ނަޖުމާ ގޭބަންދަށް ބަދަލުކޮށްފި

ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނަޖުމާ އިބްރާހީމް ފުލުހުން މިރޭ ގޭބަންދަށް ބަދަލުކޮށްފި އެވެ.


ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ މިރޭ އިރާކޮޅު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ، ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީ، އަދި އިތުރު މެމްބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދޭން އުޅޭ ކަމުގެ ތުހުމަތުގަ އެވެ.

ނަޖުމާ ގޭބަންދަށް މި ދޫކޮށްލީ، އޭނާއަކީ އަށް މަހުގެ ތުއްތު ކުއްޖަކަށް ގާތުން ކިރުދޭން ޖެހޭ މީހަކަށް ވާތީ، ޖަލުގައި ހައްޔަރުކޮށްފި ނަމަ، އެ ކުއްޖާއަށް ކުރިމަތިވެދާނެ ސިއްހީ މައްސަތަކުގެ ޝަކުވާ، ނަޖުމާގެ ގާނޫނީ ވަކީލުން ކްރިމިނަލް ކޯޓަށާއި ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށެވެ.

ނަޖުމާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ މ. ވިސްޓީރިއާ ފާސްކޮށްފައިވާއިރު ރިޝްވަތުގެ މައްސަލައިގެ ތުހުމަތަށް ފުލުހުން އެ ގެއިން ގެންދިޔައީ ފޯނަކާއި ބުރުގަލެކެވެ.

ނަޖުމާގެ އިތުރުން މައުމޫނާ ގުޅުން ހުރި އިތުރު ދެ ތަނެއް ފާސްކޮށް ދެ މީހަކު ވެސް ހައްޔަރުކުރި އެވެ. އޭގެ ތެރެއިން އެއް ތަނަކީ މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ އާއިލާގެ ބައެެއް ބޭފުޅުން އުޅުއްވާ އެންދެރިގަސް އެވެ. އެ ގެ ފާސްކޮށް ހައްޔަރުކުރީ އެ ގޭގައި ގެންގުޅޭ ބިދޭސީ ޑްރައިވަރެކެވެ.

ދެން ފާސްކުރީ މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީއެއް ކަމަށްވާ މުހައްމަދު އަޒްމީ ދިރިއުޅޭ މ. ޕެންޒީ ހައުސް އެވެ. އެ ގެ ފާސްކޮށް އަޒްމީ ވެސް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީ، އަދި އެހެން މެމްބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދޭން އުޅޭ ކަމުގެ ތުހުމަތުގަ އެވެ. އަޒްމީގެ ގެއިން ވެސް ފުލުހުން ފޯނެއް ގެންދިޔަ ކަމަށް ވެ އެވެ.

މައުމޫނާ ގުޅުން ހުރި ތިން ތަނެއް މިރޭ އިރާކޮޅު އެއް ވަގުތެއްގައި ފާސްކޮށް ތިން މީހަކު ހައްޔަރު ކުރިއިރު، އެމަނިކުފާނަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އިސްވެ މަސައްކަތް ކުރައްވާ ހަތަރު ލީޑަރުންގެ ތެރެއިން އެއް ބޭފުޅާ އެވެ.