އެޑިޓަރުންގެ ޝަރުތު ބަދަލުކުރުމުގެ ގަވާއިދަށް އަމަލުކުރުން ފަސްކޮށް ޑިގްރީ ޕްރޮގްރާމެއް ފަށަނީ

ޝަރުތު ހަމަނުވާ ނޫސް މަޖައްލާތަކުގެ އެޑިޓަރުންގެ ޝަރުތުތަކަށް އަމަލުކުރުން ފަސްކޮށް އެޑިޓަރުންނަށް ހާއްސަކޮށްގެން ޑިގްރީ ޕްރޮގްރާމެއް ފަށަން ހޯމް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.


އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އަލަށް ގެނައި ގަވާއިދަށް ނުފެތޭ ވަރަށް ގިނަ އެޑިޓަރުން މިހާރު ނޫސް މަޖައްލާތަކުގައި އެބަ ތިބި ކަމަށެވެ. އެހެންވެ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މިހާރު އެޑިޓަރުންގެ ގޮތުގައި ތިބި މީހުންގެ އެދުމުގެ މަތިން، އެ ގަވާއިދަށް އަމަލުކުރުން 18 މަސް ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

ގަވާއިދަށް އަމަލުކުރުން ފަސްކޮށް މިނިސްޓްރީން ވަނީ އެޑިޓަރުންނަށް ހާއްސަކޮށްގެން ޑިގްރީ ފެންވަރުުގެ ކޯހެއް ފަށަން ނިންމައިފަ އެވެ. އެ ކަމުގެ މަސައްކަތްތައް ކަމާބެހޭ ދާއިރާތަކާ ގުޅިގެން ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

މިނިސްޓްރީން ބުނީ ކޯސް އެކުލަވާލެވުމުން އެކަމަށް އެދޭ އެޑިޓަރުންނަށް ފުރުސަތު ހުޅުވާލާނެ ކަމަށެެވެ.

މިދިޔަ ޖެނުއަރީ މަހު ހޯމް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ "ނޫސް މަޖައްލާ އާއި މި ފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދު"ގައިވާ ގޮތުން ނޫސް މަޖައްލާތަކުގެ އެޑިޓަރުކަން ކުރެވޭނީ ނޫސްވެރިކަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ޑިގްރީ ހާސިލްކުރުމުގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާ އިން ފަސް އަހަރުގެ ތަޖުރިބާ ހުންނަ މީހުންނަށް ކަމަށެވެ. ޝަރުތު ހަމަނުވާ އެޑިޓަރުން ތިބި ނަމަ، އެޑިޓަރުން ބަދަލުކުރަން މިނިސްޓްރީން ވަނީ ކުރިން މުއްދަތު ދީފަ އެވެ.

ހޯމް މިނިސްޓްރީގެ ގަވާއިދާ މެދު ރާއްޖޭގެ ބޮޑެތި ބައެއް ނޫސްތަކުގެ އެޑިޓަރުންނާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.