ޕީޕީއެމް ތެރޭގައި މައްސަލަ އުފެދެން ފެށުނު ދުވަސްވަރު މައުމޫން ޕާޓީ އޮފީހުން ނުކުމެވަަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
14 ޖުލައި 2016 - 00:19
ވެރިކަން ކުރާ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުއްޓުވާލައްވާފައި އޮތް އޮތުން އެ މަނިކުފާނު މިއަދު ނިމުމަކަށް ގެންނަވައި ކޮމިޓީތައް ބޭއްވުމުގެ ހުއްދަ ދެއްވައިފި އެވެ.
ކުރީގެ ރައީސް މައުމޫނާއި އެ މަނިކުފާނުގެ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީނާ ދެމެދު ވަރަށް ބޮޑަށް މައްސަލަ ޖެހި، ޕާޓީގެ ތެރޭގައި ވަނީ އެ ދެ ބޭފުޅުންގެ ދެ ފެކްޝަން އުފެދިފަ އެވެ. މި ބައިބައިވުމުގެ ތެރޭން މައުމޫން ވަނީ ޕާޓީގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުވާލައްވާފަ އެވެ. އަދި ޕާޓީ ހިންގުން ވެސް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތުން ވަނީ ނަންގަވާފަ އެވެ.
އެއްވެސް ކޮމެޓީއެއް ނުބާއްވަން މައުމޫން ވަނީ މިއަދު ވެސް އަންގަވާފަ އެވެ.
އެކަމަކު، ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިރޭ ވިދާޅުވި ގޮތުގައި ޕާޓީގެ ގުނަވަންތަކާއި ކޮމިޓީތަކުގެ މަސައްކަތްތައް މިއަދުން ފެށިގެން އަލުން ފެށުން "އެންމެ ރަނގަޅު ކަމަށް" މައުމޫން ވަނީ އަންގަވާފަ އެވެ. އޭނާ ވިދާޅުވީ އެ މަސައްކަތްތައް ކުރި އަށް ގެންދަން ވާނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް ވެސް މައުމޫން އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
މައުމޫންގެ ހުއްދަ ނެތި ކޮމެޓީތައް ނުބާއްވަން އަންގަވާފައި ވަނިކޮށް، ޕާޓީ އޮފީހުން ބޭރުގައި ސުލޫކީ ކޮމެޓީ ބާއްވައި ޕާޓީގެ ބައެއް މެމްބަރުންނާ މެދު ވަނީ ފިޔަވަޅު އަޅާފަ އެވެ. އެ ގޮތުން، ރައީސް ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން ތިއްބަވާ ސުލޫކީ ކޮމެޓީން ވަނީ މައުމޫންގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނާއި ކައުންސިލް މެމްބަރު އަދި ޖެންޑާ މިނިސްޓްރީގެ ކުރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އާމިނަތު ނާދިރާ އާއި ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ޕާޓީން ވަކިކޮށްފަ އެވެ.
އެކަމަކު، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ޕާޓީން ވަކިނުކުރެވޭނެ ކަމަށް ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވަނީ މިއަދު ސުލޫކީ ކޮމިޓީ އަށް އަންގަވާފަ އެވެ.
މި ހުރިހާ ކަމެއްގެ ތެރޭން މައުމޫން ވަނީ ޕާޓީގެ ހިންގުން ހަރުދަނާ ކުރަން އިސްލާހީ އެޖެންޑާއެއް އެކުލަވާލައްވާފަ އެވެ. އެކަމަކު، ޕާޓީ ކައުންސިލްގެ ހުއްދަ ނެތި އެ މަނިކުފާނަށް އެކަން ނުކުރެއްވޭނެ ކަމަށް ރައީސް ޔާމީން ފެކްޝަންގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުމްރީ
14 July 2016
ހުއްދަ ދެއްވިޔަސް ކުރިއަށްދާ ގޮތް ބައްލަވާ ވެރިކަން ކުރާގޮފިން ހިންގާ ކޮރަޕްޝަންގެ އަމަލުތަށް ހުއްޓުވައި ދެއްވުން އެދެން
ފަޅުވެރިން
14 July 2016
މިތާގައި ކޮމެންޓްކުރާ އެމްޑީޕީ މީހުންތަކަށް ކިހިނެއްބާވީ އަނެއްކާ؟ ލިބުނު ހިތާމައެއްގެ ބޮޑުކަމުން އެންމެން ވަޅޯވެގެން ފިލީބާ، ނޫނީ ރަޖާލާފައި ނިދީބާ؟