ރައީސް ޔާމީން އަޒުލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، އެމަނިކުފާނު މަގާމުން ދުރުކޮށްދޭން އިދިކޮޅު ލީޑަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.


ސުޕްރީމް ކޯޓުން މިއަދު ބުނީ އެ މައްސަލަ ބަލައި ނުގަތުމަށް ނިންމީ، ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީ ކަމަށެވެ.

ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ރައްޔިތުން މަޖިލީހުން އެގޮތަށް ނިންމުމުން އެކަމާ މެެދު ހިޔާލު ތަފާތުވާ ހާލަތްތަކުގައި ކަމަށެވެ.

ރައީސް ޔާމީން މަގާމުން ވަކިކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އެވެ.

އިދިކޮޅު ފަރާތްތަކުން ބުނީ ރައީސް ޔާމީން އުޒުރުވެރިވެއްޖެ ކަމަށް، ގާނޫނުއަސާސީގައިވާ ހަމަތަކުން ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދުނީ، މި ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެފައިވާތީ ކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ފާޅުގައި ނިގުޅައިގަނެ، ރައްޔިތުންގެ މަޖިލިސް ހުއްޓުވައި މިނިވަން މުއައްސަސާތަކުގެ ބާރުކަނޑުވާލާފައިވާތީވެ ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށްދޭން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުން އެމައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާއިރު މި މަހު އެއްވަނަ ދުވަހު އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ޖަލުހުކުމް އިއްވާފައިވާ ސިޔާސީ ލީޑަރުންތަކެއް ވަގުތުން މިނިވަން ކުރުމަށް އަމުރުކޮށްފަ އެވެ.

އެ ހުކުމާއެކު ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ރިޝްވަތު ހިފުމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އޭގެ ފަހުން، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަނީ ސިޔާސީ ލީޑަރުން ދޫކުރުމުގެ އަމުރު ބާތިލްކޮށްފަ އެވެ.