ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
30 މާޗް 2018 - 00:51
ސިޔާސީ މަސައްކަތުގެ ތެރެއިން ޖަލުގެ ކުޑަގޮޅިއަށް ލިއަސް ހިތްވަރު ބައްޔެއް ނުކުރެވޭނެ ކަމަށާއި ރާއްޖެ ހަމަ މަގަށް އަޅުވަން ކުރާ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުގެ މުޒާހަރާއެއްގައި، ޖުމްހޫރީ މައިދާނަށް ވަދެވަޑައިގަތުމުން ހައްޔަރުކޮށް 13 ދުވަހު ޖަލުގައި ބަންދުކުރުމަށް ފަހު އިބޫ ދޫކޮށްލީ މިދިޔަ ބުދަ ދުވަހެވެ.
އިދިކޮޅު ޕާޓީތަކުން ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި އިބޫ ވަނީ ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގަތުމުން ކުރެއްވުނު އިހުސާސްތައް ވެސް ވިދާޅުވެދެއްވައިފަ އެވެ.
އިބޫ ވިދާޅުވީ ހަތް ފޫޓް އަށް ފޫޓުގެ ގޮޅިއަކަށް އޭނާ ލައި ތަޅުލީ މުޖުތަމައަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ސިފަ ކުރުމަށް ފަހު ކަމަށާއި އެއާއެކު އިދިކޮޅު ފަރާތްތަކުން ކުރަމުން އައި މަސައްކަތް ނިންމަން ޖެހިއްޖެ ކަމަށް އިތުރަށް ވިސްނިވަޑައިގަތް ކަމަށެވެ. "އަޅުގަނޑަށް އެ [ޖަލު ގޮޅީގެ] ދޮރު ލައްޕާލުމާ އެކީގައި އިހުސަސްތަކެއް ކުރެވިގެން ދިޔަ. ފުންކޮށް އަޅުގަނޑު ވިސްނާލިން އަދި ދޮރުގައި ހުރި ތޭރިތަކުގައި ދެ އަތުން ހިފަހައްޓައިގެން ހުރެ، އަޅުގަނޑު ހިތަށް އެރީ އަޅުގަނޑުމެން މި ކުރަމުން އައި މަސައްކަތުގެ މުހިންމުކަން އަނެއްކާ ވެސް ވަރަށް ބޮޑަށް އިތުރުވެއްޖެއޭ،" އިބޫ ވިދާޅުވި އެވެ. "ތޭރިތަކުގެ ތެރެއިން އަޅުގަނޑުގެ ގޮޅިއަށް ވަންނަމުން ގެންދިޔަ ކަނު އަނދިރި އަޅުގަނޑަށް އިތުރު އުންމީދުތަކެއް އެރޭ ލިބިގެން ދިޔަ،"
އޭނާ ވިދާޅުވީ ޖެހިގެން އައި ދުވަހު ހެނދުނު ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާ ބައްދަލުވެވަޑައިގެންނެވި ކަމަށާއި ވަށައިިގެން ހުރި ގޮޅިތަކުގައި ތިބި މީހުންގެ ފަރާތުން "ބާއްޖަވެރި ހެނދުނަކަށް" އެދުނު ކަމަށެވެ.
އިބޫ ވަނީ އޭނާ ހުންނެވި ގޮޅީގެ އިތުރުން އެ ގޮޅިއާ ކައިރީގައި ތިބި ގޮޅިތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ވާހަކަ ވެސް ދައްކަވައިފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި މެމްބަރު އިލްހާމް ތިއްބެވީ ޖެހިޖެހިގެން ހުރި ގޮޅިތަކެއްގައި ކަމަށް ވިދާޅުވި އެވެ. އެއާއެކު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ރަޖިސްޓްރާ ހަސަން ސައީދު ވެސް ތިއްބެވީ ޖެހިޖެހިގެން ހުރި ގޮޅިތަކެއްގައި ކަމަށް ވިދާޅުވި އެވެ. ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމާއި މައްޗަންގޮޅީ ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ތިއްބެވީ ވެސް ޖެހިޖެހިގެން ކަހަލަ ގޮތަކަށް ހުރި ގޮޅިތަކެއް ގައި ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން.
އިބޫ ވިދާޅުވި ގޮތުގައި ޖަލުގައި ހުންނެވި އިރު އެޗްއާރްސީއެމްގެ މެންބަރުންތަކެއް ވެސް އޭނާއާ ބައްދަލު ކުރެއްވި އެވެ. އަދި އޭނާ ހުންނެވި ގޮޅީގެ ހާލަތު އެ މެންބަރުންނަށް ހިއްސާ ކުރެއްވި ކަމަށާއި އެ މައްސަލަތަކަށް ބަލާފައި ރަނގަޅު ބަދަލުތައް އެ މެންބަރުން ގެންނެވި ކަމަށް ވެސް ވިދާޅުވި އެވެ. "އެޗްއާރްސީއެމް އިން ވިދާޅުވި އިބޫއޭ ތިމަންނަމެން އެބަ މަސައްކަތް ކުރަމޭ. ތިންމަންމެންނަށް ކުރެވޭނެ ކަމަކީ ކަންކަން ނޯޓުކޮށްފައި ހުށަހެޅުމޭ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު ދެންނެވިން އަޅުގަނޑަށް އެނގެއޭ. އެކަމަކު ތިބޭފުޅުން ކީއްތޯއޭ ވާނީ ތި ހުށަހަޅާ ކަންކަން އާންމުކޮށް ރައްޔިތުންނަށް ހިސާބަށް ގެނެސްދޭން، އެކަން ކުރައްވަންވީ ނޫންތޯ އޭ."
އިބޫ ވިދާޅުވީ ޖަލަށް ދާން ޖެހުމަކީ ހިތްވަރު ބަލިވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އިސްލާހަށް ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަކިން ހާއްސަކޮށް އިސްލާހަށް ކުރާ މަސައްކަތުގައި ޒުވާނުން ނުކުންނަ ޖެހޭ މިންވަރު ވެސް އިތުރު ކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިޖޭ
31 March 2018
އަލްހަމްދުލިއްލާހި.. އިބޫ ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް
ރަނދަ
30 March 2018
ޖަލަށް ލަނީ ހިތްވަރު ބަލިކުތާކަށެއްނޫން. ޖަލަށް ލަނީ ކުށްކޮއްގެން އަދަބަކަށް ގެންދާތަނެއް އެއީ. އެވަރުނޭނގޭ މީހުންވެސް އިބައުޅޭދޯ؟ މަ ހަމަ ބޯހަލާކު. އެއްޗެއް ބުނާއިރު ބުނަންވާނީ ހަމަޖެހޭ އެއްޗެތި. ކީތްކުރާނީ މިއީ ފުއްޕާފަ އުޅޭ މީހުންގެ ހާލު.
ކަނަމަނަ
30 March 2018
ކުށެއް ކުރި ކަމަށް ވާނީ ކޯޓަކުން ކުށެއް ކުރިކަން ސާބިތުވީމަ.
ދޭލިޔާގެ
30 March 2018
ޖަލުގައި އިބޫއަށް އޮވެވިދާނެ 100000 ދުވަހުވެސް.. ސަަބަބަކީ މުއްސަނދިވީމަ އާއިލާމެދު ޖެހިލުމެއް ވާކަން ނުޖެހޭތީ! ލަބާން ޖަލަށް ލާފަ އޮތީ އަދި ވެސް އެ އޮތީ ނުވެސް ނެރޭ! ފަގީރަކަށް ވީމަ އަޅާލާނެ މީހެއް ނެތް
ލާނެއޭ
30 March 2018
ޖަލަށް ލާންވީ ޖަލަށް ވެސް ލާނެއެވެ. އެއީ ގައުމެއްގެ ވެރިކަން ކުރާ މީހަކު ކޮންމެހެން ކުރަން ޖެހޭނެ ކަންކަމެވެ. ޖަލު ވާނީ ޖަލަށް ޖަލަކީ އެއީ ގެދޮރެއް ނޫނެވެ. އެނިމުނީއޭ.
ޒަކީ
30 March 2018
ޖަލައްގެންދިޔަ ނަމަ ހިއްވަރު ބަލިވާނެ.. ޖަލަކައް ނޫނޭ އިބޫމެން ގެންދަނީ..ދޫނިދޫ ރިސޯޓައް. ރިސޯޓްގަ ޗުއްޓީ ހަދާފަ އަންނަނީ..
ހުސޭނުބޭ
30 March 2018
ޖަލަށްލަނީ ހިތްބަލިކުރާކަށްނޫން އިބޫ!!! ޖަލަށްލަނީ ކުށްކުރީމަ!!! މޮޅޮވާހަކަ ދައްކަން ނަހަދާ!!
ބޮކި ބޮކި
30 March 2018
ހުސޭނުބޭ މޮޔަފުޅުވީތޯ.....
ރިބޫ
30 March 2018
ނަފްސާނީ ގޮތުން މިސޮރުމެން ބަލިކޮށްލުމަށްޓަކާ ކުރެވެން އޮތް ހުރިހާކަމެއް ކުރަންޖެހޭ.
ލިމާން
30 March 2018
ދިވެހި ރާއްޖޭގައި އިދިކޮޅުން ނުކުންނަ ކެނޑިޑޭޓް އެގޭނތަ. ނޭނގޭނެ. ހީވެސްނުކުރާ ކެނޑިޑޭޓަކު ނުކުންނާނެ
އިދުރީސްބެ
30 March 2018
ޒާލިމުން އަނިޔާކުރާ އިރު ބައްލަވަން މިރުސާދުގައި، ޚާލިގުލް ކައުނައިނި ވާކަން ނޭގެނީތަ އަޖައިބެކޭ!
ދިސްވޭއޭ
30 March 2018
ޖަލަށް ލައިގެން ހިތްވަރު ބައްޔެއް ނުކުރެވޭނެ ކަމަށް އިބޫ ބުނި ނަމަވެސް އެކަން އެހެން ނުވާނެއެވެ. އެހެން ނަމަ ދުނިޔޭގެ ގައުމު ތަކުގެ ޖަލުގައި ސިޔާސީ ކުށްވެރިން ނުތިބޭނެ ތާ އަދި ދުނިޔޭގެ ގައުމު ތަކުގައި ޖަލު ހަދާފައި ނުހުންނާނެތާ. އެހެން ނޫން ދޯ އެކަން އޮތީ ސިޔާސީ ކުށްވެރިން ޖަލަށް ލައިގެން އެގައުމު ތަކުގެ ދާޚިލީ ކަންކަން ރަނގަޅު ވާން ހުރި ގައުމު ތަކުގައި ހަމަ ޖަލަށް ލައިގެން އެކަން ކަން ކުރަނީ. އެއީ އެނިޒާމް މަސައްކަތް ކުރާ ގޮތަކީ. ޖަލަށް ލައިގެން ހަމަ ހިތްވަރު އެލޭނެއެވެ. އެއީ ހަމަ އެނިޒާމް މަސައްކަތް ކުރާ ގޮތަކީ. ދިސް އިޒް އިޓް.
އަލީ_
30 March 2018
ސިޔާސީ މީހުން ބަލިކުރަނީ ވޯޓުން. އެއީ ޖަލުން ކުރާ ކަމެއް ނޫން. އެއީ ރައްޔިތުންގެ ތާއީދުން ކުރާ ކަމެއް. ކޮން ގައުމެއްގެ ނިޒާމެއްގެ ވާހަކަ ތިޔަ ދައްކަނީ؟ އުތުރު ކޮރެއާ؟ ސައޫދީ އެރެބިއާ؟ ޗައިނާ؟