ފާރިސް މާފުށީ ޖަލަށް ބަދަލުކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފި އެވެ.


ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކުރި ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ހަވީރުގެ ވަގުތެއްގައި ފާރިސް މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ފާރިސް ހައްޔަރުކުރީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ކަމަށް ވިއަސް ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ ރޭ މުއްދަތު އިތުރުކޮށްދީފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަަހުގެ ތެރޭގައި ފާރިސް އެންމެ ފުރަތަމަ ހައްޔަރުކުރީ މަޖިލީސް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގައި ހައްޔަރުކުރުމަށް ފަހު އޭގެ ފަހުން ދެ ތިން ފަހަރެއްގެ މަތިން ފާރިސް ދޫކޮށްލި އެވެ.