މާލޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން، ވިޔަފާރި ބަނދަރުގެ މަޖޫރީން މިއަދު މަސައްކަތް ހުއްޓާލައިފި އެވެ. އެކަމަކު އަނެއްކޮޅުން މުދާ އުފުލާ ލޯރިތަކާއި ޕިކަޕްތައް މަގުތަކުން ހުސްވުމުން، ޓްރެފިކަށް ލުއިވި ތަން ވެސް ފެނެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އާ އުސޫލަށް މިއަދު އަމަލު ކުރަން ފަށާފައިވާއިރު ވިޔަފާރި ބަނދަރުން ދޯނި ފަހަރަށް މުދާ ބަރުކުރަން ކަނޑައަޅާފައިވާ ގަޑިއަކީ ހެނދުނު 8:00 އިން ހަވީރު 6:00 އެވެ. މާލެ ތެރޭގެ ފިހާރަތަކާއި އާއްމު ތަންތަނަށް ލޮރީ، ޕިކަޕް، ވޭން ފަދަ އުޅަނދު ބޭނުންކޮށްގެން މުދާ އުފުލޭނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.
އާންމުކޮށް ހެނދުނު އަށެއް ޖަހާއިރު މަސައްކަތް ފަށާ މަޖޫރީން މަސައްކަތްކުރަން މިއަދު ދެކޮޅުހެދީ އާ އުސޫލުގެ ސަބަބުން އެ މީހުންގެ މަސައްކަތް ބުރަވާނެތީ އެވެ. އެ މީހުން ބުނާ ގޮތުގައި ދުވާލުގެ އިތުރުން ރޭގަނޑު ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ.
ބީއެމްއެލް ބާޒާރު ބްރާންޗް ކުރިމަތީގައި މަޖޫރީނަށް ހާއްސަކޮށްފައިވާ ޖަގަހާގައި ގިނަ އަދަދެއްގެ މަޖޫރީން މަޑުކޮށްގެން ތިބީ އެވެ. އެމީހުން ބުނަމުން ދަނީ ކުރިން ވެސް އޮތް ގޮތަށް މުދާ އުފުލުމުގެ ފުރުސަތު ދިނުމަށެވެ.
ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި މަޖޫރީއަކު ބުނީ މިހާރު ގަވައިދު އޮތް ގޮތުން އެމީހުން މުޅި ދުވަހު އެއްކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
"މިހާރު މިޖެހެނީ ހެނދުނު އައިސް ދޯނިތަކަށް މުދާ ހުސްކުރަން. އެކަން ނިންމާފައި އިރު އޮއްސުނީމަ މިޖެހެނީ ހެނދުނު ހައެއް ޖަހަންދެން އެއްގަމަށް މުދާ ހުސްކުރަން،" އޭނާ ބުންޏެވެ.
"ދެން ކޮން އިރަކުތޯ ނިދާނީ؟ މިހެން މިކަމެއް ނުވާނެ."
އާ އުސޫލުގެ ކުރިން މަޖޫރީން މަސައްކަތްކުރަމުން އައީ ދޯނިފަހަރަށާއި މާލެ ތެރެއަށް ދުވާލުގެ ކޮންމެ ވަގުތެއްގައި ވެސް މުދާ އުފުލުމުގަ އެވެ. އޭރު އެ މީހުންގެ މަސައްކަތް ހަވީރު ހަތަރެއް ޖަހާއިރު ނުވަތަ ރޭގަނޑުު ނުވައެއް ޖެހުމުގެ ކުރިން ނިންމާލަ އެވެ.
އެކަމަކު މިހާރު އެމްޕީއެލުން މާލެ ތެރެއަށް މުދާ ދޫކުރަން ފަށަނީ ވެސް އިރުއޮއްސި ހައެއް ޖެހުމުންނެވެ. އެހެންކަމުން ކޮންޓޭނަރު ކެނޑުމާއި ގުދަންތަކަށް މުދާ ގެންދިއުމުގެ މަސައްކަތް ފެށޭނީ އިރުއޮއްސި ހައެއްޖަހާ އިރު އެވެ.
އެހެން މަޖޫރީއަކު ބުނިގޮތުގައި ކޮންޓޭނަރުތަކުން މުދާ ހުސްކުރުމުގެ މަސައްކަތް އެ ގަޑީގައި އެކަނި ކުރުމުން އެ އެއްޗެހި އުފުލޭ ވަރަށް ލޮރީ ވެސް ނެތެވެ. އެހެންކަމުން މަޖޫރީން 24 ގަޑިއިރު މަސައްކަތްކޮށްގެން ނޫނީ މުދާ ހުސްނުކުރެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މަޖޫރީން ބުނަމުން އަންނަނީ އެ ގަވައިދަށް ބަދަލު ނުގެންނަނީސް ދެން މަސައްކަތް ނުކުރާނެ ކަމަށެވެ.
މަގުތައް ކުރިއަށް ވުރެ އަމާން
އެއް ތަނުން އަނެއް ތަނަށް މުދާ އުފުލުމަކީ މާލޭގެ ތޮއްޖެހިފައިވާ މަގުތަކަށް އޮތް ވަރަށް ބޮޑު މައްސަލައެކެވެ. މިއަދު އެގޮތަށް މުދާ އުފުލާ ލޮރީތަކާއި ޕިކަޕްތައް މަގުތަކުގައި ނުދުއްވާތީ، ޓްރެފިކް ބާރު، ނިސްބަތުން ވަރަށް ކުޑަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި މުދާ އުފުލުން ވަކި ގަޑިތަކަކަށް ކޮންޓްރޯލްކުރުމުން މަގުތަކުގެ ތޮއްޖެހުން ކުޑަވާނެ އެވެ. އެކަމަކު ރާއްޖޭގެ ވިޔަފާރީގެ އެންމެ ބޮޑު ރަށުގައި ހިންގާ ފިހާރަތަކަށް އޭގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އެންމެ ފުރަތަމަ އާ އުސޫލު އާންމުކުރީ ރޭގަނޑު 10 ގެ ފަހުން މުދާ އުފުލޭ ގޮތަށެވެ. އެކަމަކު ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާ އެކު، ގަޑި ބަދަލުކުރީ އިރުއޮއްސި ހަޔަކުން ފެށިގެން މުދާ އުފުލޭ ގޮތަށް ހަމަޖައްސައިފަ އެވެ.
ވިޔަފާރިވެރިންގެ ކަންބޮޑުވުން
ވިޔަފާރިވެރިންގެ ކަންބޮޑުވުން އަދިވެސް ފިލައިގެން ނުދެ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި މި ބަދަލުގެ ސަބަބުން އެއްޗެހީގެ އަގު ބޮޑުވުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ރޭގަނޑު މަސައްކަތްކުރަން ފެށުމުން ލޮރީ އާއި ޕިކަޕްތަކުގެ އަގާއި މަޖޫރީންގެ އަގު ވެސް ބޮޑުކުރާނެތީ އެވެ.
މާލޭގެ މަގުތައް ތޮއްޖެހުމުން ދުރުކުރަން ބޭނުން ކަމަށް ވިޔަފާރިވެރިން ވެސް ބުނެ އެވެ. އެކަމަކު އެއީ މިހާރު އޮތް ގޮތަށް ހަމައެކަނި އުސޫލެއް ހަމަޖައްސައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ މީހުން ބުނެ އެވެ.
"ވަރަށް ބޮޑު އުނދަގޫތަކާ ކުރިމަތިވާނެ. މިއީ ކުޑަ ކަމެއް ނޫން،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި، ރާއްޖޭގެ އިސް ވިޔަފާރިވެރިިޔަކު ވިދާޅުވި އެވެ.
"މުދާ އުފުލާ އުޅަނދުފަހަރު ހުންނަ ވިިޔަފާރިވެރިންނަށް ތަންކޮޅެއް ފަސޭހަވާނެ. އެކަމަކު ކުއްޔަށް އެއްޗެހި ނަގައިގެން އުޅޭ މީހުންނަށް ވަރަށް ބޮޑު މައްސަލައެއް މިއީ."