ފްލެޓް ލިބޭ މީހުން މި އަހަރުގެ ތެރޭ އިއުލާންކުރާނެ: މިނިސްޓަރު

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން މީގެ ދެ އަހަރު ކުރިން ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުން މި އަހަރުގެ ތެރޭ އިއުލާންކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނެފި އެވެ.


މިނިސްޓްރީން ކުރިން ބުނެފައި ވަނީ، ފްލެޓަށް ކުރިމަތިލީ 15،000 މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން އިއުލާންކުރުން ލަސްވަނީ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް ނުނިމޭތީ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް ވިދާޅުވީ ފްލެޓް ލިބޭ މީހުން ހޮވުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ. ލަސްތަކެއް ނުވެ، އެކަން އިއުލާންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ފިޔަވަހީގައި ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 1،100 ފްލެޓަށް ކުރިމަތިލީ ބައެއް މީހުންގެ ދިރިއުޅުމުގެ ހާލަތު މިހާރު ވަނީ ބަދަލުވެފަ އެވެ. ކުރިން ކުއްޔަށް އުޅުނު ގެ ދޫކޮށް އެހެން ގެއަކަށް ބަދަލުވެފައިވާއިރު ކައިވެންޏާއި ދަރިންގެ އަދަދުގެ އިތުރުން ދިރިއުޅުމުގެ އެހެން ކަންކަމަށް ވެސް ވަނީ ބަދަލު އައިސްފަ އެވެ. އެހެންވެ މިނިސްޓްރީން ކުރިން ކަނޑައަޅާފައިވާ އުސޫލަށް ޕޮއިންޓް ދިނުމަކީ އެންމެ އިންސާފުވެރިގޮތްތޯ ބައެއް މީހުން ސުވާލު އުފައްދަ އެވެ.

ހައުސިން މިނިސްޓަރު މުއިއްޒު "މިހާރު"އާ ވާހަކަ ދައްކަވަނީ: ފްލެޓަށް ޕޮއިންޓް ދޭނީ އިންސާފުވެރިކޮށް ކަމަށް މިނިސްޓަރު ވިދާޅުވި. --ފޮޓޯ: ނިޝާންއަލީ/މިހާޜރު

މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި ފްލެޓް ދިނުމުގެ ކުރިން، ފްލެޓަށް އެދި ކުރިމަތިލީފަހުން މިހާތަނަށް އެ މީހެއްގެ ދިރިއުޅުމަށް އައިސްފައިވާ ހުރިހާ ބަދަލުތަކަކަށް ރިއާޔަތްކުރާނެ އެވެ. އަދި އެކަން ކުރިއަށް ގެންދާނީ އެންމެ އިންސާފުވެރި އުސޫލްގެ މަތިން ކަމަށް ވެސް ވިދާޅުވި އެެވެ.

"އެ މީހަކު ދިރިއުޅޭ ހާލަތަށް ރިއާޔަތްކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.

ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ޒިޔާރަތްކުރުން ރޯދަ މަހަށް މެދުކަނޑާލުމަށް ފަހު އަލުން ފެށުން ލަސްވަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ގޭގެއަށް ދާ ޓީމު ބޮޑުކޮށްލުމަށެވެ. ޔުނިވަސިޓީގައި ކިޔަވާ ދަރިވަރުންނާއި އެ ނޫން ވެސް މިކަމަށް ގާބިލް ކުދިން ޓީމުގައި ހިމަނަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

"ޓީމު ބޮޑުކޮށްލައިގެން ތަންކޮޅެއް ކުރު މުއްދަތެއްގެ ތެރޭގައި މިކަން [ސާވޭ] ނިންމާލަން ބޭނުން ވަނީ. އެހެންވެ މިވަގުތަށް މަޑުޖެހިފައި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.