ރާއްޖެ ވަޑައިގެންތަނުން ހައްޔަރުކުރި، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން، މި މަހުގެ ފަސް ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
11 ފެބުރުއަރީ 2018 - 13:11
ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދިވެސް ނުފެންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ބުނެފި އެވެ.
އިލްހާމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހޯދުމަށް މިދިޔަ ހުކުރު ދުވަހު ފުލުހުން ދެވަނަ ފަހަރަށް އިއުލާން ކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސިނާން ވަނީ އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް ވަޑައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފަ އެވެ. އެކަމަކު އެ އިއުލާނަށް ތިން ދުވަސް ވީއިރު ވެސް އިލްހާމްގެ އެއްވެސް ޚަބަރެއް ނުވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ކުރާ ތަހުގީގަކަށް ސިނާން ހައްޔަރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމުގެ ތުހުމަތެވެ. އެކަމަކު އިލްހާމަށް ކުރާ ތުހުމަތެއް އަދި ސާފެއް ނުވެ އެވެ.
ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު، އިލްހާމާއި ސިނާން މި މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށެވެ. އެކަމަކު ބަންދުގެ މުއްދަތު ޖެހުމަށް ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިލްހާމާއި ސިނާން ވަނީ ދޫކޮށްލައިފަ އެވެ.
އެ މައްސަލައިގެ ތަހުގީގަށް އެ ދެބޭފުޅުން ހޯދަން މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހު ވެސް ފުލުހުން އިއުލާންކުރި އެވެ. އޭރު އެ ދެބޭފުޅުން ތިއްބެވީ، ރައީސް އަބްދުﷲ ޔާމީން އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވި ގޮތަށް ތައިލެންޑުގައި ކަމަށް ވެ އެވެ. އިލްހާމާއި ސިނާން މި ފަހަރު ރާއްޖެ ވަޑައިގަތީ އަށެއްކަ މަސް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު އެވެ.
އިލްހާމާއި ސިނާނަކީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. ނަމަވެސް އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1234
11 February 2018
ތައިލެންޑް ވިސާ ލިބެނީ 60 ދުވަހަށް އެންމެ ގިނަވެގެން. ދެން ކިހިނެއް 6 މަސް ވަންދެން ހުރީ ؟
ރައްޔެތުންގެމެމްބަރުން
11 February 2018
އެ 8 މަސްދުވަހުގެ ވެސް މުސާރަޔާ އިނާޔަތް ތައް ލިބޭނެ، އަހަރުގެ ދެބައި ކޮއްފަ އެއްބައި ވެސް މަޖްލިސް ގަ ނުތިބެވޭ، އެކަމުވެސް ރައްޔިތުން ގެ ހައްގު ގަޔޯ ތައިލޭންޑުގަވެސް..
ހައްޖަ
11 February 2018
ކޮބާ! ކަމަކާ ޖެހުނީމަ ގަޓެއް ނެތެއްނު. ތީ ހަމަ ބިރުކުޑަ އަލީ.
އަހަ
11 February 2018
މައުމޫން ސަރުކާރުގެ ފަހުން އައި އެއްވެސް ސަރުކާރަކުން ރަނގަޅު އެއްވެސް ކަމެއް ކުރިކަމަކަށް އެކަކުވެސް ޤަބޫލެއް ނުކުރޭ. މައުމޫނު އިރުވެސް މީހުން ނުޤަބޫލު އެކަމަކު އޭރު މީހަކަށް އެއްޗެއް ބުނާނެ ފުރުސަތެއް ނޯވެ. މިހާރު މިނިވަންވީމާ މާގޯސް . ހުރިހާ ގެއްލުމެއް ޤައުމަށް ..