މިދިޔަ އަހަރު ހައްޖަށް ދިޔަ ދިވެހީންތަކެއް މިނާއަށް ދަނީ.--ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު /މިހާރު
27 ފެބުރުއަރީ 2018 - 13:25
ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ނުވަ ކުންފުންޏަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު މުއްދަތު ހަމަވި އިރު، ހައްޖު ކޯޕަރޭޝަނާއެކު އަށް ކުންފުންޏަކުން ކުރިމަތިލި ކަމަށެވެ. އެ ފޯމުތައް އިވެލުއޭޓް ކުރުމަށް ފަހު ހުއްދަ ދޭނެ ކުންފުނިތައް ކަނޑައަޅައި އިއުލާނު ކުރާނެ ކަމަށް އަހުސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިމަތިލި ކުންފުނިތަކުގެ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.
ހައްޖަށް މީހުން ގެންދިއުމުގެ އުސޫލު ބުނާ ގޮތުން، ކޮންމެ ކުންފުންޏަކަށް ވެސް ހުއްދަ ދެވޭނީ އެއް އަހަރަށެވެ. އަދި އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ އޮވެފައި އެ މަސައްކަތުގައި ދެ އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏަށް ވުމަކީ ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިދިޔަ އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނީ ހަތަރު ކުންފުންޏަކަށެވެ. އެއީ ހައްޖު ކޯޕަރޭޝަނާއި ޒައީ ގްރޫޕާއި ސިސިލްފަރު ގްރޫޕާއި ހަރަމައިން ޖަމާއަތެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1000 މީހުން ދިޔައިރު ދެން ބާކީ ކުންފުނިތަކުން ގެންދިޔައީ ކޮންމެ ކުންފުންޏަކުން 100 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy