ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން ފާސްކުރެވެން އަންނަނީ ތަޅުމުގައި މަދުވެގެން 43 މެމްބަރުުން ތިބެގެން ކަމަށް ވާތީ ސަރުކާރު ކޯލިޝަނަށް މެމްބަރުން ހަމަކުރުމުގައި އަދިވެސް ކާމިޔާބު ނުލިބޭ ކަމަށް، އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ފެބްރުއަރީ 5 ގައި ރައީސް އަބްދުﷲ ޔާމީން އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ 15 ދުވަސް މިރޭ 8:00 އަށް ހަމަވާއިރު، އޭގެ މުއްދަތު ދިގުކުރެވެން އޮތީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެންނެވެ. މަޖިލިހަށް އިއްޔެ އެ ގަރާރު ހުށައަޅުއްވައި، ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ އިތުރު 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމައި ދިނުމަށެވެ.
އެކަމަކު މަޖިލިހުގައި ސަރުކާރުގެ އަގުލަބިއްޔަތު މިހާރު ގެއްލިފައި ވާތީ 43 މެމްބަރުން ހަމަކުރަން ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. މި ވަގުތު ސަރުކާރުގެ ކޮޅުގައި ތިއްބެވީ 41 މެމްބަރެވެ.
ޕީޕީއެމުން ވަކިވެ އިދިކޮޅު އިއްތިހާދާ ގުޅުނު 12 މެމްބަރުންނަށް މަޖިލިހަށް ނުވަދެވޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވާތީ އިދިކޮޅުން ވަނީ ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ.
ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުންް ފާސްކުރަން ވޯޓަށް އަހަން ވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާ އަށް ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ. އެއީ މަޖިލީހުގެ މިހާރުގެ ޖުމްލަ އަދަދު ކަމަށްވާ 85 މެމްބަރުންނަށް ބަލާއިރު 43 މެމްބަރުންނެވެ.
ގަރާރު ފާސްކުރާށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން މިއަދު ވެސް ޖަލްސާއެއް ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ. އެކަމަކު ޖަލްސާ ބާއްވާނެ ގަޑި ވެސް އަދި އިއުލާނެއް ނުކުރެ އެވެ. އެހެންކަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅީ ޖަލްސާ ނުބޭއްވިގެން އުޅެނީ އަދިވެސް 43 މެމްބަރުން ހަމަނުވާތީ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު މެމްބަރުން ޖަލްސާއަށް ގެންދަން އެތައް ގޮތަކުން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުން ވަރަށް މަސައްކަތް އެބަ ކުރޭ 43 ހަމަކުރެވޭތޯ. މެމްބަރުންނަށް ގުޅައި އެބަ ހަދާ. އެކަމަކު އެކަމެއް ނުވާނެ،" މަހުލޫފް ވިދާޅުވި އެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި ޖަލްސާ ބާއްވާނެ ވަގުތެއް ހާމަނުކުރަނީ އޭގެ ފަހަތުގައި "ނުލަފާ ރޭވުމެއް" އޮތީމަ އެވެ.އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން މިހާރު ގެންދަނީ އިދިކޮޅު މެމްބަރުންނަށް ހުށަހެޅުންތައް ހުށަހަޅަމުންނެވެ. އަދި ޖަލްސާއަށް ގެންދެވޭތޯ ވެސް ބަލަމުންނެވެ.
އެގޮތުން މިނިވަން މެމްބަރެއް ކަމަށްވާ ހުސެއިން އަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރައީސް ޔާމީންގެ އަނިޔާވެރިކަން ފޮރުވާ ނިވާ ފަތްގަނޑަކަށް ވާން" ބޭނުންނުވާ ކަމަށެވެ.
އަނެއްކޮޅުން ޕީޕީއެމްގެ ބައެއް ބޭފުޅުންގެ ވާހަކަތަކަށް ބަލާއިރު ގަރާރު ފާސްނުކޮށް ވެސް ސަރުކާރު ކޯލިޝަނުން ފަރުޖައްސަފާނެ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް، އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރުމަކުން ނުވަތަ ނުކުރުމަކުން ކުއްލި ނުރައްކަލުގެ ހާލަތަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އިދިކޮޅު ބައެއް މެމްބަރުން އަބްދުއްރަހީމްގެ ވާހަކައިން ނަންގަވާ މާނައަކީ 43 މެމްބަރުން ހަމަނުވެގެން މިއަދުގެ ޖަލްސާ ނުބޭއްވިއްޖެ ނަމަވެސް މައްސަލައެއް ނެތް ކަމެވެ. އެކަމަކު ގާނޫނުއަސާސީ ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލިހަށް ފޮނުވައި އަދި ފާސް ވެސް ކުރަން ޖެހޭނެ އެވެ.
ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އިއްޔެ ވިދާޅުވީ ގަރާރުގެ ކަންކަން ކުރިއަށް ގެންދާނީ މަޖިލީހުގެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ގަރާރު ފާސްކުރަން ނަގާ ވޯޓު ސަރުކާރު ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.