އިއްތިހާދުގެ ޖަލްސާ އަށް ކާނިވާ ދޫކޮށްފި

އިދިކޮޅު އިއްތިހާދުގެ ޖަލްސާ މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމުގެ ހުއްދަ އެންމެ ފަހުން ހައުސިން މިނިސްޓްރީން މިއަދު ދީފި އެވެ.


އިއްތިހާދުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބިފައި މިވަނީ ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށް އެދި އެމްޑީޕީން ސިޓީ ފޮނުވިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އަދި އިއްތިހާދާއި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން އެކި އޮފީސްތަކަށް ގޮސް އެކަމުގެ ޝަކުވާ ކުރި ފަހުންނެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވި ގޮތުގައި އިއްތިހާދުގެ ޖަލްސާ ބާއްވަން ހުއްދަ ލިބުނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

އެގޮތުން، ސިޓީގެ ޖަވާބު ހޯއްދެވުމަށް ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ މާހިދު ޝަރީފް ކުރެއްވި މަސައްކަތް ނިޔާޒު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ކާނިވާ ސަރަހައްދު އެމްޑީޕީ އަށް ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ހައުސިން މިނިސްޓްރީ އަށް އެންގިކަން އޭނާ ފާހަގަކުރެއްވި އެވެ.

ނިޔާޒް ވަނީ އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލައްވައިފަ އެވެ. އަދި މި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އިނގިރޭސި ވިލާތުގައި ހުންނަވައި ވާހަކަ ދައްކަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި އިއްތިހާދުގެ މަސައްކަތަކީ ރާއްޖެ ހަމަމަގަށް އެޅުވުމަށް އިންތިގާލީ މަރުހަލާއެއް ގެނައުމެވެ. އަދި އެކަމަށް އިއްތިހާދުގެ ބައިވެރިން ތިއްބެވީ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.