ރިޔާޒްގެ ބަންދުގެ މުއްދަތު އިތުރުކުރަން ދައުލަތުން އެދުނީ ހަގީގަތް އޮޅުވާލައިގެން: ވަކީލުން

ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ޕްރޮސެކިއުޓަރުން ކްރިމިނަލް ކޯޓުގައި އެދުނީ ކަމުގެ ހަގީގަތް އޮޅިގެންދާނެ ގޮތަށް ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.


ރިޔާޒްގެ ވަކީލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ޕްރޮސެކިއުޓަރުން އެދިފައިވަނީ ކްރިމިނަލް ކޯޓަށް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށްވާތީ އެކަމުގައި ބައިވެރިވި ފުލުހުންނާއި ޕްރޮސެކިއުޓަރުންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ކަމާ ބެހޭ ހުރިހާ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.

"ގާނޫނާ ހިލާފަށް ހިންގާ ކަންކަމުގައި އެކި ގޮތް ގޮތުން ބައިވެރިވަމުންދާ ފަރާތްތަކުގެ އަމަލުތަކަށް ވުރެ، ގާނޫނުގެ ދުވެލި މާ ބާރުވާނެ ކަމާއި، އެ ފަރާތްތަކާ އަރައި ހަމަކުރުމުގައި ލަހެއްފަހެއް ނުވާނެކަން އިހުލާސްތެރިކަމާ އެކު ހަނދާން ކޮށްދެން،" ރިޔާޒްގެ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ވަކީލުންގެ ބަޔާނުގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒާ ބެހޭ ގާނޫނަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުން ސަސްޕެންޑް ނުކުރާ ގާނޫނަކަށް ވީ ނަމަވެސް، މަޖިލީހުގެ މެންބަރަކު ބަންދުކުރުމަށް އެ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއާތަށް، ރިޔާޒް ހައްޔަރުކުރުމުގައި އަމަލުކޮށްފައި ނުވާ ކަމަށެވެ.

ވަކީލުން ބުނެފައި ވަނީ ރިޔާޒް ބަންދުކުރުމުގެ ކުރިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައެއް ބަލަން ފަށައި، ވަކީލަކު އައްޔަން ކުރަން ފަސް ދުވަހުގެ ފުރުސަތެއް ދިން ނަމަވެސް، ގާނޫނީ ހަމަތަކުގެ މަތީން ފަސް ދުވަސް ހަމަނުވަނީސް، އިއްޔެގެ ވަގުތެއްގައި އިތުރު އަޑުއެހުމެއް ބޭއްވި ކަމަށެވެ. އަދި ދެ ދުވަހުގެ ތެރޭގައި ވަކީލަކު އައްޔަންކުރުމަށް އަންގައި، ޝަރީއަތުގެ އަޑުއެހުން ނިންމާލި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ވަކީލުންގެ އެ ބަޔާނުގައި ބުނެފައި ވަނީ އެ އެ އަޑުއެހުން ނިންމައި އެންމެން ދިޔަ ފަހުން އަލުން އިތުރު އަޑުއެހުމެއް ބާއްވައި ދައުވާ ކޮށްފައިވާ މައްސަލައާ ގުޅުވައި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުމެއް ނެތި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދި އެ ގޮތުގެ މަތީން ބަންދުގައި ބެހެއްޓުމަށް ގާޒީ އަމުރުކޮށްފައިވާ ކަމަށެވެ. އެ އަޑުއެހުމަށް ފަހު މިހާރު ރިޔާޒް ހުންނެވީ މާފުށީ ޖަލުގައި ކަމަށްވެ އެވެ.