މިނިސްޓަރުންގެ ލަފަޔާ އެކު ޕާމަނަންޓް ސެކްރެޓަރީން އައްޔަންކުރަން ފާސްކޮށްފި

މިނިސްޓަރުންގެ ލަފައާ އެކު، މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އައްޔަން ކުރަން ޖެހޭ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހުށަހެޅުއްވި އިސްލާހަށް ބަދަލެއް ނުގެނެސް ފާސްކުރަން، މަޖިލީހުން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. އިސްލާހާ ދެކޮޅަށް 22 މެމްބަރަކު ވޯޓު ދެއްވި އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ އިސްލާހަށް އެއްވެސް ބަދަލެއް ނުގެންނަ ގޮތަށެވެ.

މި އިސްލާހު ތަސްދީގުކޮށްފި ނަމަ، މިނިސްޓްރީތަކުގައި މިހާރު ތިއްބެވި ޕާމަނަންޓް ސެކްރެޓަރީން އައްޔަންކޮށް، ވަކިކުރުމުގެ ހުރިހާ އިހްތިޔާރެއް ލިބޭނީ މިނިސްޓަރަށެވެ.

ޕާމަނަންޓް ސެކްރެޓަރީންގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ، މިނިސްޓަރުގެ ލަފާ އާއި އިރުޝާދުގެ ދަށުން އެ މިނިސްޓްރީއެއް ހިންގުމާއި ބެލެހެއްޓުމެވެ. އެ ތަނެއްގައި މަސައްކަތް ކުރާ ސިވިލް ސާވެންޓުންގެ އެންމެ އިސް ފަރާތަކީ ޕާމަނަންޓް ސެކްރެޓަރީ އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ރިޕޯޓު ހުށަހަޅުއްވަމުން އެ ކޮމެޓީގެ ނައިބު މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ޕީއެސްއިން މިނިސްޓަރުންނާ ގުޅިގެން މަސައްކަތް ނުކުރާ ނަމަ، ރައްޔިތުންނަށް ހިދުމަތްތައް ދޭން ބުރޫއަރާނެ ކަމަށެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ - ފޮޓޯ: މަޖިލިސް

އެހެންކަމުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަންކަން ކުރަމުން އަންނަ އުސޫލުން މިނިސްޓަރުންގެ ލަފައާ އެކު ޕީއެސްއިން އައްޔަން ކުރުމުގެ މުހިންމުކަން ރިޔާޒް ފާހަގަކުރެއްވި އެވެ.

"ޕާމަނަންޓް ސެކްރެޓަރީ އާއި މިނިސްޓަރުން އެކުގައި މަސައްކަތް ނުކުރާ ނަމަ، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ބުރޫއަރާ. ރައްޔިތުންނަށް ދުވަހުން ދުވަހަށް ދޭން ޖެހޭ ހިދުމަތްތައް ނުދެވޭ،" ރިޔާޒް ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވީ ޕީއެސްއިން އައްޔަން ކުރާނީ މިނިސްޓަރުންގެ ލަފައާ އެކު ކަމަށް އޮތް އޮތުން މަޖުބޫރުކުރުމަކީ ތާއީދުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ބޭކާރު ތަނަކަށް ހެދުމަށެވެ.

މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އިސްލާހާ މެދު ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން ސީއެސްސީގެ މެމްބަރުންނާއި މިހާރު ތިއްބެވި ޕީއެސް އިން ހާޒިރުކޮށްފައި ނުވާ ކަމަށެވެ. އެހެންވެ އިދިކޮޅު މެމްބަރުން އިސްލާހަށް ދެކޮޅުކަމަށް ވިދާޅުވި އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އިސްލާހު ފާސްވެ، ތަސްދީގުކޮށްފި ނަމަ، ޕީއެސްއިން ވަޒީފާތަކުން ވަކިވުމުގެ ބިރު އެބަ އޮތް ކަމަށެވެ. މިއީ ސީއެސްސީއަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށާއި ސިޔާސީ ނުފޫޒުން ހުރިހާ މުއައްސަސާއެއް ކޮންޓްރޯލްކުރުން އިތުރު ކުރުމުގެ ބޮޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. ސީއެސްސީއަށް ސިޔާސީ ނުފޫޒު ފޯރުވަން އުޅޭތީ އޭނާ ވަނީ އިސްލާހާ ދެކޮޅު ހައްދަވާފައި. - ފޮޓޯ: މަޖިލިސް

އިދިކޮޅު މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވީ އެމްޑީޕީން ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުގައި ވާހަކަ ދައްކާއިރު އެމްޑީޕީ ވެރިކަމުގައި ސިވިލް ސާވަންޓުން މަޖުބޫރުން ވަކިކޮށްފައި ހުރި ކަމަށެވެ. އަދި އެތައް އަހަރެއް ވަންދެން މުވައްޒަފުންނަށް މުސާރަ ނުދީ ހިފެހެއްޓީ އެމްޑީޕީ ސަރުކާރުން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.