ސަރުކާރުން އުޅެނީ ނަހަމަ ގޮތުގައި ގާނޫނު ބޭނުންކޮށްގެން މަރުގެ އަދަބު ދޭން: އިއްތިހާދު

ސަރުކާރުން މަސައްކަތް ކުރަނީ ނަހަމަ ގޮތުގައި ގާނޫނު ބޭނުންކޮށްގެން މަރުގެ ހުކުމް ތަންފީޒު ކުރަން ކަމަށް ބުނެ އިދިކޮޅު އިއްތިހާދުން އެކަމާ މެދު މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.


އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރެވޭނީ ގާނޫނު އަސާސީގައި ބުނެފައި އޮތް ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން އެކަނި ކަމަށެވެ.

ހިސާން ވިދާޅުވި ގޮތުގައި ކުށްވެރިއެއްގެ މައްޗަށް އަންނަ އެހެން ހުކުމްތައް ތަންފީޒުކުރަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުންނެވެ. އެއީ މީހެއްގެ މައްޗަށް ކުރާ ހުކުމް ތަންފީޒުކުރުމުގެ ކަންކަން ގާނޫނު އަސާސީ ބުނާ ގޮތަށް ކަނޑައަޅާފައި އޮންނަ ގާނޫނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގާނޫނުގައި މަރުގެ ހުކުމް ތަންފީޒުކުރަން ކަނޑައަޅާފައި ނެތުމުން އެކަން ގާނޫނަކުން އިސްލާހުކުރަން ޖެހޭ ކަމަށެވެ.

"މަރުގެ ހުކުމް ތަންފީޒު ކުރުން ގާނޫނުން ކަނޑައަޅާފައެއް ނެތް. މަރުގެ ހުކުމް ތަންފީޒު ކުރާ ގަވާއިދެއް އެކުލަވާލާކަށް ވެސް ނޯންނާނެ،" ހިސާން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް ހުމާމް ކޯޓަށް ވައްދަނީ. އަފްރާޝީމްގެ މަރުގެ މައްސަލާގައި އޭނާގެ މައްޗަށް ކުރި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައި. --ފޮޓޯ/މިހާރު

އޭނާ ފާހަގަކުރެއްވި ގޮތުގައި ދިރިހުރުމުގެ ހައްގު ގާނޫނު އަަސާސީން ލިބިދީފައިވާ އިރު، އަސާސީ ހައްގެއް ހަނިކުރެވޭނީ ނުވަތަ މީހެއްގެ ކިބައިން ނިގުޅައިގަނެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ.

"ސަރުކާރުން އުޅެނީ ގާނޫނުން ބާރު ލިބިނުދީ ގާނޫނެއްގެ ނަހަމަ ބޭނުންކޮށްގެން ރައްޔިތުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަގުފަހިކޮށް ދިނުމަށް. މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ގާނޫނު އަސާސީ ބުނެފައި އޮތް ގޮތަށް މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން އެކަނި،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޝަރުއީ ދާއިރާ އޮތީ ކޮރަޕްޝަނާއި ފަސާދައިގެ ތެރޭގަ އެވެ. އަދި އެއީ ސަރުކާރު ކޮންޓްރޯލް ކުރަމުން އަންނަ ދާއިރާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އޮތް ހާލަތުން ކުރިއަށް ދާނީ މުވައްޒަފުންގެ ފަންނީ އަދި އިލްމީ ގާބިލުކަން އިތުރުކޮށްގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝަރުއީ ދާއިރާއާ މެދު ސުވާލު އުފެދުނީ އެމްޑީޕީ ވެރިކަމުގައި އެކަން އިސްލާހުކުރަން ފުރުސަތު ނުލިބުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަރުގެ ހުކުމް އިއްވާފައިވާ ދެ މީހެއްގެ ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް، އެ މީހުން މަރަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެއީ ހުމާމްގެ އިތުރުން، ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ ގާތިލު އަހުމަދު މުއްރަތެވެ. އެ ދެ މީހުންނަށް އިއްވި މަރުގެ ހުކުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

ހުމާމުގެ މައްޗަށް ކުރި ޝަރީއަތުގައި ހުރި ބޭއިންސާފު ކަމަށް ބުނާ ކަންކަން އެކި ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. އޭގެ ތެރޭގައި، މަޖުބޫރުކޮށްގެން ހުމާމް ކުށަށް އިއުތިރާފް ކުރުވާފައިވާ ކަމަށް ބުނުމާއި ހުމާމް އަނބުރާ ގެންދިޔަ އިއުތިރާފު ބަޔާން ޝަރީއަތަށް ބަލައިގަތުމާއި ހުމާމްގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް އާއިލާ އިން ބުންޏަސް އެކަން ބަލާފައި ނުވުން އަދި ހުމާމް މެރުން ފަސް ކުރަން އަފްރާޝީމްގެ އާއިލާ އިން އެދުނު އެދުމަށް އިޖާބަ ނުދިނުން ހިމެނެ އެވެ.

ހުމާމްގެ ތަހުގީގު ހިންގި އިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަބްދުﷲ ރިޔާޒު އިއްޔެ "މިހާރު" އަށް ވިދާޅުވީ ހުމާމަށް އެއްވެސް ގޮތަކުން މަޖުބޫރުކޮށްފައި ނުވާނެ ކަމަށެވެ. އަދި އަފްރާޝީމް މަރާލިކަން އޭނާގެ މައްޗަށް ސާބިތުވާ ވަރަށް ހެކި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވަންދެން މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތުމަށް ފަހު އެކަން ކުރަން އުޅޭތީ ބޭރުގެ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އދ. އާއި އީޔޫގެ އިތުރުން އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތައް ހިމެނެ އެވެ. އަދި ހުމާމްގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށް ބުނެ، އޭނާ މެރުމާ ދެކޮޅަށް ރާއްޖޭގެ ޖަމިއްޔާތަކުން ވެސް އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.