35 މިލިއަން ޑޮލަރު ނުދައްކައިފި ނަމަ އެއްލައިދޫ މަނިކުގެ ތިން ރަށް ވިއްކާލެވިދާނެ

މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) އާއި އިތުރު ބަޔަކު ގެރެންޓީ ދީގެން އަމިއްލަ ކުންފުންޏަކަށް ނަގާފައިވާ ދެ ލޯނަކަށް، 35 މިލިއަން ޑޮލަރު (552 މިލިއަން ރުފިޔާ) ނުދައްކައިފި ނަމަ، މަނިކަށް ސަރުކާރުން ދޫކޮށްފައިވާ ތިން ރަށެއް ވިއްކާލުމުގެ ހައްގު ބޭންކަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ މާލޭ ބްރާންޗާއި އެސްބީއައި މޮރިސަސް ބްރާންޗުން ކުރިން ނަގާފައިވާ ދެ ލޯނަކަށް ގެރެންޓީ ދިނީ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނެއް ކަމަށްވާ މަނިކުގެ އިތުރުން މއ. ސިސިލްފަރު، މުހައްމަދު ޔޫސުފް މޫސާ އާއި މ. މުލީގޭ، އިބްރާހިމް މުހައްމަދު މަނިކެވެ.

އެ ދެ ލޯނުގެ ފައިސާ އަނބުރާ ހޯދަން އެސްބީއައި އިން ދައުވާ ކުރުމުން ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ގަވާއިދުން އެ ލޯނު ނުދެއްކުމުގެ ސަބަބުން އިންޓްރެސްޓާއި ޖޫރިމަނާ ހިމެނޭ ގޮތަށް، އެ ދެ ލޯނަށް ޖުމްލަ 35 މިލިއަން ޑޮލަރު އަރާފައިވާ ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން 10 މަސް ތެރޭގައި އެ ފައިސާ އެސްބީއައި އަށް ދައްކައި، ނިންމުމަށް ގަސްވެލި އައިލެންޑްސް އާއި އެ ލޯނަށް ގެރެންޓީ ދިން ތިން ބޭފުޅުންގެ މައްޗަށް އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މުއްދަތުގައި ފައިސާ ނުދެއްކިއްޖެ ނަމަ، އެ ލޯނާ ގުޅިގެން ރަހުނު ކޮށްފައިވާ ގަސްވެލި އާއި ދެކުނު ބޮޑުވެލި އަދި ކުޑަ އުސްފުށީގެ ލީސް ހޯލްޑް ރައިޓްސް ވިއްކާލުމުގެ ހުއްދަ އެސްބީއައި އަށް ލިބިގެންވާ ކަމަށް އެ ހުކުމުގައިވެ އެވެ. ރަހުނު ކޮށްފައިވާ ތިން ރަށަކީ މުހައްމަދު މަނިކަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ތިން ރަށެވެ.