ރިޝްވަތުގެ ތުހުމަތުގައި ތިން ގެއެއް ފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފެއް ކަމަށްވާ ނަޖުމާ ދިރިއުޅޭ ގެ އަށް ފުލުހުން ވަދެ އޭނާ ހައްޔަރު ކޮށްގެން ގެންގޮސްފި އެވެ. ނަމަވެސް އޭނާ ހައްޔަރު ކުރީ ކޮން މައްސަލައެއްގައި ކަމެއް އަދި ނޭނގެ އެވެ.


އަދި މައުމޫންގެ އަނބިކަނބަލުންގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވާ ގެ، މ. އެންދެރި ގަސް އަށް ފުލުހުން ވަދެ މިހާރު ދަނީ އެ ގެ ބަލައި ފާސް ކުރަމުންނެވެ. އެ ގެ ކައިރީ މަގުތަކާއި ގޯޅިތައް ފުލުހުން މިހާރު އޮތީ އާންމުންނަށް ނުވަދެވޭނެ ހެން ބަންދުކޮށްފަ އެވެ. އަދި އެންދެރި ގަސް ހުންނަ ގޯޅީގެ ދެކުނު ކޮޅުގައި ފުލުހުން ޖިޕެއް ވެސް އެބަ އޮތެވެ.

އަދި މައުމޫންގެ ސަލާމަތީ ކަންތަކުގައި ހަރަކާތްތެރިވާ މީހަކު ދިރިއުޅޭ މ. ޕެންޒީ ހައުސް އަށް ވެސް ފުލުހުން ވަދެ މިހާރު ފާސް ކުރަމުން އަންނަ ކަން އެނގިފައިވެ އެވެ.