އެސްއޯގެ ކުރީގެ ކޮމާންޑަރު ސައިފް ހައްޔަރުކޮށްފި

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ގެ ކުރީގެ ކޮމާންޑަރު ސައިފް މިރޭ ހައްޔަރުކޮށްފި އެވެ.


ހ. ކިނބިމާގޭގައި ދެވަނަ ފަންގިފިލާގައި ހުންނަވަނިކޮށް ސައިފް ހައްޔަރު ކުރީ މޫނު ނިވާކޮށްގެން ތިބި ގިނަ އަދަދެއްގެ ފުލުހުން އެ ގެއަށް ވަދެ އެވެ. މީގެ ހަތަރު އަހަރު ކުރިން އެސްއޯއާ ހަވާލުވި ސައިފް ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށްފައިވެ އެވެ.

އޭނާ ހައްޔަރުކުރީ، އެނގިފައިވާ ގޮތުގައި، ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން މި މަހު 1ގައި ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ ތެރޭގައި ހަމަނުޖެހުން އުފައްދަން އުޅުއްވި ކަމުގެ ތުހުމަތުގަ އެވެ.

ސައިފްގެ އިތުރުން ވެސް އެހެން ފުލުހަކު ހައްޔަރުކޮށްފައިވާ ކަން ފުލުހުން ކަށަވަރުކޮށްދެ އެވެ. އެ ދެ ފުލުހުންގެ މައްސަލަތަކެއް ތަހުގީގުކުރަމުންދާ ކަމަށް ބުނި ނަމަވެސް ތަފްސީލެއް ނުދެ އެވެ.

ސައިފް ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލެއްގައި ގެންދިޔައިރު އޭނާ އިންނެވީ ހަމަޖެހިލައިގެންނެވެ. އޭނާގެ މޫނު މަތިން އެއްވެސް ހާސް ކަމެއް ފެނިފައެއް ނުވެ އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށްލަން މި މަހު 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ނެރުމާއެކު، އޭރުގެ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަހުމަދު އަރީފް ވަނީ އެސްއޯގެ ކޮމާންޑަރަކަށް ސައިފް ހަމަޖައްސައިފަ އެވެ. އެކަމަކު، ފަހުން ސައިފް ވަނީ އެ މަގާމުން ދުރުކޮށްފަ އެވެ.