އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި ޕީޖީ އައިޝަތު ބިޝާމް: އިތުރު ކަންކަން ފުރިހަމަ ކުރަން އޭސީސީއަށް ޕީޖީން އަނބުރާ ފޮނުވާލާ ގިނަ މައްސަލަތަކެއް އޭސީސީން އަލުން ނުފޮނުވާ ކަމަށް ޕީޖީ އޮފީހުން ބުނޭ
21 މާޗް 2018 - 18:59
ތަހުގީގުގައި އިތުރު ކަންކަން ފުރިހަމަ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަނބުރާ ފޮނުވާލާފައި ހުރި ގިނަ މައްސަލަތައް އެ ކޮމިޝަނުން އަލުން ނުފޮނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ޕީޖީ އޮފީހުން އެގޮތަށް ބުނީ އޭސީސީން ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ދައުވާ ކުރުން ލަސްވާ ކަމަށާއި އެކަށީގެންވާ ސަބަބެއް ނެތި ދައުވާ ނުކުރަން ޕީޖީން ނިންމާ ކަމަށް އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ފާހަގަ ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ މިދިޔަ އަހަރު ނިމުނުއިރު އޭސީސީން އެހާތަނަށް ފޮނުވި ހުރިހާ މައްސަލަތަކެއްގައި ވެސް އަޅަންޖެހޭ ފިޔަވަޅުތައް ޕީޖީ އޮފީހުން އަޅާފައިވާ ކަމަށެވެ. އޭސީސީން ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކުގައި އިތުރު ބައެއް ކަންކަން ފުރިހަމަ ކުރަން އޭސީސީ އަށް އަނބުރާ ފޮނުވާލާ ގިނަ މައްސަލަތަކުގައި އެކަންކަން ފުރިހަމަ ކުރުމަށް ފަހު އެ މައްސަލަތައް އަލުން ޕީޖީ އޮފީހަށް ހުށަހަޅާފައި ނެތް ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އަލުން ހުށަހަޅަން އަންގައި އަނބުރާ ފޮނުވާލި މައްސަލަތަކުގެ ތެރޭގައި 10 އަހަރު ކުރީގެ މައްސަލަތައް ވެސް ހިމެނޭ އެވެ. އެ މައްސަލަތައް އަލުން ޕީޖީ އޮފީހަށް ނުފޮނުވާތީ މިދިޔަ އަހަރު އެތައް ފަހަރެއްގެ މަތިން އެކަން އޭސީސީގެ ސަމާލު ކަމަށް ގެނައި ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މިއަހަރުގެ މިހާތަނަށް ވެސް އެފަދަ 28 މައްސަލައެއް އަލުން ހުށަހަޅަން އޭސީސީއަށް އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މީގެ ތެރެއިން ބައެއް މައްސަލަތަކަކީ އެތަކެއް އަހަރު ކުރިން އެ މައްސަލަތަކުގައި ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަ ކުރެެއްވުމަށް ފަހު އަލުން ހުށަހެޅުމަށް ފޮނުއްވާފައިވާ މައްސަލަތައް،" އެ ބަޔާނުގައިވެ އެވެ.
އޭސީސީއަކީ ޕީޖީ އޮފީހަށް ދެވަނަ އަށް އެންމެ ގިނައިން މައްސަލަ ފޮނުވާ އިދާރާ ކަން ފާހަގަކޮށް، އެ ބަޔާނުގައިވަނީ އެ ކޮމިޝަނުން ފޮނުވާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ޚާއްސަ އިންތިޒާމްތަކެއް ޕީޖީ އޮފީހުގައި ހަމަޖެހިފައި އޮންނަ ކަމަށެވެ. އަދި އެ ކޮމިޝަންގެ ޒިންމާ އަދާކުރަން ފުރިހަމަ އަށް އެއްބާރުލުން ދިނުމުގެ ގޮތުން ބައެއް އުސޫލުތަކަށް ބަދަލު ގެނެސް، އެ ކޮމިޝަންގެ މަސައްކަތްތަކަށް ޕީޖީ އޮފީހުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ވެސް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ދައުވާ ކުރުމަކީ ޕީޖީ އޮފީހުގެ ދައުރުގެ ތެރޭގައި އޮންނަ ކަމެއް ކަމަށްވާތީ، އެކަމުގައި އެ އޮފީހުގެ ނިންމުންތައް ބިނާ ކުރަނީ އެ މައްސަލައެއްގައި ހުށަހެޅޭ ހެކިތަކަށާއި ކަމާ ގުޅޭ ގާނޫނުތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުމަދު
22 March 2018
މީހާގެ ފިކުރަށް ބަލައިގެން ދައުވާކުރާތީ ރެޑްވޭވްސަލީމް މެން ފަޅިބަދަލުކޮށްލަނީ. ޕީޖީ އަނބުރާފޮނުވާލާފަ އަނެއްކާ ދައުވާ ކުރަން އެދުމަކީ ޕީޖީގެ ކުފޫހަމަ ނުވުން.
މުހޫ
21 March 2018
އޭސީސީގެ އަހަރީ ރިޕޯޓުން ފެންނަނީ ޕީޖީ ދޮގު ހަދާ ގޮތަށް
ޢިން
21 March 2018
ޢޭސީސީ މައްޗަށް ދައުވާކުރަންޖެހޭ މައްސަލަ އަބުރައިނުފޮނުވާތީވެ
ހަސަންފުތު
21 March 2018
މިޤައުމުގަ އެއްވެސް ހަމައެއްނެތް ވަރަށް ކޮސްކަންތައް މިކުރެވެނީ
ޢަލިދީދީއައްޑޫސިޓީ
21 March 2018
ރަނގަޅަށް ތިޔަވަނީ. އެއްބަޔަކު އަނެއް ބަޔަކަށް ބަޔާނުން ތަޅަންފެށީ. ބިތުފަންގި ނުނަގާތި ކޮންމެޔަކަސް!