ރާއްޖެ ޓީވީ ބަންދުކުރަން ޕީޕީއެމުން ގޮވާލައިފި

ގައުމުގައި ފިތުނަފަސާދަ އުފައްދަމުންދާ ކަމަށް ބުނެ ރާއްޖެ ޓީވީ ބަންދުކުރަން ސަލާމަތީބާރުތަކަށް ޕީޕީއެމުން މިއަދު ގޮވާލައިފި އެވެ.


ދައުލަތުގެ މީޑިއާ، ޕީއެސްއެމް އާއި ޗެނަލް 13 އަށް އެކަނި ދައުވަތު ދީގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ގައުމުގެ ހަމަނުޖެހުން ނަގާލަން ރާއްޖެ ޓީވީ އަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އެ ސްޓޭޝަނުން މިހާރު ކުރަމުން އަންނަނީ ފިތުނަފަސާދަ އުފެއްދުމުގެ މަސައްކަތް ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ދަނޑިވަޅުގައި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދަން ރާއްޖެ ޓީވީން ކުރާ މަސައްކަތަކީ ގާނޫނީ ގޮތުން ކުށެކެވެ.

"އެހެންވެ އަޅުގަނޑު ޕީޕީއެމްގެ ފަރާތުން މި ގޮވާލަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް، މިހާރުން މިހާރަށް ރާއްޖެ ޓީވީ ބަންދުކުރާށޭ. މި ގައުމުގައި ބައިބައިވުން އުފައްދަން ޖާގަ ދީގެން ނުވާނެ. ކެނެރީގޭ މުހައްމަދު ނަޝީދު ބޭނުންވާ ވާހަކައެއް ރާއްޖެ ޓީވީއަކުން ދެއްކިގެން ނުވާނެ މި ގައުމުގެ ރައްޔިތުންނާ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ސަލާމަތީ ބާރުތަކަށް އަބްދުއްރަހީމް ގޮވާލެއްވީ، ރާއްޖެ ޓީވީއާ މެދު އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށެވެ.

ރާއްޖެ ޓީވީ ބަންދުކުރަން ޕީޕީއެމުން ގޮވާލިއިރު، އެ ސްޓޭޝަން ނައްތާލަން އުޅޭ ކަމަށް ބުނެ ރާއްޖެ ޓީވީން ވަނީ މިދިޔަ ހަފުތާގައި ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

ސިޔާސީ ލީޑަރުން ދޫކޮށްލަން އަމުރުކޮށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަމުރު ނެރުނު ފަހުން، ސަރުކާރާއި ވެރިކަން ކުރާ ޕީޕީއެމުން ބާއްވާ ނިއުސް ކޮންފަރެންސްތަކަށް ދައުވަތު ދެނީ ހަމައެކަނި ޕީއެސްއެމާއި ޗެނަލް 13 އަށެވެ. އެ ޕްރެސް ކޮންފަރެންސްތަކަށް އެހެން މީޑިއާތަކަށް ފުރުސަތެއް ނުދެ އެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ ގާނޫނުގެ ދަށުން، މިހާތަަނަށް އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ ވެސް ރާއްޖެ ޓީވީ އެވެ. އެއީ ވެސް، އެ ސްޓޭޝަން ބަންދުކުރަން ސަރުކާރުން ގެންގުޅޭ ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރާއްޖެ ޓީވީން ވަނީ ބުނެފަ އެވެ.