ފާރިސް އަނެއްކާ ވެސް ހައްޔަރުކޮށްފި

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަނެއްކާ ވެސް ދެންމެ ހައްޔަރުކޮށްފި އެވެ.


އޭނާ އަލުން ހައްޔަރު މި ކުރީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ތުހުމަތުގައި މީގެ ހައެއްކަ މަސް ކުރިން ހައްޔަރުކޮށް ޖަލުގައި ބެހެއްޓުމަށް ފަހު ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ދޫކޮށްލައިފައި ވަނިކޮށެވެ.

ފާރިސްގެ އަލުން ހައްޔަރު ކުރީ ރިޝްވަތުގެ ތުހުމަތުގަ އެވެ. އޭނާ ދިރިއުޅުއްވާ މ. ސްނޯރޯޒް ކޯޓު އަމުރެއްގެ ދަށުން މިއަދު މެންދުރު ވަނީ ބަލައި ފާސްކުރަން ފަށައިފަ އެވެ. ފުލުހުން އެ ގެ ބަލައި ފާސްކުރާ ކޯޓު އަމުރުގައި ބުނެފައިވަނީ މަޖިލީހުގެ މެމްބަރުންތަކަކަށް ފައިސާ ބެހި ކަމަށް ތުހުމަތު ކުރެވޭތީ އާއި، މަޖިލީހުގެ މެމްބަރުންތަކަކާ ގުޅިގެން، ވެރިކަން ވައްޓައިލުމަށް ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދުމެވެ.

މި ދެ ތުހުމަތުގެ ތެރެއިން، ވެރިކަން ވައްޓައިލުމަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތަކީ މީގެ ކުރިން ފާރިސް ހައްޔަރު ކުރި އިރު އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތެއް ނޫނެވެ.

ފާރިސް ހައްޔަރު ކުރުމުގެ ކުރިން އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ މ. އެންދެރިމާގެ ވެސް ބަލައި ފާސްކުރަން ވަނީ ފަށައިފަ އެވެ.