އަމިއްލަ އަށް ދަންޖެހުނީ ކަމަށް އާއިލާ އިން ގަބޫލެއްނުކުރޭ، ހަަށިގަނޑު މާލެ ގެނެސްފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހދ. ނޮޅިވަރަމުގައި ދަންޖެހިފައި ހުއްޓާ ފެނުނު އަންހެން މީހާގެ މަރުގައި ސުވާލުތަކެއް އުފެދުމުން، ޕޯސްޓްމޯޓަމް ހަދަން އިންޑިއާ އަށް ފޮނުވަންވެގެން ހަށިގަނޑު އިއްޔެ މާލެ ގެނެސްފި އެވެ.


މިދިޔަ އަށެއްކަ މަހުގެ ތެރޭގައި، ނަފުސާނީ މައްސަލަތަކެއްގެ ތެރޭގައި އުޅުނު ޝާހިދާ އަލީގެ މަރާ މެދު އާއިލާ އިން ސުވާލު އުފައްދާތީ ފުލުހުން މިހާރު ވަނީ އޭނާގެ މަރުގެ ތަހުގީގު ފަށައިފަ އެވެ.

އުމުރުން 42 އަހަރުގެ ޝާހިދާގެ އާއިލާ އިން ބުނަނީ އެ މީހުންގެ ކަންބޮޑުވުމަކީ ގިފިލި ތެރޭގައި އޭނާ ދަންޖެހިފައި ހުރި ގޮތް ކަމަށެވެ. އާއިލާ އިން ގަބޫލުކުރާ ގޮތުގައި ސިކުނޑީގެ މައްސަލަތަކެއްގައި އުޅެމުން ދިޔަ ޝާހިދާ ދަންޖެހިފައި ހުރި ވާގަނޑު އައްސާފައި ހުރީ މާ އުހުގައި، މާ ވަރުގަދައަށެވެ. އެއީ އެ ކަހަލަ މައްސަލަތަކެއްގައި އުޅުނު އަންހެނަކަށް ބަލާއިރު ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް އާއިލާ އިން ގަބޫލުކުރެ އެވެ.

އާއިލާ އިން ބުނާ ގޮތުގައި އެ ވާގަނޑު އައްސާފައި ހުރީ 12 ވަރަކަށް ފޫޓު އުސް އަސްކަނީގެ ވަކަރެއްގަ އެވެ. އެ ވަކަރުގައި ވާގަނޑު އައްސަން އަރާނެ ހަރުގަނޑެއް ނުވަތަ ގޮނޑިއެއް ވެސް އެ ތަނުން ފެންނަން ނެތް ކަމަށް އާއިލާ އިން ބުންޏެވެ.

"[ވާގަނޑު އައްސާފައިވާ] ގޮށަށް ބަލާލީމައި ވެސް އެނގޭނެ އެފަދަ އަންހެނަކަށް ޖެހޭނެ ފަދަ ގޮށެއް ނޫންކަން އެއީ. އެއަށް ވުރެ މާ ވަރުގަދަކޮށް، ރީއްޗަށް ގޮށް ޖަހާފައި ހުރީ،" ޝާހިދާގެ އާއިލާގެ މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޝާހިދާ ގެއްލިގެން ވެސް ހޯދި އެވެ. ހެނދުނު މޫދަށް ދިޔަ ގޮތަށް ހަބަރެއް ނުވެގެން ރަށު ރައްޔިތުން ނިކުމެ ހޯދަނިކޮށް ފެނުނީ އޭގެ އަނެއް ދުވަހު ވަލުތެރޭގައި އުޅެނިކޮށެވެ. އޭރު އޭނާ ހުރީ ކޮޅަށް ކަމަށާއި އެކަމަކު އެހެން މީހުން ފެނުމާ އެކު އަނބުރައިގަނެގެން ވެއްޓުނު ކަމަށް ނޮޅިވަރަމު ރަށު ކައުންސިލުން ބުނެފައިވެ އެވެ.

ކައުންސިލުން އޭރު ބުނެފައިވަނީ އޭނާ އަށް ވަލު ތެރެ އަށް ވަދެވުނީ ކިހިނެއް ކަން ޝާހިދާގެ ހަނދާނުގައި ނެތް ކަމަށެވެ.

އާއިލާ އިން ބުނާ ގޮތުގައި ނަފްސާނީ ބައްޔަށް ޝާހިދާ ފަރުވާ ހޯދާތާ އަށެއްކަ މަސް ވެއްޖެ އެވެ. އަދި ފުރާނަ އަށް ނުރައްކާވާ ފަދަ ކަމެއް ކޮށްފާނެ ކަމަށް ފެންނާތީ އެކަމަށް ސަމާލުވާން ޑޮކްޓަރުން ލަފާދިން ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ޝާހިދާ ދަން ޖެހުނީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ.

އޭނާގެ ފިރިމީހާ އެރޭ ފަތިސް ނަމާދަށް ދިޔަ އިރު ޝާހިދާ އޮތީ ނިދާފައި ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެކަމަކު ގެއާ ޖެހިގެން ހުރި މިސްކިތުގައި ފިރިމީހާ ނަމާދުކޮށް ނިމިގެން އިން އިރު ޝާހިދާ ރޯއަޑު އިވުނު ކަމަށާއި އެ އަޑަށް އޭނާ ގެއަށް އައި އިރު ޝާހިދާ ހުރީ ގިފިލި ތެރޭގައި ދަންޖެހިފައި ކަމަށް އާއިލާ އިން ބުނެ އެވެ.

"އެގޭގެ އަވަށްޓެރިއަކު ވެސް ބުނި އޭނާ ނަމާދަށް ދިޔައިރު ޝާހިދާމެންގޭ ވަޅުން ފެން ނަގާ އަޑު އިވެއޭ. އޭރު ޝާހިދާގެ ފިރިމީހާ ނަމާދަށް ހިނގައްޖެ. ނަމާދުކޮށް ނިމިގެން ޒިކުރު ތަސްބީހަ ކިޔަން އިން އިރު ކަމަށް ވަނީ އޭނާ ރޯ އަޑުއިވުނީ،" ޝާހިދާގެ އާއިލާ އިން ވާހަކަދެއްކި މީހާ ބުންޏެވެ.

އެ ދުވަހު ފަތިހު ޝާހިދާ ދަންޖެހިފައި ހުރި ތަން ފެނުމުން، އެ ގޭ މީހުން އެ ރަށު ފުލުހުންނަށް ވަގުތުން އެންގި އެވެ. ދަންޖެހިފައި ހުރި ވާގަނޑު ކަނޑާލައިގެން ޝާހިދާގެ ހަށިގަނޑު ތިރިކުރީ ފުލުހުން ކަމަށް އާއިލާ އިން ބުނެ އެވެ.

ޝާހިދާގެ އާއިލާ އިން ބުނީ އޭނާ މަރުވެފައި ހުރި ތަން ފެނުނު ފުލުހުންނަށް ވެސް އެ މަރާ ގުޅޭ ގޮތުން ޝައްކުތަކެއް ކުރެވުނު ކަމަށެވެ. އަދި ފަހުން އެ މައްސަލަ ތަހުގީގުކުރަން ހދ. ކުޅުދުއްފުއްޓާއި މާލެ އިން ވެސް ފުލުހުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

ޝާހިދާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ. އަދި ޕޯސްޓްމޯޓަމް ހަދަން، އެ ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެނގިފައިވެ އެވެ.

އެކަމަކު ފުލުހުން ހަމައެކަނި ބުނެފައިވަނީ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، ޝާހިދާގެ ހަށިގަނޑު މާލެ ގެނެސް މޯޗަރީގައި ބާއްވާފައި އޮތް ކަމަށެވެ.

އެނގިފައިވާ ގޮތުން ޝާހިދާގެ ފިރިމީހާ އާއި އާއިލާގެ ބައެއް މީހުންގެ ބަޔާން މިހާރު ވަނީ ނަގާފަ އެވެ.