ނަމަކަށް ކިޔާ 90 ފޫޓްގެ އެ ދޯނި ބިންދައިގެން ދިޔައީ ގއ. އަތޮޅާ 18 މޭލު ބޭރުގައި މަސްވެރިކަމުގައި އުޅެނިކޮށް ކަމަށް އުޅަނދުގެ ވެރި ފަރާތް އަފީފް މުހައްމަދު ބުންޏެވެ.
މި ހާދިސާ ހިނގިއިރު، ދޯނީގައި 19 މީހަކު ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އަފީފް ބުނީ ބިންދައިގެން ދިޔައީ ދޯނީގެ ދިރުނބާކޮޅުން އެންވަތާ ހިސާބުން ކަމަށެވެ. ފައިބަރުން ހަދާފައިވާ އެ ދޯނި ބިންދައިގެން ދިޔަ ނަމަވެސް އެއްކޮށް ވަކިނުވާތީ، ބިންދައިގެން ދިޔަ ހިސާބު ވަލުން ބަނދެގެން ކަނޑުހުޅުދު އަށް ދޯނި ދަތުރު ކުރަމުން އަންނަ ކަމަށް އަފީފް ބުންޏެވެ.
"އެހެން ދޯނީގެ އެހީތެރިކަން ވެސް ލިބޭ،" އޭނާ ބުންޏެވެ.
މަސްވެރިކަމުގައި ބޭނުންކުރާތާ 13 ވަރަކަށް އަހަރު ވެފައިވާ މި ދޯނި ބިންދައިގެން ދިޔަ ސަބަބެއް އަދިއެއް ނޭނގެ އެވެ..
މީގެ ކުރިން ވެސް، ހުވަދު އަތޮޅުގައި މަސްވެރިކަން ކުރަން ނުކުމެ އުޅުނު ދޯންޏެއް ބިންދައިގެން ގޮސްފައި ވެ އެވެ.