އިޚުލާސްތެރި މެމްބަރުންނާއެކު އަޣުލަބިއްޔަތު ހޯދާނަން: ރީކޯ މޫސަ

އިޚުލާސްތެރި މެމްބަރުންނާއެކު ރައްޔިތުން މަޖިލީހުގެ އަޣުލަބިއްޔަތު އަލުން ސަރުކާރަށް ހޯދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ "ރުމާލު 2" ގައި ބޭއްވި ޖަލްސާގައި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސަ އެހެން ވިދާޅުވިއިރު، މިދިޔަ ހަތަރު އަހަރު މަޖިލީހުގައި އޮތް ސަރުކާރުގެ ބޮޑު އަޣުލަބިއްޔަތު ގެއްލި، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންގެ އަދަދު ވަނީ 41 އަށް ދަށްވެފަ އެވެ. އެއީ، ޕީޕީއެމްގެ 36 މެމްބަރުންނާއި އެމްޑީއޭގެ ފަސް މެމްބަރުންނެވެ. ނަމަވެސް ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ މެމްބަރުންގެ އަދަދު 44 އަށް އިތުރުވެ، އިދިކޮޅު ފަރާތްތަކުން މިހާރު ވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިފަ އެވެ.

މިރޭގެ ޖަލްސާގައި، އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ ވިދާޅުވީ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް މިވަގުތަށް ނެތް ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުރިމަގުގައި އެ އަޣުލަބިއްޔަތު ސަރުކާރުން ހޯދާނެ އެވެ.

"...އަޣުލަބިއްޔަތު ހޯދާނަން. އަޅުގަނޑުމެން އަޣުލަބިއްޔަތު ހޯދަން ބޭނުމީ އިޚުލާސްތެރި މެމްބަރުންނާ އެކީގައި. އަޅުގަނޑުމެން ބޭނުމެއް ނޫން ދެފުށަށް ކެނޑޭ މެމްބަރުންނާ އެކީގައި އަޣުލަބިއްޔަތު ހޯދާކަށް،" ޖޯޝާއި ފޯރީގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުގެއްލޭ ކަމަށާއި މިއަދުގެ ޖަލްސާ އިން އެކަން ސާފުވި ކަމަށެވެ.

މިރޭގެ ޖަލްސާގައި ނިހާން ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ދެ ފެނު އެޅިފައި ތިބި 12 މެމްބަރަކާއި ގާސިމް ގެންގުޅޭ ހަތް މެމްބަރުންނާއި އޭނާގެ ގެއްލިފައިވާ ގޮނޑި އާއި ފާރިސްގެ ގޮނޑިއަކުން އަދި އަޅުގަނޑުމެންނަކަށް މެޖޯރިޓީއެއް ނުގެއްލޭނެ،" ނިހާން ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖުލައި 11 ގައި ޕީޕީއެމާ ގުޅިވަޑައިގެންނެވި މޫސަ ވިދާޅުވީ، މަޖިލީހުގައި އެމްޑީޕީގެ 21 މެމްބަރުން ތިއްބަވައިގެން، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގައި އެމަނިކުފާނު ކުރިން މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ. އަދި މައިނޯރިޓީއާއެކު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެވޭނެ ކަން ފާހަގަ ކުރައްވަމުން މޫސަ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ހުންނަވަނީ "ހެވިފައި" ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ކަންކަން ފާސްކުރުމަށް މިއަދު ބޭއްވި، މަޖިލީހުގެ ޚާއްސަ ޖަލްސާ އަށް އަލިއަޅުވާލައި މޫސަ ވިދާޅުވީ ވޯޓުލުމަށް ވަޑައިނުގަންނަވައި، ވޯޓަށް ޗެލެންޖު ނުކުރެވޭނެ ކަމަށެވެ. މަޖިލީހުގައި ވޯޓެއް ނަގާ ވަގުތު މެމްބަރުން މަޖިލީހުގެ ތަޅުމުގައި ތިއްބަވަން ޖެހޭނެ ކަމަށާއި މެމްބަރުން ވަޑައިނުގަތުމުގެ ސަބަބުން ރައްޔިތުންގެ ހައްގު ގެއްލޭ ކަމަށް މޫސަ ވިދާޅުވި އެވެ.

ދައުރުގެ ބޭރުން މިއަދު ހަވީރު ބޭއްވި ޚާއްސަ ޖަލްސާ އަށް އިދިކޮޅު މެމްބަރުން ވަޑައެއް ނުގަންނަވަ އެވެ.