އަލީ ހަމީދުގެ އަނބިކަނބަލުން ހައްޔަރުކުރީ އޮޕަރޭޝަނެއް ކުރަން ތައްޔާރުވަމުން ދަނިކޮށް: އާއިލާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ހައްޔަރުކުރީ ބޮޑު އޮޕަރޭޝަނެެއް ކުރަން ތައްޔާރުވަމުން ދަނިކޮށް ކަމަށް އޭނާގެ އާއިލާއިން މިރޭ ބުނެފި އެވެ.


ނާސިރާގެ ދެ ދަރިކަލުން މުހައްމަދު ސަރްފަރާޒާއި އަހުމަދު މިސްފިރު ސޮއި ކުރައްވައި ނެރުއްވި ބަޔާނުގައި ބުނެފައިވާ ގޮތުގައި މުއްދަތެއް ނެތް ގޮތަށް ފުލުހުންގެ ބަންދަށް ގެންދިޔައިރު، ނާސިރާ އޮޕަރޭޝަނަކަށް ތައްޔާރުވަމުން ދިޔަ ކަމުގެ ލިއުންތައް ފުލުހުންނާ ހަވާލުކުރި ކަމަށެވެ. މިދިޔަ އަހަރު ވެސް އޭނާގެ ބޮޑު ދެ އޮޕަރޭޝަން ކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

"މަންމަގެ ބަލި ހާލަތަށް ރިއާޔަތް ކުރުމެއް ނެތި، ބަންދަށް އެއްވެސް ލުޔެއް ދީފައި ނުވާ ކަން ހިތާމަޔާއެކު ފާހަގަކުރަން. އަދި ބަންދު ކުރެވިފައިވާ މަރުކަޒަކީ މަންމަ ފަދަ ބަލި މީހަކަށް އެކަށޭނެ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ތަނަކަށް ނުވުމުގެ ސަބަބުން މަންމަގެ ބަލި ހާލަތު ދުވަހުން ދުވަހަށް ދަށްވަމުންދާ ކަން ވަނީ ފާހަގަކުރެވިފައި،" އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނީ ނާސިރާއަކީ ކުޑަ ދެ ކުދިންނާއި އުމުރުން ދުވަސްވީ ކާފަ އާއި މާމަ ބެލުމުގެ ހުރިހާ ޒިންމާއެއް އަދާކުރަމުން ދިޔަ ފަރާތް ކަމަށެވެ. މަންމަ ނެތުމުން ކުޑަ ދެ ކޮއްކޮ އާއި މާމަ އާއި ކާފަ އަށް ވަނީ ފޫނުބެދޭވަރުގެ ހިތާމައާ ކުރިމަތިވެފައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ނަފުސާނީ ގޮތުން މިކަމުގެ ނޭދެވޭ އަސަރު ކުދިންނަށް ކުރުމުގެ ސަބަބުން ކިޔެވުމަށާއި ދިރިއުޅުމަށް މިކަމުގެ ގެއްލުންތައް ދަނީ އިންތިހާއަށް ކުރިމަތިވަމުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތު ދިނުމުގެ ތުހުމަތުގައި ނާސިރާ ހައްޔަރުކުރީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު އެވެ.