ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރަން މަސައްކަތް ކުރަނީ

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު މިއަދު ވިދާޅުއްޖެ އެވެ.


ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި، މިނިސްޓަރު މުނައްވަރު ވިދާޅުވީ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ ގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ޕޭ ކޮމިޝަންގެ މެމްބަރުންނާ މަޝްވަރާ ކުރައްވައި އެކަމަށް ގޮތްތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިރާދަކުރެވިއްޔާ ފެބްރުއަރީ މަހު އަޅުގަނޑުމެން ދޭނީ ބޮޑުކުރި މުސާރައަށް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މުސާރަ ބޮޑުކުރަނީ ކޮން ގިންތިތަކަކަށް، އަދި ކިހާ ވަރަކަށް ކަމެއް މިނިސްޓަރު އަދި ވިދާޅެއް ނުވެ އެވެ.

މުސާރަ ބޮޑު ނުކޮށް ދީގެން، ސިވިލް ސާވަންޓުން ޝަކުވާ ކުރާތާ އެތައް އަހަރެއް ފަހުން، މުސާރަ ބޮޑުކުރަން ނިންމައި ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ވަނީ 234 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

ސިވިލް ސާވަންޓުންގެ މުސާރައާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތުގައި، ސިވިލް ސާވިސްގެ ކޮންމެ ތިން މުވައްޒަފެއްގެ ތެރެއިން ދެ މުވައްޒަފެއްގެ މުސާރަ ބޮޑުވާނެ އެވެ. އެންމެ ކުޑަ މުސާރަ ލިބޭ މީހުންނަށް ވެސް 37 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

"ސިވިލް ސާވިސްގެ ތިން ބައިކުޅަ ދެބައި މީހުންގެ މުސާރަ މަތިވެގެން މިދަނީ. އެންމެ ދަށުގެ ގިންތިތަކުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުން، އެންމެ ބޮޑު އަޅާލުންތެރިކަމެއް ބޭނުންވާ މީހުން، އެންމެ ކުޑަ މުސާރައިގައި ތިބި މީހުންގެ މުސާރަ ވެސް އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން 100 އަކުން 37 ޕަސެންޓަށް ބޮޑުވެގެންދާނެ،" ރައީސް ވިދާޅުވެފައިވެ އެވެ.

ބާކީ ތިބި މީހުންނަށް، ރައީސް ވިދާޅުވެފައިވާ ގޮތުގައި، މުސާރައިގެ ހަތަރު ބައިކުޅަ އެއްބައި ބޮޑުވާނެ އެވެ.

ސިވިލް ސާވިސްގައި ގާތްގަނޑަކަށް 23،000 މުވައްޒަފުން މަސައްކަތް ކުރާ އިރު އެ މީހުންގެ މުސާރަ ނިސްބަތުން ކުޑަ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެންމެ އާދައިގެ މީހަކަށް މަހަކު 5،000ރ. ނުލިބެ އެވެ. އެންމެ ކުޑަވެގެން 10،000ރ. ގެ މުސާރައެއް ވެސް ގެއަށް ގެންދަން ލިބެނީ ޑިގްރީ ފެންވަރުގެ މުވައްޒަފުންނަށެވެ.