ފާރިސްގެ މައްސަލަ ޑީސީޕީ ސައުދީގެ ބެލުމުގެ ދަށަށް

ރިޝްވަތުގެ ތުހުމަތުގައި ހަ މަސްވަންދެން ބަންދުގައި ބަހައްޓާފައި މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލުމަށް ފަހު އިއްޔެ އަނެއްކާ ހައްޔަރުކުރި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލަ ބެލުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީއާ ހަވާލުކޮށްފި އެވެ.


ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ދެ ވަނަ ފަހަރަށް ހައްޔަރުކޮށް، އޭނާގެ މައްސަލައިގެ ތަހުގީގު ޑީސީޕީ ސައުދީގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާ އިއްޔެ ހަވާލުކޮށްފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ރޭގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ. އަދި އެކަން އަންގައި ފުލުހުންގެ ކޮމިޝަން އޮފިސަރުންނަށް ފޮނުވި މެސެޖެއް ކަމަށް ބުނާ މެސެޖެއް ވެސް މަހްލޫފްގެ ޓުވީޓްގައި ހިމަނާފައިވެ އެވެ.

އެކަމަކު ޑީސީޕީ ސައުދީގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަނީ ފާރިސްގެ މައްސަލަ ކަމެއް ނުވަތަ އެހެން މައްސަލައެއް ކަމެއް، ކޮމިޝަން އޮފިސަރުންނަށް ފޮނުވި އެ މެސެޖުގައި ސާފުކޮށް ބުނެފައެއް ނެތެވެ. އޭގައި ވަނީ "ފުލުހުން ބަލަމުންދާ މައްސަލައެއް ބެއްލެވުމަށް ހާއްސަ ޓީމެއް ނަންގަވައި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީގެ ދަށުން އެ މައްސަލައިގެ ތަހުގީގުގެ ހުރިހާ ކަމެއް ބެއްލެވުމަށް ސްޕެޝަލިސްޓް ސަޕޯޓްގެ ހެޑް އޭސީޕީ އަހުމަދު މުހައްމަދަށް މިއަދު ވަނީ ހަވާލު ކުރައްވާފައި،" ކަމަށެވެ.

ނަމަވެސް، ޕޮލިސް ކޮމިޝަނަރުގެ އޮފީހުން، ކޮމިޝަން އޮފިސަރުންނަށް އެފަދަ މެސެޖެއް ފޮނުވާފައިވާކަން ފުލުހުންގެ އިސް އޮފިސަރަކު "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ރަސްމީ ބަހެއް އަދިއެއް ނުލިބ އެވެ.

ލީކްވި މެސެޖުގައިވާ ގޮތުން ނަމަ، ވަކި މައްސަލައެއް ޑީސީޕީ ސައުދީގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމިޔަސް ފުލުހުންގެ އެއްވެސް މަގާމަކަށް އަދި އޮނިގަނޑަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

ފާރިސް އިއްޔެ ހައްޔަރުކޮށްގެން ގެންދަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ފާރިސްގެ މައްސަލަ ޑީސީޕީ ސައުދީގެ ބެއްލެވުމުގެ ދަށަށް ގެންދިޔަ ކަމަށް އަޑު މި ފެތުރުނީ، ފާރިސް ދެ ވަނަ ފަހަރަށް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ރޭ ދަންވަރު 4:00 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ދެކޮޅުހެއްދެވި ކަމަށް އަޑުއަރާފައި ވަނިކޮށެވެ.

ސީޕީ އަރީފާއި ފާރިސް ކައިވެނި ބައްލަވައިގެން އުޅުއްވަނީ އެއްބަނޑުއެއްބަފާ ދެބެންނާ ކަމަށް ވާއިރު، އިއްޔެ ފާރިސް ހައްޔަރު ކުރުމުގެ ކުރިން އަރީފް އޭނާއާ ބައްދަލު ކުރެއްވި ކަމަށް މީޑިއާގައި ފާރިސް ވިދާޅުވެފައިވެ އެވެ. ފާރިސް ވިދާޅުވެފައި ވަނީ އޭނާ ހައްޔަރު ކުރުމަށް ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކުން އަރީފަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް އަރީފް ވިދާޅުވި ކަމަށެވެ. ނަމަވެސް އަރީފާއި ފާރިސް ބައްދަލުކުރެއްވި ވާހަކަ އާއި ފާރިސް ދެއްކެވި ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.

އެ ވާހަކަތައް ފެތުރުމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފާރިސް އަލުން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތަށް އޭނާ ހައްޔަރު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ފުލުހުންނަށް އަންގަވާފައިވާ ކަމަށެވެ. އެކަމަކު އެހެން މައްސަލަތަކާ ޚިލާފަށް ފާރިސްގެ މައްސަލައިގައި އެ ފަދަ އެންގެވުމެއް ރައީސް ޔާމީން އަންގަވަން ޖެހިވަޑައިގެންނެވި ސަބަބެއް ނޭނގެ އެވެ.

ފާރިސްގެ މައްސަލަ ސައުދީގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދާ ގޮތަށް ނިންމީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ނުބުނެ އެވެ.

ރިޝްވަތުގެ ތުހުމަތުގައި ހަ މަސް ވަންދެން ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު، ފާރިސް ކްރިމިނަލް ކޯޓުން މިނިވަން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަކު އޭނާ މިނިވަންކުރިތާ އެއް ދުވަސް ފަހުން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އިއްޔެ އަލުން ހައްޔަރުކުރުމަށް ފަހު ރޭގައި ވަނީ ފާރިސްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކޮށްފަ އެވެ.