ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް: މި ފްލެޓްތަކުގެ ތެރެއިން، އެއްބަސްވުމާ ޚިލާފަށް ދޫކޮށްފައި ހުރި ފްލެޓްތައް ވަނީ އަތުލަން ފަށާފައި.
27 މާޗް 2018 - 16:04
މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދިން ބައެއް މީހުން އެއްބަސްވުމާ ޚިލާފަށް ކުއްޔަށް ދޫކޮށްފައިވާތީ އެ ފްލެޓްތައް އަތުލަން ފަށައިފި އެވެ.
ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލީ މަޝްރޫއުން ފްލެޓް ދިނީ 661 މީހުންނަށެވެ. ފްލެޓްގެ ތަޅުދަނޑި ހައުސިން މިނިސްޓްރީން ހަވާލުކުރުމާއެކު، ބައެއް މީހުން ވަނީ އޮންލައިންކޮށް އިޝްތިހާރުކޮށްގެން ފްލެޓްތައް ކުއްޔަށް ދީފަ އެވެ. މިއީ، ފްލެޓް ދޫކުރި އެއްބަސްވުމާ ޚިލާފު ކަމެކެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި، އެއްބަސްވުމާ ޚިލާފަށް ކުއްޔަށް ދޫކޮށްފައިވާ ގިނަ އަދަދެއްގެ ބައެއްގެ އަތުން ފްލެޓް އަތުލަން މިނިސްޓްރީން ވަނީ ނޯޓިސް ދީފަ އެވެ. އެ މީހުންނަށް އަންގާފައި ވަނީ، ވަކި މުއްދަތެއްގެ ތެރޭގައި އެ ފްލެޓްތައް ދައުލަތަށް ނަގާނެ ކަމަށެވެ.
ހުޅުމާލޭން ދޫކުރާ މި ފްލެޓްތަކުގެ ކުލީގެ ގޮތުގެ ކަނޑައަޅާފައިވަނީ 25 އަހަރަށް ބަހާލައިގެން މަހަކު 6،000 ރުފިޔާ އެވެ. އަދި ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ 25،000 ރުފިިޔާ އެވެ. މާލޭގެ އާއްމު އަގުތަކާ އަޅާ ބަލާއިރު އަގު ހެޔޮ މި ފްލެޓްތައް ލިބުނު މީހުން ކުއްޔަށް ދޫކުރަނީ ވަރަށް އަގުބޮޑުކޮށެވެ.
މި މަޝްރޫއުގައި ފްލެޓް ދޫކުރީ އިންސާފުން ނޫން ކަމަށް ބުނެ ޝަކުވާ ބޮޑުވުމާ ގުޅިގެން، ދިފާއުގައި ސަރުކާރުން ދެއްކި ވާހަކަތަކުގައި، އެއްބަސްވުމާ ޚިލާފުވާނަމަ ފްލެޓް އަތުލާނެ ކަމަށް އޮތީ ބުނެފަ އެވެ. ފްލެޓް ހަވާލުކުރުމަށް ފަހު، އެޗްޑީސީ މެދުވެރިކޮށް ހައުސިން މިނިސްޓްރީން އައީ ފްލެޓްތަކުގައި ދިރިއުޅެނީ ކޮން ބައެއްތޯ ޗެކްކުރަމުންނެވެ.
މި ފްލެޓް ލިބުނު މީހުންގެ ލިސްޓު ހަތަރު އަހަރު ފަހުން އާއްމު ކުރި އިރު، އެކަން ކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އަށް މައްސަލަ ހުށަހަޅައިފަ އެވެ. އެކަމަކު އެ ކޮމިޝަނުން އެކަމާ މެދު އަދިވެސް ގޮތެއް ނުނިންމައި، އެ މައްސަލަ ދަނީ ދިގުދެމެމުންނެވެ.
ފްލެޓް ދިން ގޮތާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. ކުރިމަތިލީ އެއް ބަޔަކު ބުނާގޮތުގައި، ފްލެޓް ލިބުނު މީހުން އިއުލާން ކުރުމުގެ ކުރިން، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރަންތޯ އަހަން ޕީޕީއެމްގެ ކެމްޕޭން އޮފީހަކުން ފޯނު ކޯލްތަކެއް އައެވެ. އަދި ފްލެޓްތައް ބަހާފައި ވަނީ އެ ކެމްޕޭން އޮފީހުގެ ނުފޫޒާއެކު ކަމަށައި 100 ޕޮއިންޓް ލިބުނު މީހުން ތިއްބައި އެއަށް ވުރެ މާ މަދުން ޕޮއިންޓް ލިބުނު މީހުންނަށް ވެސް ފްލެޓް ދީފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.
އެކަމަކު މި ތުހުމަތުތައް ހައުސިން މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފްލެޓް ދިނުމުގެ ހުރިހާ ކަމެއް ވެސް ދިޔައީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންއަމާ
05 April 2018
ހުރިހާ ވެސް ކަމަކީ ބޯގަމާރުން ގިނަވެ ވިސްނޭ މީހުން މަދުވުން
ދައްތަ
05 April 2018
ކުއްޔަތް ދިން ފުލެޓް އަތުލާ ފަދައިން ނުހައްގުން ބެހި ފުލެޓް ވެސް އަތުލާބަލަ
ސަނާ ހާދި
30 March 2018
ސާބަހޭ ކޯޅޭ ގްރޫޕް ތަކަށް. މީދެން ކޮންކަމެއް
މުހައްމަދު ރުޝްދީ
29 March 2018
ހައްގުނުވާ ގިނަބަޔަކަށް ފުލެޓުދީފައި ހައްގުވާބޭފުޅުން ބާކީކުރެއްވީމަ ތިގޮތަށް ތިވަނީ ކުރިން ގަބޫލެއް ނުކުރަން މީހުން އެވާހަކަ ދެއްކިއަސް ރައްޓެހި ފަރާތަކަށް ޔަގީނުން ވެސް ހައްގުނޫން ފަރާތަކަށް ލިބުނުކަން ޔަގީންވި ވަގުތު ވަރަށް ހައިރާންވި ކުރިން އެއްގޮތަކަށްވެސް ގަބޫލު ނުކުރަން މުއިޒު އެގޮތަށް ހައްދަވާފާނެކަމަށް.......
ހުސޭނު
28 March 2018
ހެހެ އެއްވެސް ތަނެއް ނާތުލާނެ. ނޯތީސް ފޮނުވީ.. މިހާރު ދޭބަލަ އެތަންތަނުގައި އުޅެނީ ފޮލެޓްތަކުގެ ވެރިން. ކުލި ދެއްކޭނެވަރު ނުވާނަމަ 1 ކޮޓަރި ކުއްޔަށް ދެވޭނެ ކަމަށް ބުނެފައި އޮތީ
ދެކުނުތަރި
28 March 2018
މިސަރުކާރުން ހީކުރަނީ ރައްޔިތުންނަކީ މޮޔައިން ކަމަށްދޯ؟ މޮޅު ޕްބްލިސިޓީ ސްޓަންޓެއް ހަދާލާފަ މިވެނިކަމެއް ކޮށްފީމޭ ބުނެލާފަ، ކޮންމެވެސް ކަމެއް ފޮރުވާލަން އުޅުން ނޫންކަމެއް ނެތް. ކޮށްފަހުރި ވައްކަންތައްވެސް ފޮރުވަން މޮޅެތި ވަހަކަ ދައްކާވަރަކަށް ވަނީ ފަޟީހަތް. ލިބުނު ޕޮއިންޓަށް ބެލުމެއްނެތި ފުލެޓް ބަހާލީމަ، ފްލެޓް ލިބުނު މީހަކީ ކޮންމެހެން އެކަމުގެ މުހުތާދު އޮތްމީހަކަށް ވާކަށް ނުޖެހޭ، ދެން ކުއްޔަށް ނުދޭންވާ ސަބަބެއް އެބައޮތްތަ؟
ސޮކްތެރެޕީ
28 March 2018
ހުރިހާވެސް މަސްސަލައަކީ އެމްޑީޕީ ސަރުކާރުގަ ހެދިގޯސްތަ އެތަނުގެ ބޮނޑުބައެ ކުއްޔަދެނީ.
ޖޯޖް
28 March 2018
މައްސަލައަކީ ދިވެހިންގެ ވިޔާނުދާކަން
އަހްމަދު
28 March 2018
ހުޅުމާލޭ ޕީޕީއެމް ކެމްޕޭންގައި އެންމެއިސްކޮށްއުޅުއްވާމީހާއައްއަކީވެސް ހަމަގައިމުވެސް ސަރުތުހަމަވެގެން ފުލެޓްލިބޭކަމަށްވާނަމަ ލިބެންޖެހޭނެމީހެއް އެކަމު ހަމަގައިމުވެސް މިފަހަރަކު ނުލިބޭ އެކަންޔަގީން
ކަނބުލޮ_މ
28 March 2018
ހުޅުމާލޭގައި ކޮފީބޯ ކަޑައެއް ހިންގާ ހދ ވައިކަރަދޫ މީހަކަށް އެބަހުރި ނުހައްގުން ފުލެޓް ދީފައި. ލިބުނީ 60 ޕޮއިންޓް. ސަރުކާރު ހިންގާ ޕާޓީގެ ކެމްޕެއިންގަ ހުޅުމާލޭގަ ވަރަށް އެކްޓިވްކޮށް އުޅުއްވާތީ ހެން ހީވަނީ ފްލެޓް ލިބިފަ އެހުރީ
ދެރަވެއްޖެ
28 March 2018
ރަށެއްގެ އެއްވެސްމީހަަށް ތިފްލެޓް ތައް ދޭނެކަމެއްނެތް. އެބަޔަކު އެބައެއްގެ ރަށަށް ފޮނުވާލާ.. އެރަށްރަށް ތަރައްގީކުރޭ.... އަހަރުމެން މާލޭގަ މިއޮތީ 100 ވަރކަށް އަކފޫޓޫ... އަހަރުމެންނަކަށް ތިތަނުން ފްލެޓެއްވެސް ނުލިބޭ... ދަރިންނަށް 18 ވެއްޖެ. މީހުންނާ ނީންދެވިފަ އޅޭނެ ތަނެއް ނެތީމައޭ ބުންޏަސް ގޯހެއްނުވާނެ.. މަންމަމެން ނިދާކޮޓަރީގަ ކިހިނެތް އަންހެނުން ނިންދަވާނީ..
އެނޮނިމަސް
28 March 2018
ލިބިފައި ތި އޮތް ބިން ކުއްޔަން ދީގެން ލާރި ޖީބަށް އެޅުނީމަ އޯކޭއެންނު
އިޙްސާންތެރިޔާ
28 March 2018
ކަލެއަށް ނޭގުނެއްނު. ރަށްރަށުގެ މީހުން މިމާލެއަށް އަންނަނީ އެރަށްރަށުން ޙިދުމަތްތައް ނުލިބޭތީ. ވީމާ ތަރަށްގީ ކުރާށޭކިޔާފަ ފޮނުވާލަން ނުގޮވާ. ތަރަށްގީ ކޮށްފަ ފޮނުވަންވާނީ. އޭރުން މިމާލެއަށް ބޯކޮޅުލާނެ ރަށްރަށުގެ މީހުނެއް ނޫޅޭނެ. މިތާމިއުޅެނީ ހިތަށް ފަސޭހަވެގެނެއްނޫން. ގޮތެއްނެތީމަ.
ހުޅުމާލެ
30 March 2018
ހުޅުމާލެ އެއީ މާލޭމީހުން ވިހޭރަށެއްތަ؟