ނައިބު ރައީސް ޖިހާދުގެ ބޮޑީގާޑުގެ ފޯނު އަތުލައިފި

ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ބޮޑީގާޑު، އައްބާސް އުމަރުފުޅުގެ ފޯނު އަތުލައިފި އެވެ.


"މިހާރު"އަށް އެނގިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މިލިޓަރީ ފުލުހުން އޭނާގެ ފޯނު އަތުލީ، ބަންޑާރަކޮއްޓަށް ގެންދިއުމަށް ފަހު އެވެ. އެކަމަކު ފޯނު ހިފެހެއްޓުމަށް ފަހު ހަމަ އެ ދުވަހު އޭނާ ދޫކޮށްލި ކަން އެނގިފައި ވެ އެވެ.

އައްބާސްގެ ފޯނު އަތުލީ ކީއްވެ ކަމެއް ނޭނގެ އެވެ. އެނގިފައިވާ ގޮތުން އޭނާ ކައިރީ ހަމައެކަނި ބުނީ "ބަލަމުންދާ މައްސަލައަކާ ގުޅިގެން ފޯނު އަތުލީ" ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ބޮޑީގާޑު އަހުމަދު ޝާނީޒު މިދިޔަ އަންގާރަ ދުވަހު ސިފައިންގެ ވަޒީފާ އިން ވަކިކޮށްފައިވާއިރު، އޭނާ އާއި އައްބާސްއަކީ ގާތް ދެ ރަހުމަތްތެރިންނެވެ. އައްބާސްވަނީ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ވެސް ބޮޑީގާޑަކަށް އުޅެފަ އެވެ.

ޝާނީޒުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑް އަހުމަދު ސިމާދު ވެސް ވަނީ މިދިޔަ އަންގާރަ ދުވަހު ވަޒީފާއިން ވަކިކޮށްފަ އެވެ.

އެ މީހުން ވަޒީފާއިން ވަކި ކުރީ 12 ވަރަކަށް ދުވަހު ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި އެ މީހުން ހައްޔަރު ކުރީ ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި، އެނގެން ނުޖެހޭ މައުލޫމާތު ބަޔަކަށް ފޯރުކޮށްދިންކަމުގެ ތުހުމަތުގަ އެވެ. އަދި އެ މީހުން ވަޒީފާއިން ވަކި ކުރީ، އަމިއްލައަށް ކެނޑެން އެންގުމަށް ފަހު އެކަން ނުކުރުމުން ކަމަށް ވެސް އެނގިފައި ވެ އެވެ.

އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސިޔާސީ މަސްރަހުގައި ހިނގި ހަމަނުޖެހުންތަކުގައި އިތުރު ބައެއް ސިފައިންގެ މީހުން ހައްޔަރު ކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ފުލުހުންގެ ތެރޭގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމުގައި ބައެއް ފުލުހުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ)ގެ ކުރީގެ ކޮމާންޑަރު އަބްދުﷲ އިބްރާހިމް(ޑީޑީ) އާއި ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް އާއި އިތުރު ފަސް ފުލުހަކު ހިމެނެ އެވެ.