އެއް ރަށުން އެމްޑީޕީގެ ދިދަ ބާލާ އިރަށް، އަނެއް ރަށުގެ ދިދަ އެއަށް ވުރެ އުހަށް

ސޯޝަލް މީޑިއާގައި މި ދުވަސްކޮޅު ފުލުހުންނަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ، ނ. މަނަދޫގައި ވަރަށް އުހަށް ނަގާފައި ހުރި އެމްޑީޕީގެ ދިދައެއް ބޭލުމަށް ފުލުހުން ކުރި "ބުރަ" މަސައްކަތުންނެވެ. އެ ރަށު އެމްޑީޕީގެ ހަރުގޭގައި ފަންސާހަކަށް ފޫޓު އުހަށް ނަގާފައި ހުރި އެ ދިދަ ބޭލީ، ފުލުހަކު ދިދަ ދަނޑި އަށް އަރައިގެންނެވެ. އެ މަންޒަރުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، "އެއް ދިދަ ބާލާ އިރަށް އަނެއް ދިދަ ފެންނާނެ" ކަމަށް ބުނެ މީހުން ޓްވީޓް ކުރި އެވެ.


މިއަދު ވެސް ހަމަ އެ ފަދަ މަންޒަރެކެވެ. ށ. ބިލެތްފަހީގައި 115 ފޫޓު އުހަށް ނަގާފައި ހުރި އެމްޑީޕީގެ ދިދަ ބާލަން ފުލުހުން ވަނީ ލައްކަ މަސައްކަތްކޮށްފަ އެވެ.

ބިލެއްފަހީގައި ނަގާފައިވާ ދިދަ ބާލަން އެ ރަށުގައި ފުލުހުން ހަރަކާތްތެރިވަނީ

އެ ރަށުގައި ހުންނަ އެންމެ ބިޔަ ނިކަ ގަހުގެ އެންމެ އުހަށް ނަގާފައި ހުރި އެ ދިދަ ބާލަން، އެ އަތޮޅު ފުނަދޫން 15 ވަރަކަށް ފުލުހުން މިއަދު ބިލެތްފައްސަށް ދިޔަ އެވެ. ރަށު ވަލު ތެރޭގައި ހުރި އެ ގަހުގައި ނަގާފައިވާ ދިދަ ބާލަން، މިއަދު ހެނދުނުއްސުރެ އެ ފުލުހުން މަސައްކަތް ކުރި އެވެ. އެކަމަކު ކާމިޔާބު ނުވެގެން، އެންމެ ފަހުން ދިދަ ބޭލީ އެހެން ރަށަކުން ބިދޭސީއެއް ގެނެސްގެން، އެ ގަހަށް އަރުވައިގެންނެވެ.

"ފުލުހުން ވަރަށް މަސައްކަތް ކުރި ދިދަ ނަގަން ގަހުގެ ކުރިއަށް އަރަން. އެކަމަކު މާ އުސްވީމަ އެއްވެސް މީހަކަށް ނުކެރުނު އެހާ މައްޗަށް އަރާކަށް. އެންމެ ފަހުން ބޭރު މީހެއް ގެނެސްގެން ގަހަށް އެރުވީ،" ބިލެތްފަހީގެ އެމްޑީޕީ ކައުންސިލަރު، އަހުމަދު ނާފިޒް ވިދާޅުވި އެވެ.

ބިލެތްފަހީގެ ނިކަގަހު ކުރިއަށް ނަގާފައިވާ ދިދަ ބާލަން، ފުލުހަކު ގަހުގައި

އޭނާ ވިދާޅުވީ އެ ރަށު އެމްޑީޕީ އޮފީހުގައި ނަގާފައި ހުރި 60 ފޫޓުގެ ދިދަ ބާލަން، މިދިޔަ ބުރާސްފަތި ދުވަހު ވެސް ފުލުހުން އެ ރަށަށް ދިޔަ ކަމަށެވެ. އެކަމަކު އޮފީސް ހިންގާ ތަން ބަދަލުކުރަން ވެގެން، އެ ތަނުގައި ހުރި ދިދަ ވަނީ ބާލައިފަ އެވެ. ނިކަ ގަހަށް އެމްޑީޕީގެ ދިދަ ނެގީ، ފުލުހުން އެ ރަށުން ދިޔުމުން ޖެހިގެން އައި ހުކުރު ދުވަހު ކަމަށް ނާފިޒް ވިދާޅުވި އެވެ.

ފުލުހުން ވަނީ އެ ދިދައިގެ އިތުރުން، ސަރުކާރަށް ފާޑުކިޔައި އެ ރަށު އަތިރިމަތީގައި ބަހައްޓާފައި ހުރި ބައެއް ބޯޑުތައް ވެސް ނަގާފަ އެވެ.

ބިލެތްފަހީގައި ހުރި ދިދަ ބޭލުމާ އެކު، ކައިރީގައި އޮތް އެ އަތޮޅު ކަނޑިތީމުގައި ވަނީ އެ އަށް ވުރެ އުސްކޮށް ދިދައެއް ނަގައިފަ އެވެ. ކަނޑިތީމުގައި ހުންނަ ނިކަ ގަހަކަށް ނަގާފައި ހުރި އެ ދިދަ މާދުރުން ފެނެ އެވެ.

ފުލުހުން މިހާރު އަންނަނީ އެ ދިދަ ބޭލުމުގެ މަސައްކަތް ކުރަމުންނެވެ.

ބިލެތްފަހީގައި ނަގާފައިވާ ދިދަ ފުލުހުން ބޭލުމާއެކު ކަނޑިތީމުގައި އެއަށް ވުރެ އުސްކޮށް ދިދަ ނަގާފައި

މި ރަށްތަކުގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ގއ. ކޮލަމާފުށީގައި ހުރި އެމްޑީޕީގެ ދިދަ ވެސް ފުލުހުން ވަނީ ނަގައިފަ އެވެ. ފުލުހުން ބުނާ ގޮތުން އެ ދިދަތައް ނަގަނީ، ގައުމީ ދިދަ އަށް ވުރެ އުސްކޮށް އެ ދިދަތައް ނަގާފައިވާތީ އެވެ. އެކަމަކު ދިދައެއް ބާލަން ފުލުހުން އެހާ ބުރަ މަސައްކަތްކުރާ އިރު ގާނޫނުއަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމާއި ރައްޔިތުންގެ ހައްގުތައް ދިފާއުކޮށްދޭން އެ މަސައްކަތް ނުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.